ބިދޭސީން ގެނެސް އިހުމާލުވާ ނަމަ ޖޫރިމަނާ ކުރަނީ

ޚަބަރު ފަހުގެ

ބިދޭސީން ގެނައުމަށްފަހު އެ ފަރާތްތަކާ މެދު އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާ މެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި އަދި މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އަދި އެފަދަ ޢަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.

އަދި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ޤަވާޢިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިޒޯޓްތަކާއި ސިނާޢީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތާއި 10 އިނގިލީގެ ފިންގަރޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީ މީހާ ދެނެގަތުމާއި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރރޭޝަން ޕްރޮގްރާމެއް ހިންގުމާ އަދި އަމިއްލައަށް އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުން ވެސް ހިމެނެ އެވެ.

ޤާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކާ ވަޒީފާއާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ