ޓާމް ޗުއްޓީތަކުގައި ޓީޗަރުން ސްކޫލްތަކަށް ނުނެރެން އެޑިއުކޭޝަނުން އަންގައިފި

ޚަބަރު ފަހުގެ

ދިރާސީ އަހަރުގެ އެއްވެސް ޓާމެއްގެ ޗުއްޓީގައި ޓީޗަރުން ވަޒީފާ އަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެ މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި ޓީޗަރުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޓީޗަރުންނާއި ޕްރިންސިޕަލުންގެ “ވޯކްލޯޑް” ކުޑަކުރުމަށް މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް މީގެ ކުރިން ވެސް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރު މިނިސްޓްރީގެ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޓީޗަރުންގެ “ވޯކްލޯޑް” ކުޑަކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރެއިން އަބަދު އެކްޓިވްކޮށް ހުންނަ ވައިބާ ގްރޫޕްތަކާ ގުޅިގެން ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިނިސްޓްރީން މިދިޔަ މަހު ވަނީ ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރުމަށް ކޮންމެ ކްލާހެއްގައި ހުންނަ ވައިބާ ގްރޫޕްތައް ނުހެދުމަށް ވެސް އަންގައިފަ އެވެ.

އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލެއް ނަމަ އިރުއޮއްސި 6 ގެ ފަހުން އެއްވެސް ޓީޗަރަކު ނެރެގެން ނުވާނެ ކަމަށާއި ދެ ދަންފަޅި އަށް ކުދިން ގެންދާ ސްކޫލެއް ނަމަ ރޭގަނޑު 9 ގެ ފަހުން ޓީޗަރުން ނުނެރުމަށް ޕްރިންސިޕަލުންނަށް އަންގާނެ ކަމަށް މިނިސްޓަރު އިސްމާއިލް އޭރު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ