އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑު ގަަދަވުމުން ދަތުރުކުރުމަށް ބުރުއަރާފައިވާތީ މޫސުމީ ހާލަތަށް ބަލައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ކޮންމެ ދަންފަޅިއެއް ވެސް 2-3 ގަޑިއިރަށް ފައްތައިގެން ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ކިޔަވައިދިނުމުގެ ވަގުތުތައް މަދުކުރުމަށްފަހު، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮ ކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ބުލީކުރުމާ ދެކޮޅަށް ސްކޫލުތަކުގައި އެ ދުވަސްވަރު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން އެދެ އެވެ.
ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ވަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށްފަ އެވެ. ނަމަވެސް، މި މަހުގެ މެދުތެރެއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމުން، ކަނޑު ދަތުރު ކުރުމުގައި ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.
ރަށްރަށުން ދަތުރު ނުކުރެވި ތާށިވެފަ ތިއްބެވި ޓިޗަރުންނަށް އޮތީ ކޮން ގޮތެއްތޯ؟