ސްވިމިން އެސޯސިއޭޝަންގެ ރައީސް ކަމަށް ހަތަރު ވަނަ ދައުރަކަށް ސައްތާރު

ކުޅިވަރު ފަހުގެ

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުވެވަޑައިގެންފި އެވެ.

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު މިއަދު ކުރިއަށްގެންދިޔައިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލީ އެންމެ ފަރާތެއް ކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ސައްތާރު، ހަތަރު ވަނަ ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ، މިއަދުގެ ވޯޓުގައި ބައިވެރިވި، 66 މެމްބަރުންގެ ތެރެއިން 64 ވޯޓާ އެކު އެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދިނެވެ.

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުވީ، މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ، އިސްމާއިލް އަލީ އެވެ. އޭނާ އަށް ވޯޓުގައި ބައިވެރިވި، 66 މެމްބަރުންގެ ތެރެއިން 63 ވޯޓު ލިބުނެވެ.

ހިންގާ ކޮމިޓީގެ އެހެން މަގާމުތަކަށް އިންތިހާބުވި މެމްބަރުންނަށް ބަލާއިރު، ހަޒާންދާރަކަށް އަބްދުﷲ ޝަމީމް އިންތިހާބުވީ، 66 މެމްބަރުންގެ ތެރެއިން 63 ވޯޓު ހޯދައިގެންނެވެ. ކްލަބް ރިޕްރެޒެންޓްކުރާ މެމްބަރަކަށް އަލީފް އަބްދުﷲ ނަސީމް އިންތިހާބުވީ، ވޯޓުގައި ބައިވެރިވި ހަތަރު މެމްބަރުންގެ ވެސް ތާއީދާ އެކުގަ އެވެ.

ކޯޗުންގެ ރިޕްރެޒެންޓްކުރާ ފަރާތަކަށް، އަހުމަދު ފިރާސް އަފީފް އިންތިހާބުވީ، 14 މެމްބަރުންގެ ތެރެއިން 13 ވޯޓު ހޯދައިގެންނެވެ. ޓެކްނިކަލް އޮފިޝަލުން ރިޕްރެޒެންޓްކުރާ މެމްބަރަކަށް ހަސަން ސިރާރު ހޮވުނީ، ވޯޓުލި 13 މެމްބަރުންގެ ވެސް ތާއީދާ އެކުގަ އެވެ.

ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ އަންހެން މެންބަރަކަށް ރަހީމާ އާދަމް އިންތިހާބުވީ، 62 މެމްބަރުންގެ ތެރެއިން 60 ވޯޓު ހޯދައިގެންނެވެ. އަދި ފަރުދީ މެމްބަރުން ރިޕްރެޒެންޓްކުރާ ފިރިހެން މެމްބަރަކަށް މުހައްމަދު ނައްވާރު އިބްރާހިމް އިންތިހާބުވީ، 62 މެމްބަރުންގެ ތެރެއިން 59 ވޯޓު ހޯދައިގެންނެވެ.

އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ ހަތަރު އަހަރުގެ ދައުރު ފަށާނީ އަންނަ މަހުގެ 25 އިން ފެށިގެންނެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ