އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަނީ

ޚަބަރު ފަހުގެ

އިންޑިއާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށް އިސްވެ ހުށަހެޅީ އިންޑިއާ އިން ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ރާއްޖެއާ އެކުގައި ގާއިމު ކުރުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް ހުޅުއްވާލައްވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 2004 ގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ސޮއިކުރިއެވެ. ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ނަމުގައި ގާއިމު ކުރި މި އެއްބަސްވުން އަދިވެސް ދެމިއެބައޮތެވެ.

ސައީދު ވިދާޅުވީ، ވީހާ ވެސް ގިނަ ގައުމުތަކާ އެކު، ވިޔަފާރީގެ ފަސޭހަ ގޮތްތައް ހޯދުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ތުރުކީއާ އެކު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާތްގަނޑަކަށް ދެ ބައްދަލުވުން ފަހުގެ މަރުހަލާގައި އޮތް އިރު، މި އެއްބަސްވުމުގެ ދަށުން އެ ގައުމަށް މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތާ އެކު މިފަދަ އެއްބަސްވުމެއް ހެދިފައި އޮތް އިރު، އެ އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރުމަށް ސަރުކާރުން ބޭނުންވާ ކަމުގައި ސައީދު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ