މަދަނީ ޖަމިއްޔާތަކަށް އެހީ ދޭން ނިންމައިފި

ޚަބަރު ފަހުގެ

މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްއިއްޔާތަކަށް އެކަންޏެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުންކަމަށެވެ.

ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަަލަށް، ފައިސާ ހޯދުމަށް ޕްރޮފޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލް ހުށައެޅޭނީ csogrant@youth.gov.mv އީމެއިލް މެދުވެރިކޮށެވެ.

ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓަރީގެ ކޮޕީ، މަޝްރޫއު ނުވަތަ ހަރަކާތުގެ އެކިއެކި ކަންތައްތަކާ ހަވާލުވާ ފަރާތްތައް ކަމުގައި ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތްތަކުގެ އައި.ޑީ.ކާޑު ކޮޕީގެ އިތުރުން ރަށުތަރައްގީ ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓެއްނަމަ، ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުން އަދި މަޝްރޫއު ނުވަތަ ހަރަކާތާއި ގުޅޭ އެހެނިހެން ލިޔެކިޔުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ