( 20 ޑިސެމްބަރ 2020 އާ ގުޅޭ)
“ބައްޕާ. މީޓް ނަތާޝާ.. ބައްޕަގެ ނިއު ޕީއޭ..” އެ ކުއްޖާ އައިސް އާޒިމް ކުރިމަތީ ހުއްޓުމާއެކު އަޒާން އޭނާ ތައާރަފްކޮށްދިނެވެ. “ބައްޕަ ބުނިހެން މިފަހަރު އަޅުގަނޑު ސެލެކްޓް ކުރީ..” އަޒާން ބުނެލިއެވެ. އެއާއެކު އާޒިމް ނަތާޝާއާއި ސަލާމްކޮށްލިއެވެ. އަދި އޭނާއާއި އެކު ކެބިންއަށް އައުމަށް އެދުނެވެ. އެ ދެމީހުން އާޒިމްގެ ކެބިންއަށް ވަދެގެން ދިޔަ ތަން އަޒާން ހުރީ ބަލާށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރެވެ.
ކުޑަދޮރުގެ ފަރުދާތައް ދަމާލާފައި ހުރި އިރު، ބޭރުގެ އެއްވެސް އަލިކަމެއް ކޮޓަރިއަށް ވަނުން މަނާ ކޮށްފައި ހުރި ކަހަލައެވެ. ނަމަވެސް ފަރުދާގެ ތެރެއިން ފުރޭނިގެން އަންނަ ފަނޑުފަނޑު އަލިން ކޮޓަރީގެ ތަންތަން ވަކިވާ ވަރު ވެއެވެ. އޭސީގެ ފިނިކަން މުޅި ކޮޓަރީގައި ހިފާލާފައި ހުއްޓެވެ. އެނދުގައި އަޅާފައި އޮތް ބޯ ރަޖާގަނޑުގެ ދަށުގައި އިނާން އޮތީ ނިދާފައެއް ނޫނެވެ. ބޭރަށް ނިކުންނަ ހިތް ނުވެފައެވެ. ހޭލި ގޮތަށް އޭނާ އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. ޑިސްޕްލޭއިން ފެންނަން އިނީ އިޒާނީގެ ފޮޓޮއެވެ. އެއަށް ބަލަން އޮވެވުނީ ކިހާ އިރަކު ކަމެއް އޭނާއަކަށްވެސް ނޭނގުނެވެ. އިޒާނީ ނުފެނި ހޭދަވި މި ތިން ދުވަސްވެސް އޭނާއަށް އިހުސާސްވީ ތިން އަހަރު ފަދައިންނެވެ.
އިނާންގެ ބަސްނާހާ ހިތް ބުނަމުން ދިޔައީ އިޒާނީގެ ހާލު ބަލާލުލަށެވެ. އެ ހިތުގެ ގޮވުމަށް އިޖާބަދޭން އިނާންއަށް މަޖުބޫރުވީ އޭނާވެސް އެކަމަށް ބޭނުންވެފައި ހުރި ވަރުންނެވެ. އެންމެ ފަހުން އިނާން ވައިބާ ހުޅުވާލިއެވެ. އިޒާނީގެ ނަމުގައި އިނގިލި ޖައްސާލިއެވެ. އެއާއެކު އިޒާނީއާއި އޭނާ ބަދަލުކޮށްފައި ހުރި މެސެޖުތައް ހުޅުވުނެވެ. އިނާންގެ އިނގިލިތައް ހަރަކާތް ކުރަމުން ދިޔައީ އިޒާނީއަށް މެސެޖެއް ލިޔުމަށެވެ.
“ހައި އިޒާނީ.. ކިހިނެއްތަ؟ ތި ލޯބިލޯބި މޫނު ނުފެންނާތީ ވަރަށް މިސްވޭ. ހިތަށް އަރާ ހަމަ މި ވަގުތު ތި ހުރި ތަނަކަށް ގޮސްފާނަމޭ. އެހާ ދެކިލާ ހިތްވެފަ މިއޮތީ. އައި މިސް ޔޫ ސޯ މަޗް…” މެސެޖު ލިޔެލުމަށްފަހު އިނާން އެ މެސެޖު ކިޔާލިއެވެ. ހަމަ އެ ސިކުންތުން އެ ލިޔުނު އެއްޗެއް ފޮހެލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. އިޒާނީއަކީ މީހެއްގެ އަނތްބެއް ކަން އޭނާއަށް ހަނދާންވީއެވެ. ނަމަވެސް އިޒާނީގެ ހަބަރެއް ބަލާލުމަށް އޭނާ އަލުން މެސެޖެއް ލިޔެ ފޮނުވާލިއެވެ.
އިރު މެދުޖެހެމުން އައި އިރު އޭގެ ހޫނުކަން ވެސް އިތުރުވަމުން ދިޔައެވެ. އިރުގެ އަލި އެޅިފައިވާތީ މޫދު ހީވަނީ ފެހިނޫކުލައިން ދިއްލާލާފައި އޮތް ހެނެވެ. މަޑު ވައި ރޯޅި ޖެހެމުން ދިޔައިރު ހިތްތަކަށް ދިރުން ގެނުވަމުންދިޔައެވެ. ކޮޓަރިން ނިކުންނަމުން އިޒާނީގެ ބޮލުގައި ތޮތްޕެއް އަޅާލާ، ލޮލަށް އަވި އައިނު ހެޔޮވަރު ކޮށްލިއެވެ. އޭނާ ގޮސް ޕޫލު ދޮށުގައި އިށީނދެލަމުން، ޕޫލަށް ދެފައި ތިރިކޮށްލިއެވެ. ރޭގެ ހާދިސާއަށް ފަހު އޭނާ އެހުރީ ޒަޔާންއާއި އަނގައިންވެސް ބުނާނެ ހިތްވަރެއް ނުލިބިފައެވެ. ޒަޔާން ބުނި ގޮތުން، އެއީ އޭނާއަށް ނިދީގައި ކުރެވުނު ކަމެކެވެ. ނަމަވެސް އިޒާނީގެ ހިތް އެކަމަށް އެއްބަސް ނުވަނީއެވެ. ޒަޔާން އެފަދަ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
ހިތްހަމަ ޖައްސާލުމަށް އިޒާނީ ފޯނުން ފޮޓޯއެއް ނެގިއެވެ. ފޮޓޯއިން ފުޅާ ހިނިތުންވުމެއް ފެނުނަސް، އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ނުތަނަވަސްކަން ބަލާ މީހަކަށް ނޭނގޭނެއެވެ. ސޯޝަލް މީޑިއާއަށް އެ ފޮޓޯ ދޫކޮށްލުމާއެކު ރިއެކްޓް ތަކާއި ކޮމެންޓްތައް ލިބެންފެށިއެވެ. ހަމަ އެވަގުތު ވައިބާއިން މެސެޖެއް އައެވެ.
“ހައި، އިޒާނީ.. ކިހިނެއްތަ؟” އިނާންގެ މެސެޖެކެވެ. މާ ބޮޑު ވިސްނުމަކާއި ނުލާ އޭނާ އެ މެސެޖުގެ ޖަވާބު ފޮނުވާލިއެވެ.
“ހައި.. އައިމް ގުޑް. އިނާން ސަރ ކިހިނެއްތަ؟” ޖަވާބުގައި އިޒާނީ ލިޔުނެވެ.
“ކޮންތާކު ތި އުޅެނީ؟ ކޮފީއަކަށް ދާން ވާނެ އެއްނު އެންމެން ދެން ދިމާވީމަ.. އެންމެ ފަހުން ދުވަހު ވެސް އަވަހަށް ފިލީ… ދެން ފަހަރަކުން ދާން ވާނެ އިނގޭ…” އެއާއެކު އިނާންގެ މެސެޖުތައް ފުލުފުލުން އަންނަން ފެށިއެވެ. އެވަގުތު ޒަޔާންވެސް ކޮޓަރިން ނިކުމެގެން އިޒާނީއާއި ދިމާލަށް އަންނަނީއެވެ. ފުރަގަސްދީގެން އިން އިޒާނީއަށް އެކަމެއް ނޭނގެއެވެ.
“އިޒޫ..” ޒަޔާންގެ އަޑަށް އިޒާނީ ދިޔައީ ސިހިގެންނެވެ. އޭނާގެ އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. އަތުން ދޫވަމުންދިޔަ ފޯނު މޭގައި ޖައްސާލަމުން އިޒާނީ ބަލާލީ ޒަޔާންގެ މޫނަށެވެ. އޭނާ އިޒާނީ ގާތު އިށީނެވެ. އިޒާނީއާއި ގާތްވެލުމަށް ޒަޔާން ކުރި މަސައްކަތް ފެއިލްވީ އިޒާނީ ދުރަށް ޖެހެލުމުންނެވެ.
“ދީބަލަ ފޯނު… ފޮޓޯއެއް ނަގަން.” ޒަޔާން ބުނި އެއްޗެއް މިފަހަރު އިޒާނީއަށް އަޑު އިވުނު ކަމަކަށް ނުހެދިއެވެ. އޭނާ ދުރު ބަލަހައްޓައިގެން އިނީއެވެ. ޒަޔާން އޭނާގެ އެދުން ދެވަނަ ފަހަރު ތަކުރާރުކޮށްލުމުން އިޒާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވީ ޒަޔާންއާއި ކުރިމަތިލާން އުޅޭހެންނެވެ.
“ޒަޔާން ފޯނުންވެސް ފޮޓޯ ނެގެއެއްނު..” އިޒާނީ ބުނެލިއެވެ. ޒަޔާން ހައިރާންވީ، މިވީހާ ދުވަހު ޒަޔާންގެ ހުރިހާ އެދުމަކަށް އިޖާބަ ދެމުންދިޔަ އިޒާނީ މިއަދު އެގޮތަށް އަމަލު ނުކުރީތީއެވެ. އެކަމާ ހިތްހަމަ ނުޖެހި، އިޒާނީގެ އަތުން އޭނާ ފޯނު ޖަހައިގަތެވެ.
“މިިހެންވެ ދޯ ފޯނު ނުދައްކަން ތިއުޅެނީ؟” ޒަޔާންގެ އަތުން އިޒާނީއަށް ފޯނު ދައްކާލަމުން ބުނެލިއެވެ. އޭގައި ފެންނަން ހުރީ ދާދި ދެންމެއަކު އިނާންއާއި ވާހަކަ ދައްކާފައި ހުރި މެސެޖުތަކެވެ. “މި ދޯ މާ ސިއްރުން އިނދެ ތިކުރާ ކަމަކީ…” ޒަޔާން ބަލާލީ އިޒާނީގެ މޫނަށެވެ.
“ސިއްރުން ކުރާ ކަމެއް ނަމަ ޒަޔާންއަށް ތި މެސެޖުތައް ނުވެސް ފެނުނީސް.. ތީގަ ނެތެއްނު ޒަޔާން ރުޅި އަންނަ ވަރުގެ ވާހަކައެއް ދައްކާފައެއް..” އިޒާނީގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. އޭނާ ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. އެކަން ޒަޔާންއަށް ކަމަކު ނުދިޔައެވެ.
“މީ އަދި ފެންނަން ހުރި ކަންކަން.. މަށަށް ނުފެންނަ ކިތައް ކަމެއް އަދި އޮންނާނެ… އިޒާނީއަށް އެނގޭނެ މަ ހިތްހަމަ ޖެހޭ ކަމެއް ނޫންކަން މީ. ގައިމު ކޮންމެވެސް ކަމެއް ވާތީ ދޯ ހުއްޓާ ނުލެވިގެން ތިއުޅެނީ.” ޒަޔާންގެ އަޑުންވެސް އޭނާ ރުޅި އައިސްފައި ހުރި މިންވަރު ހާމަވިއެވެ.
“ތިހާ އިތުބާރު ނުކުރެވޭ މީހަކާ އެކު އުޅެނީ ކީއްކުރަން؟ ދޫކޮށްލަންވީނު.. އޭރުން ތި ޝައްކުތައް ކުރާކަށް ނުޖެހޭނެ އެއްނު.” އިޒާނީ ބޮލުގައި އެޅުނު އިލްޒާމުތަކުގެ ސަބަބުން އޭނާވެސް ރުޅި އަންނަ ގޮތްވިއެވެ. އޭނާ އިން ތަނުން ފުންމައިގެން ތެދުވެ ޒަޔާންއާއި ދުރަށް ހިނގައިގަތެވެ. އެހެނަސް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ޒަޔާން އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ތީ ތަ ނުވެގެން ތިއުޅޭ ކަމަކީ؟ މަށަށްވުރެ މާ ރީތި މީހެއް ފެނުނީ ދޯ.” ޒަޔާން ބުނެލިއެވެ. “އިޒާނީ ބޭނުމިއްޔާ މިހާރުވެސް ދޯކޮށްލަފާނަން. މަށަށް ނުކެރޭނެ ކަމަށްތަ ހީކުރީ..” ޒަޔާން ދެއްކި ވާހަކަ އަޑު އެހުމުގެ ބަދަލުގައި އިޒާނީ އުޅުނީ އޭނާގެ އަތުން މިންޖުވެގެން ދުރަށް ދާށެވެ. އެހިނދު ޒަޔާންގެ އަތުގެ ހޫނު ހަމަލާއެއް އިޒާނީގެ ކޯތާފަތް މައްޗަށް އަމާޒުވިއެވެ. އެއާއެކު ގަދަ ހަދަމުންދިޔަ އިޒާނީ ކުއްލިއަކަށް މައިތިރިވިއެވެ. ޒަޔާންއަށްވެސް ހަމަހޭވެރިކަން ވީ އެވަގުތެވެ. ހަމަ އެ ހިނދުން އިޒާނީ މެޔާ ބޮނޑިކޮށްލިއެވެ. ނަމަވެސް އިޒާނީ އެކަމަކަށް އިޖާބައެއް ނުދިނެވެ. އޭނާ ބޭނުންވީ ޒަޔާންގެ އަތްދަށުން ސަލާމަތްވާށެވެ.
“ލެޓް ގޯ އޮފް މީ.. އައި ވޯންޓް ޓު ގޯ.. އައި ވޯންޓް ޓު ގޯ ހޯމް..” އިޒާނީ އައިސްފައި ހުރި ރުޅިގަނޑު އެންމެ ފަހުން ކަރުނައަށް ބަދަލުވެ ލޮލުން ފައިބަން ފެށިއެވެ. އޭނާ ބުނަމުންދިޔައީ އޭނާ ދޫކޮށްލުމަށެވެ. އަދި އޭނާ ބޭނުންވަނީ ގެއަށް ދިޔުމަށް ކަމަށް އިޒާނީ ބުނަމުންދިޔައެވެ. ޒަޔާންއަށް އެ ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އިހުސާސްވީ އެހިސާބުންނެވެ.
“އައިމް ސޮރީ ބޭބީ.. އައިމް ސޯ ސޮރީ..” އިޒާނީގެ ގައިގައި ބާރަށް ބައްދާލައިގެން ހުރެ ޒަޔާން ތަކުރާރުކޮށް މައާފަށް އެދުނެވެ. “އައި ލަވް ޔޫ ސޯ މަޗް.. ޕްލީޒް ޑޯންޓް ލީވް މީ.. އިޒޫއާ ނުލާ ނުވެސް އުޅެވޭނެ. މަރުވާނެ… ޕްލީޒް ނުދޭ.” ޒަޔާންގެ ލޯބިވެތި ބަސްތައް އިވުމުން އިޒާނީ މާ ބޮޑަށް ހިތުގައި ޖެހުނެވެ. ޒަޔާން އެވަނީ ކޮންކަހަލަ ލޮއެއްބެއް ހެއްޔެވެ؟
އޮފީހަށް ވަދެގެން އައި އިރު ނަތާޝާ ފެންނަން ނެތުމުން އާޒިމްގެ މޫނުމަތިން ފޫހިކަން ފާޅުވީ، އޭނާ އޮފީހަށް ނާންނަ ކަމަށް ހީކޮށެވެ. އޭނާ ގޮސް ކެބިންއަށް ވަން އިރު ނަތާޝާ ހުރީ އެތަނުގައި ފައިލް ބަހައްޓާ ހަރެއް ކައިރީގައެވެ. އާޒިމް ވަން އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. އެކަން ފޮރުވާުމަށް ނިކަން އަވަހަށް ނަތާޝާ ހިނިތުންވެލިއެވެ.
“ގުޑް މޯނިން، ސަރ.” އާޒިމްއާއި ދިމާލަށް ހިނގައިގަންނަމުން އޭނާ ބުނެލިއެވެ. އެހިނދު އޭނާ އަރައިގެން ހުރި ބޫޓުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. އާޒިމް ހުރީ އޭނާއަށް ކަޅިޖަހާ ނުލާ ބަލަހައްޓައިގެންނެވެ. “ކޮފީއެއް ހަދަންވީތޯ؟” އާޒިމް ގޮސް ގޮނޑީގައި އިށީނުމުން ނަތާޝާ އަހާލިއެވެ. އާޒިމް އާއެކޭ ބުނުމުން ދެކޮފީ ތަށި ހަދައިގެން އައިސް، އެއްތަށި އާޒިމް ކުރިމަތީގައި ބެހެއްޓިއެވެ. އަދި އަނެއް ތަށި ހިފައިގެން ނަތާޝާ އާޒިމް ކުރިމަތީގައި އިން ގޮނޑީގައި އިށީނެވެ.
“10 ގަ އެބައިން މީިޓިންއެއް. ވިތް ދަ ދުބައި އިންވެސްޓާސް.. އެބައުޓް ދަ ބާ އެޓޯލް ޕްރޮޖެކްޓް.” ދުވަހުގެ މުހިންމު ކަންކަން އޭނާ ކިޔާދެމުންދިޔައެވެ. އޭރު އާޒިމްގެ ލޯ ސީދާފެވައި ހުރީ ނަތާޝާ ލައިގެން އިން ގަމީހުގެ މޭމަތިން ގޮށެއް ނައްޓާލެވިފައިވާތީ، އެދިމާލަށެވެ. “އެންޑް އެމީހުންނާއެކު މިއަދު ލަންޗްވެސް އޮތީ.. ދޮންވެލީގަ.” ނަތާޝާ ވާހަކަ ދައްކާ ނިމުމުންވެސް އާޒިމް އެއްޗެއް ނުބުނެ އިނީއެވެ. އޭނާ ބަލަހައްޓައިގެން އިނީ ކޮން ތަނަކަށް ކަން ނަތާޝާއަށް އެނގުނެވެ. އެހެންކަމުން އޭނާ އާޒިމްއަށް ގޮވާލިއެވެ. “ސަރ..”
“ނަތާޝާވެސް ވާނެ ދާން.. އާފްޓަރއޯލް ޔޫ އާރ މައި ޕާސަނަލް އެސިސްޓެންޓް ދޯ.” އާޒިމް ހިނިތުންވެލިއެވެ. ނަތާޝާއާއި ދޭތެރޭ އޭނާ ހިތްހަމަ ޖެހޭކަން އެކަމުންވެސް ފާޅުވިއެވެ. “އެންޑް ޕްލީޒް ކޯލް މީ އާޒިމް. މީހުން ކުރިމަތީ ސަރ ކިޔަސް، ދެމީހުން އެކަނި މިހެން އުޅޭ އިރު އާޒިމް ކީމަ ވަރަށް އުފާވާނެ.” އާޒިމް ބުނެލިއެވެ. އެއާއެކު ނަތާޝާ ތެދުވެގެން ބޭރަށް ނިކުތެވެ.
“މައި ގޯޑް. ހީ އިޒް ސަޗް އަ ޕާވާޓް..” އާޒިމްގެ ކެބިންއިން ނިކުމެވުމާއެކު ނަތާޝާއަށް ބުނެލެވުނެވެ. ނަސީބަކުން އެ އަޑު އިވޭ ހިސާބުގައި އިތުރު މީހަކު ނެތެވެ. އޭނާއަށް ހާއްސަ ކުރެވިފައި ހުރި މޭޒު ދޮށުގައި އޭނާ އައިސް އިށީނެެވެ. އަދި މޮބައިލް ފޯނު ދަބަހުން ނަގާ ފޯނެއް ކޮށްލިއެވެ.
“ޔޫ ބުނި ގޮތަށް ކެމެރާތައް ހަރުކޮށްފަ ހުންނާނީ… ކިރިޔާ ބަސްޓް ނުވީވެސް. އެންމެ ލާސްޓް ކެމެރާ ފައިލް ހަރުގަ ބައިންދަން އުޅެނިކޮށް އޭނަ އައީ.. އެކަމަކު އިޓްސް އޯލް ޑަން.” ފޯނު ކަންފަތުގައި ޖަހައިގެން އިނދެ އޭނާ ވާހަކަ ދެއްކިއެވެ. “ދެން ކިހާ ދުވަހަކު މިހެން އުޅެން ޖެހޭނެތަ؟ މިއަދުވެސް އިނީ މަގޭ މޭމައްޗަށް ބަލަހައްޓައިގެން. ކިރިޔާ ކަންފަތްމަތީ ބޮނޑިއެއް އަޅާ ނުލެވުނީ..” ނަތާޝާ ވާހަކަ ދެއްކީ ވަރަށް ގާތް މީހަކާކަން އޭނާގެ އަޑާއި ރާގުން ހާމަވިއެވެ. (ނުނިމޭ)