ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވަނީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް އެ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް، ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަވައިފަ އެވެ.
ރައީސްގެ އަމިއްލަފުޅު މުސާރައިން 50 ޕަސެންޓް އުނިކުރުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ރައީސްގެ މިހާރުގެ މުސާރައަކީ 100،000ރ. އެވެ. މި އިސްލާހާ އެކު ރައީސް ދެން ނަންގަވާނީ 50،000ރ. ގެ މުސާރައެކެވެ.
ރައީސްގެ ނިންމެވުންތައް
* ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.
* ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން.
* މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން.
* ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
ރައީސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000ރ. އަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުން އިސްތިސްނާވާނެ ކަމަށެވެ.
ދަރަނި ބޮޑުވެ، ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސްފައި ވާތީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރަން ވެސް ރައީސް ވަނީ މިދިޔަ ހަފުތާގައި ނިންމަވައިފަ އެވެ. އެ ނިންމެވުމުގެ ސަބަބުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.