ބައެއް މަޝްރޫޢުތައް ލަސްވަނީ ބިމާ ގުޅޭ ބައެއް ހުއްދަތައް ނުލިބިގެން – ރީޖަނަލް އެއަރޕޯޓްސް

ޚަބަރު ފަހުގެ

ކުންފުންޏަށް ސީދާ ބާރު ނުފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ބައެއް މަޝްރޫޢުތައް ލަސްވެފައިވީ ނަމަވެސް އެއަރޕޯޓްތަކުގެ ތަރައްޤީއަށް ކުރަން ނިންމާފައިވާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެކަމުގެ ޔަގީންކަން ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ދީފިއެވެ.

ޕްރޮޖްކްޓްތައް ލަސްވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ރީޖަނަލް އެއަރޕޯޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުންފުންޏާ ހަވާލުކޮށްފައިވާ ބައެއް މަސައްކަތްތައް ބޭނުންވާ ސްޕީޑްގައި ކުރިއަށްނުގޮސް، ލަސްވަމުންދާކަން ކުންފުނިން ގަބޫލުކުރާކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބަކީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ހުއްދަތައް ލަސްވަމުންދިއުންކަމަށް އެ ކުންފުނިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގަން ހަވާލުކޮށްފައިވާ ބިންތަކަކީ އެކިއެކި ރަށްރަށަށް ނިސްބަތްވާ ބިންތަކުން ވައިކުރެވިފައިވާ ސަރަޙައްދުތައްކަން ފާހަގަކުރައްވަމުން ރީޖަނަލް އެއަރޕޯޓްސްއިން ބުނެފައިވަނީ އެ ބިންތަކުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ކުރެވެމުންދާ މުހިއްމު މަސައްކަތްތަކަކީ އެކިއެކި ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ލިބިގެން، ކުރެހުންތައް އެޕްރޫވްކޮށްގެން ނޫނީ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަންކަންކަމަށެވެ.

މަސައްކަތްތައް ފެށުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ ބިންތަކުގެ ރަޖިސްޓްރޭޝަންގެ ކަންކަން ނިންމުންކަމަށްވާއިރު، މިއަދާ ހަމައަށްވެސް އޭގެ ގިނަ މަސައްކަތްތައް ނުނިމޭކަމަށާއި އެއީ ކުންފުނިން ސީދާ ކުރެވެން ހުންނަ ކަންކަން ނޫންކަމަށް ރީޖަނަލް އެއަރޕޯޓްސްގެ ބަޔާނުގައިވަނީ ބުނެފައެވެ.

އެހެންކަމުން މަސައްކަތްތައް އަވަސްކުރަން ބިމުގެ ރަޖިސްޓްރީގެ މަސައްކަތްތަކާ ގުޅޭ އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި އެ މަސައްކަތް އަވަސްކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާކަމަށާއި އެކަމަށް ކުންފުނީގެ މެނޭޖްމަންޓް ލެވަލްގައި ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނެފައިވަނީ ވަކި ކުންފުންޏެއްގެ ގޮތުގައި ރީޖަނަލް އެއަރޕޯޓްސް ކުންފުނި އުފެއްދި ދުވަހުން ފެށިގެން، އެއަރޕޯޓްތަކުގެ ފެންވަރު ރަނގަޅުކޮށް ހުންނަންޖެހޭ ސްޓޭންޑަރޑްތަކަށް އެއަރޕޯޓްތައް ގެނައުމަށް ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އާ މެނޭޖްމަންޓާއެކު އެ މަސައްކަތްތައް އިތުރަށް ހަލުވިކޮށްފައިވާކަމަށެވެ. މިއާއެކު މިހާރު ފަށާފައިވާ މަސައްކަތްތަކާ އަދި ސަރުކާރުން ރާވާފައިވާގޮތަށް އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ވަނީ ބުނެފައެވެ.

ރީޖަނަލް އެއަރޕޯޓްސްގެދަށުން ހިންގަމުން އައީ 6 އެއަރޕޯޓެކެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވަނީ ކައްދޫ އެއަރޕޯޓްގެ ހިންގުންވެސް އެކުންފުންޏާ ހަވާލުކޮށްފައެވެ. ޗައިނާގެ ކުންފުންޏަކާ ގުޅިގެން އެ އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުންވެސް މިހާރު ކުންފުންޏާ ހަވާލުވެފައި ހުރި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ