މާފުށި ބްރާންޗުން ޑޮލަރު ނެގޭ ގޮތަށް ހަދައި ބީއެމްއެލްގެ ހިދުމަތް ފުޅާކޮށްފި

ޚަބަރު ފަހުގެ

ކ. މާފުށީގެ ބީއެމްއެލް ބްރާންޗުން ޑޮލަރު ނެގޭ ގޮތަށް ހަދައި އާއްމުންނާއި ވިޔަފާރިތަކަށް ދޭ ހިދުމަތްތައް ފުޅާކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެ ރަށުގައި ހުންނަ ބްރާންޗުގެ ހިދުމަތްތައް ފުޅާކުރުމަށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމާއި ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުން ފަދަ ހިދުމަތްތައް ހިމެނޭ ކަމަށެވެ. އަދި ޗެކް ޑިޕޮސިޓްކުރުމާއި ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ހިދުމަތްތައް ތައާރަފްކޮށްފައިވާ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ބޭންކުން ބުނި ގޮތުގައި އެ ބްރާންޗުގައި ބަހައްޓާފައިވާ އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ޓްރާންސްފާގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ބީއެމްއެލްގެ ޑައިރެކްޓަ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުއްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވާއިރު، އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެ، ބޭންކިންއަށް އޮތް ޑިމާންޑު ބޮޑުވެފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކަށް ބޭނުންވެފައިވާ ބޭންކިންގެ ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ އެ ބެންކަށް ލިބޭ އުފަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

“މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި، ވިޔަފާރިތަކަށް އަދި މި ރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.” ނިމާލް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސް ހިންގާ މާފުށީގައި 59 ގެސްޓްހައުސްގައި 1،900 އަށް ވުރެ ގިނަ އެނދުން ހިދުމަތްތައް އަންނަނީ ދެމުންނެވެ. އެ ރަށަކީ ގެސްޓްހައުސްތަކުން އެންމެ ބޮޑު އަދަދަކަށް ދައުލަތަށް ޓެކްސް ވަންނަ ރަށެވެ.

މުޅި ރާއްޖެ ހިމެނޭ ބެންކިން ވިއުގަޔާ އެކު ބީއެމްއެލްއިން 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ދަނީ ހިދުމަތްދެމުންނެވެ. އެ ބެންކަކީ އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއި އެކު އާއްމުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ