ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއަށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ރޭވި ގޮތަށް މިހާތަނަށް ކުރިއަށް ނުގެންދެވުނު ކަމަށާއި އެހެންވެ އެ މަަސައްކަތް އެހެން ގޮތްތަކެއް ހޯދައިގެން ކުރިއަށް ގެންދަން މަސަައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފެށި ފަހުން އެކަމަށް ބޭނުންވާ ފައިސާ ސީއެމްސީ އަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މަސައްކަތް އަލުން އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަޝްރޫއު ބަޖެޓްގައި ޖެހުމުން ވެސް ކަނޑާލާފައި އޮތުމުން ކަމަށާއި އެހެންވެ އެ މަޝްރޫއު ސީދާ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
“ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ނުދިޔައީމާ މިނިސްޓްރީން ނަގާފައި މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފްސީލް މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ރަސްމާލެ އަށް ބޭނުންވާ ހުރިހާ ބިމެއް މި އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމުމެވެ.
ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށެވެ. އެއީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމައިފަ އެވެ.
ދައުލަތުން ހަރަދެއް ކުރުމުގެ ބަދަލުގައި ބިންތަކެއް ދޭ ގޮތަށް 8 މަސް ތެރޭ މަސައްކަތް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ. އޭރުގެ ތާވަލަށް ބަލާ ނަމަ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމަން ޖެހެ އެވެ.