ޤައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް

ޚަބަރު ފަހުގެ

ޤައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ އާއިލާތަކުގެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޤައުމީ ލޯތްބާއި، ޤައުމީ ޚިދުމަތާއި، ޤައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ޤައުމުގެ ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާއިލާތަކުގެ ގުޅުން ވަރުގަދަކޮށް، ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއްދޭކަން އަދުގެ ސަރުކާރުންވަނީ ހާމަކުރައްވާއްވައި މުޙިއްމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އެ މީހުންގެ އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން އެހީތެރިކަން ދޭން ވަނީ ނިންމަވާފައެވެ. ގިނަ އާއިލާތަކުން އުމުރުން ދުވަސްވީމީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ ދިރިއުޅުމުގެ ހާލަތު ހުންނަގޮތުން ބެލެން ނެތުމުން ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީގެ އިތުރުން އާއިލާތަކުގެ ހާލަތު ބެލުމަށް ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ “ހާލު ކިހިނެއް؟”ގެ ނަމުގައި ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައެވެ.

މި ޕްރޮގްރާމުގެ ދަށުން އާއިލާތަކުގެ ހާލަތު ދެނެގަނެ، އެ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރެވިގެންދާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު އާއިޝަތު ޝިހާމް ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ