ޕެރިސް އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލައިދޭނީ ދީމާއާއި އިބާދުﷲ

ކުޅިވަރު ފަހުގެ

ފްރާންސްގައި ފަށަން ތައްޔާރުވާ އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ދިދަ އުފުލައިދޭ އެތުލީޓުންކަމަށްވާ ފާތިމަތު ދީމާ ޢަލީއާއި އިބާދުﷲ އާދަމަށް ދިވެހި ދިދަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުކޮށްދެއްވައިފިއެވެ.

ޖުލައި 26 އިން ފެށިގެން އޮގަސްޓް 11 ވަނަ ދުވަހަށް ކުރިއަށްދާ އޮލިމްޕިކްސްއަށް ރާއްޖެއިން ދާނީ ތާރީޚީ އެންމެ ބޮޑު ކޮންޓިންޖެންޓެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ ދިދަ އުފުލައިދޭ ދެ އެތުލީޓުންގެ ތެރެއިން ދީމާއަކީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވެގެން ވާދަކުރާ ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 16 އަހަރުގެ ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ދެކުނު އޭޝިއާގެ ކޮލިފައިން ބުރުގައި ވާދަކޮށްގެންނެވެ. ދީމާ އޮލިމްޕިކްސްއިން ޖާގަ ހޯދީ ނޭޕާލުގައި ކުރިއަށްދިޔަ ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ 4-1 ސެޓުން ބަލިކޮށްގެންނެވެ.

އިބާދުﷲ އާދަމަކީ އެތުލެޓިކްސްއިން މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓެވެ. މި ފަހުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބެލި ޓައިމް ޓްރަޔަލްސްތަކުގައި އެންމެ ރަނގަޅު ޓައިމިންއެއް ނެރުނު އެތުލީޓަކީ އިބާދުﷲއެވެ. އެގޮތުން ޓައިމް ޓްރަޔަލްގައި އިބާދުﷲ ވަނީ 10.50 ސިކުންތުން 100 މީޓަރުގެ ރޭސް ނިންމާފައެވެ.

މިއީ ގދ. ތިނަދޫއަށް އުފަން އިބާދުﷲ އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. އިބާދުﷲއަށް ޖެމެއިކާގެ ދެ އަހަރުގެ ޓްރެއިނިން ސްކޮލަރޝިޕެއް ލިބުނީ އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންނެވެ. އެގޮތުން އިބާދުﷲއަކީ މިދިޔަ ފަސް އަހަރެއްހާ ދުވަހު ގައުމީ ޓީމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޒުވާން ފިރިހެން އެތުލީޓެވެ.

ޖުމްލަ ފަސް އެތުލީޓުން މިފަހަރުގެ ގޭމްސްގައި ވާދަކުރާއިރު، އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާއެވެ. ނަބާހާއަކީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނެ އެތުލީޓުންނަކީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤްއެވެ. އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައެޅީ ވޯލްޑް އެކުއަޓިކްސްއިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން، އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބިގެންނެވެ.

ރާއްޖެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ