ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އިސްލާހުކުރަނީ

ޚަބަރު ފަހުގެ

ދެން އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެއްކޮށް ބޭއްވުމަށް ގާނޫނު އާސާސީ އިސްލާހުކުރަން ރައްޔިތުންގެ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދު ކުރަން ޖެހުނުއިރު، ނިމިދިޔަ މަޖިލިސް އިންތިހާބަށް ދައުލަތުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. އަދި އެންމެ ފައިދާ ހުރިގޮތަކީ ދެ އިންތިހާބު އެއްކޮށް ބޭއްވުން ކަމަށާއި އެހެންވެ، އެ ބަދަލު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

“މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ. އެހެންވީމަ ގާނޫނު އަސާސީއަށް މިކަމުގައި ގެންނަންޖެހޭ އިސްލާހު މިކަމުގައި އެބައޮތް. ގާނޫނު އަސާސީއަށް މި އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން.” ރައީސް ވިދާޅުވި އެވެ.

“ރައްޔިތުންގެ މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް، ދެން 2028 ވަނަ އަހަރު މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް.” އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ވީ ނަމަވެސް، އިންތިހާބުތައް ބާއްވަން ޖެހޭނީ ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެހޭ ގޮތަކަށް ކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އޮންނަނީ ކައިރި ކައިރީގައި ކަމަށް ވާއިރު، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ. އެ 120 މިލިއަން ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް، ސަރުކާރަށް ނިންމައި ދެވޭނެ. އެތައް ކަމެއް ނިންމައިދެވޭނެ.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

ގާނޫނު އަސާސީ އޮންނަ ގޮތުން ރައީސާއި މަޖިލިސް މެމްބަރުން އިންތިހާބުކުރާ ގޮތަށް ބަދަލެއް ގެންނަން ފާސްކުރާ އިސްލާހެއް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހު އެވެ. އަދި އެ ވޯޓުގައި ރައްޔިތުން އެގޮތަށް ތާއީދު ނުކުރާ ނަމަ އެ ބަދަލު ނުގެނެވޭނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ