ތިން މަސް ތެރޭގައި ގޯތި ދޭން ލާޒިމުކުރި ބިލް މަޖިލީހުން ބޭރުކޮށްލައިފި

ޚަބަރު ފަހުގެ

ބިމާބެހޭ ގާނޫނަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އެ އިސްލާހާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން އެ އިސްލާހުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ 75 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.

ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

ތިން މަސްދުވަހުގެ ތެރޭގައި ގޯތިހަވާލުކުރަން ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ބަދަލުގެންނަން، މީކާއީލް ހުށަހެޅުއްވި ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށް ޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވި އެވެ. އެހެންނަމަވެސް ފަހުން ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިފަ އެވެ. އޭރު 19 ވަނަ މަޖިލީހުގެ ދައުރު ވަނީ ނިމިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ