މިޔަރެއް ދިން ހަމަލާގައި މަރުވި ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

ޚަބަރު ފަހުގެ

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި އަސްކަރީ ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް މަރުވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ، ރަސްމީ ޢިއްޒަތުގައި، އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައި އިސްލާމީ މަރުކަޒުގައި ބާއްވައިފިއެވެ.

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

ކޯޕްރަލް މުޙައްމަދު ޒައިދާން މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މި ޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެއެވެ.

ރ.އުނގޫފާރުގައި މިއަދު ބޭއްވި މި ޖަނާޒާގައި ސިފައިންގެ އިތުރުން، ރ. އުނގޫފާރުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

ޒައިދާން މަރުވެފައި ވަނީ ކަނޑުގައި ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް، މިޔަރެއް ދިން ހަމަލާއަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ. މިޔަރު ހަމަލާދީފައިވަނީ ޒައިދާންގެ ފައިގެ ފަލަމަސްގަނޑަށް ކަމަށާއި މި ހަމަލާގެ ސަބަބުން އޭނާގެ ގައިން ވަރަށް ބައިވަރު ލޭ ހުސްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ