އިބްތިހާލް މަރާލިކަން ސާބިތުވެ، މަންމަ އާފިޔާއަށް 20 އަހަރުގެ ޖަލު ޙުކުމެއް

ޚަބަރު ފަހުގެ

ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލިކަން އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، އޭނާ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އަދި ކައްފާރައިގެ ގޮތުގައި ހިޖްރީ ކަލަންޑަރުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ކްރިމިނަލް ކޯޓުން އާފިޔާގެ މައްޗަށް ކުރި މިޙުކުމްގައިވެއެވެ. އަނިޔާ ލިބުނު ފަރާތުގެ އާއިލީ ވާރިސެއް ނެތުމުން ގިސާސް ހިފެން ނެތް ކަމަށްވެސް މިޙުކުމްގައި ކަނޑައަޅާފައިވެއެވެ. މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އިބްތިހާލްގެ މަންމަ ފަރާތު މާމަ ބުނެފައިވާ ކަމަށް ވެސް މައްސަލަ ބެއްލެވި ޤާޟީވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޤާޟީ ސަމީރު ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބަލާއިރު އެ މައްސަލާގައި އާފިޔާގެ ކިބައިން މަރަށް މަރު ނުހިފޭނެ ކަމަށެވެ. ސަބަބަކީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް (މަރުގެ އަދަބު) ނުހިފޭނެ ކަމަށް ޖުމްހޫރީ އިލްމުވެރިން ވިދާޅުވާތީ ކަމަށާއި އެގޮތަށް ސުންނަތް ޖަމާއަތުގެ މަޒްހަބުތަކުގައި އަމަލުކުރާ ކަމަށް ޤާޟީ ވިދާޅުވިއެވެ.

ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ މަންމަ އާފިޔާ އެ ކުއްޖާ މަރާލާފައިވަނީ ދެހާސް ފަނަރަ ވަނަ އަހަރުގެ ކުރީ ކޮޅެވެ.

ދައުލަތުން ވ. ރަކީދޫ، ލައިޓް ހައުސް، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ކުރާ ދެ ދަޢުވާއަކީ ގަސްދުގައި ކުއްޖަކު މެރުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެކެވެ. މި ދެ ދައުވާ އަށް އާފިޔާވަނީ އިއުތިރާފްވެފައެވެ.

އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ.

އެ މައްސަލައިގައި އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ފިރިމީހާ، އިބްތިހާލްގެ ދޮން ބައްޕަވެސް ހެކިބަސް ހެކިބަސްދީފައިވަނީ އާފިޔާއާއި ދެކޮޅަށްކަން ފާހަގަކޮށްލެވެއެވެ.

އާފިޔާގެ ކިބައިގައި ނަފްސާނީ އެއްވެސް މައްސަލައެއް ނެތް ކަމާއި އާފިޔާއިން ބަދަލު ހިފުމުގެ ރޫހެއްގައި މި އަމަލުތައް ހިންގާފައިވަނީ “ހޭ ބުއްދި ނެތިގެން” ނޫން ކަން ޝަރީޢަތް ނިމުމުގެ ގޮތުގެ ރިޕޯރޓްގައި ފާހަގަކޮށްފައިވާއިރު، އާފިޔާ ކުޑައިރުގައި އޭނާގެ ދޮންބައްޕަ އޭނާއަށް ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދު އަހުލާގީ އަމަލުތައް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން އިންސާފު ލިބިފައި ނުވާ ކަންވެސް ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.

އެ ކަންކަމަށް އިންސާފު ނުލިބި އޮށްވައި އާފިޔާ ވެސް ކުށުގެ ވެށީގެ ތެރެއަށް ވަދެ އޭނާ ކުރި އަނިޔާތަކުގެ ސަބަބުން އަމިއްލަ ދަރިފުޅު އިބްތިހާލް މަރުވެގެން ދިޔަކަންވެސް ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.

ކުށް ސާބިތުވީ އާފިޔާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކަމަށް ވާތީ އޭނާގެ އިއުތިރާފްގެ ސަބަބުން އަދަބު ކުޑަ ކުރަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް އާފިިޔާ އަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދިން ދިފާއީ ވަކީލު ހުސްނީ މުބާރަކް ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން އެކަަމަށް ދެކޮޅު ހެދީ އާފިޔާ އިއުތިރާފުވުމަށް ފަހު، ފަހުން އެކަމަށް އިންކާރުކޮށް، އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާތީއެވެ.

އާފިޔާ 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި ފަސް އަހަރާއިި 11 މަސް ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ އިތުރަށް ޖަލުގައި ހޭދަ ކުރަން ޖެހޭނީ 15 އަހަރުގެ މުއްދަތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ