ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 23 ޑިސެމްބަރ 2020 އާ ގުޅޭ)

“ދެން ދުވަހަކުވެސް ޝައްކު ކޮށްގެން ނުވާނެ.. ޕްރޮމިސް މީ..” އިޒާނީީ އޭނާގެ ކަނާއަތް ޒަޔާންއާއި ދިމާލަށް ދިއްކޮށްލިއެވެ. އެ އަތުގައި ހިފަމުން ޒަޔާން ހުވާ ކުރީ ދެން ދުވަހަކުވެސް އިޒާނީއަށް އެފަދަ ޝައްކުތަކެއް ނުކުރާނެ ކަމަށެވެ. ޒަޔާންއަށް އެ ވައުދު މަތީ ކިހާ ދުވަހަކު ހުރެވޭނެ ބާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޓާމު ޗުއްޓީއަށް ފަހު ސްކޫލުތައް ހުޅުވުނެވެ. އިޒާނީއާއި ޒަޔާން އެކުގައި އެ ޗުއްޓީ ހޭދަ ކުރެވުމުން، ދެމީހުންވެސް ތިބީ ހިތްހަމަ ޖެހިފައެވެ. އާދައިގެމަތިން، ޒަޔާން ސައިކަލުގައި އިޒާނީ ސްކޫލަށް ގެންގޮސްދިނެވެ. އިޒާނީ ސައިކަލުން ފޭބި ވަގުތު އިނާންވެސް އައިސް ސްކޫލް ގޭޓުން ވަންނަނީއެވެ. އޭނާ އިޒާނީއަށް ހިނިތުންވުމެއް ހަދިޔާ ކުރި ނަމަވެސް އިޒާނީ އެކަމާ އަޅާ ނުލީ ޒަޔާން ހިތްހަމަ ނުޖެހޭނެކަން އެނގޭތީއެވެ.

“ނިންމާފަ ގުޅާ އިނގޭ..” އެހެން ބުނުމަށްފަހު ޒަޔާން ސައިކަލު ދުއްވާލިއެވެ.

މަސައްކަތްތައް ނިންމާލުމަށްފަހު އިޒާނީ ގެއަށް ދިޔުމަށް ތެދުވި ވަގުތެވެ. އޭނާއާއި އެކު މަސައްކަތްކުރާ ޓީޗަރެއް ކަމަށްވާ، ހިދާޔާ އޭނާއަށް ގޮވާލިއެވެ. އަދި އޭނާއާއި އެކު ދާން މަޑުކުރުމަށް އެދުނެވެ. އެހެންކަމުން އެކަން މެސެޖަކުން ޒަޔާންއަށް އަންގާލުމަށްފަހު އިޒާނީ މަޑުކޮށްލިއެވެ. ހިދާޔާ އައުމުން އިޒާނީ އޭނާއާއި އެކު ހިނގައިގަތެެވެ. ދެމީހުން މަޑުމަޑުން ހިނގާފައި ދިޔައިރު އެކި ވާހަކަތައް ދެކެވުނެވެ.

“ހިނގާބަލަ ސައިބޯލަން ވަންނަން.” ދިޔަ މަގުމަތީގައި ހުރި ކެފޭއަކަށް އިޝާރާތް ކުރަމުން ހިދާޔާ ބުނެލިއެވެ. “ލަސް ވާނެތަ؟” އިޒާނީ ވިސްނަން ހުރުމުން އޭނާ އަހާލިއެވެ. އެއާއެކު ނޫނެކޭ ބުނެ ހިނިތުންވެލަމުން ހިދާޔާއާއި އެކު އެ ކެފޭއަށް އޭނާ ވަނެވެ. އަދި މޭޒެއް ދޮށުގައި އިށީނުމަށްފަހު އޯޑަރު ދިނެވެ. ސައި ބޯން އިން ވަގުތު ހިދާޔާގެ ފޯނަށް ތަކުރާރުކޮށް މީހަކު ގުޅަމުންދިޔައެވެ. ނަމަވެސް ކޮންމެ ފަހަރަކު އޭނާ އެ ކޯލު ކަނޑާލައެވެ. އިޒާނީ ހިތުގައި ސުވާލު އުފެދުމުން، އެ ސުވާލު ނުކޮށް އޭނާއަކަށް ނީނދެވުނެވެ.

“ކާކުތަ މާ ވަރަކަށް ގުޅަނީ؟” އާދައިގެ ގޮތަކަށް އިޒާނީ އަހާލިއެވެ.

“ސޫން ޓު ބީ.. އެކްސް ހަސްބަންޑް.” އެހެން ބުނި އިރު ހިދާޔާގެ މޫނުމަތިން ހިތާމައިގެ އެއްވެސް އަސަރެއް ފާޅުވާން ނެތުމުން އިޒާނީ ހައިރާންވިއެވެ.

“އޯހ.. އައިމް ސޯ ސޮރީ.” އިޒާނީގެ ހިތް ހަމްދަރުދީން ފުރުނެވެ. ހިދާޔާ މޭޒުމަތީ ބާއްވާފައި އޮތް އަތުގައި އޭނާ ހިފާލިއެވެ.

“އިޓްސް އޯކޭ.. އައިމް ނޮޓް ސޮރީ.” ހިދާޔާ ހިނިތުންވެލީ، އެކަމާ އޭނާ ހިތާމަ ނުކުރާ ކަމަށް ބުނެލަމުންނެވެ. އެއާއެކު އިޒާނީ އިތުރަށް އެކަން އޮޅުން ފިލުވަން ބޭނުންވިއެވެ.

“ހަމަ އެއްގޮތަކަށްވެސް ދެރައެއް ނުވޭތަ؟” އިޒާނީ އަހާލުމުން ހިދާޔާ ބޯ ޖަހާލިއެވެ. “އެއީ ކީއްވެ؟ އަޅެ ވީގޮތް ކިޔާދީބަލަ، އިފް ޔޫ ޑޯންޓް މައިންޑް.” އެނގެން ބޭނުންވީ ވަރުން ހިދާޔާގެ ވާހަކަ އިތުރަށް ކިޔާދިނުމަށް އިޒާނީ އެދުނެވެ. އެއާއެކު ހިދާޔާގެ ހަށިގަނޑު މޭޒާއި ކައިރިކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

“ދެ އަހަރު ރިލޭޝަންޝިޕްގަ އުޅެފަ މެރީ ކުރީ.. ބޮޑު ޕާޓީއެއްވެސް ބޭއްވިން. ދެން ފުރަތަމަ ދުވަސްކޮޅު ވަރަށް ހެޕީކޮށް އުޅުނީވެސް.” އެ ދުވަސްތައް ހަނދާން ކުރަމުން ހިދާޔާ ވާހަކަ ދެއްކިއެވެ. “ދެން ކިޔަވަން މާލެ އައީ. އެހިސާބުން މުޅި މީހާ ބަދަލުވެއްޖެ. އޭނަ ގުޅާ އިރު ފޯނު ނުނެގިި ކުޑަ އިރުކޮޅެއް ލަސް ވިޔަސް ރުޅި ގަދަވާން ފެށީ. ބޭރަށްވެސް ނުދެވެ، ރައްޓެހިންވެސް ނުގެންގުޅެވޭ. ދެން ކައިރިއަށް އަންނަ ކޮންމެ ފަހަރަކު ފޯނު ޗެކު ކުރޭ. އެކަމަކު ހިޑީއަކަށް އޭނާގެ ފޯނެއް ދުވަހަކުވެސް ނުދައްކާ.” ހިދާޔާގެ ވާހަކަ އެހިސާބަށް ދިޔުމާއެކު އިޒާނީގެ ހިތް ބާރަށް ތެޅެންފެށިއެވެ.

“ދެން އެހެން އުޅެނިކޮށް ޕްރެގްނެންޓްވީ. އޭރު ނަސީބަކުން ޑިގްރީ ނިމިފަ ހުރީ.. އެ ދުވަސްކޮޅު އޭނަވެސް ވަރަށް ރަނގަޅު. އެކަމަކު ތިން މަސް ވާން އުޅެނިކޮށް ބޭބީ މިސްކެރިއޭޖް ވީ. މިހާރު ހިތަށް އަރާ، ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށޭ ބުނާ ވާހަކައަކީ ހަމަ ތެދެކޭ.” ހިދާޔާ ވާހަކަ ދައްކަމުން ދިޔަ އިރު އިޒާނީ އިނީ ކަޅި ޖަހާ ނުލާ އޭނާއަށް ބަލަހައްޓައިގެންނެވެ. ހިދާޔާގެ ހަޔާތާއި އޭނާގެ ހަޔާތާއި އެއްގޮތް ކަންތައްތަކެއް ހުރުމުން އޭނާއަށް ގަބޫލު ކުރަންވެސް ދަތިވިއެވެ.

“ދެން އޭގެ ފަހުން އަނެއްކާވެސް ކުރިން ކަންތައް ވީ ގޮތަށް ހުރިހާކަމެއް ބަދަލުވީ. ހިޑީވެސް އަނެއްކާ ކިޔަވަން ފެށީ. އޭރު ހަމަ ގެއިން ކުލާހަށް، ކުލާހުން ގެއަށް. ބޭރަށް ނިކުމެއްޖެއްޔާ އޭނައަށް ހީވަނީ ހިޑީ ޗީޓް ކުރަނީއޭ. އެއްވެސް އިތުރު ތަނަކަށް ނުދަން. އޭރު ފީލްވީ ކޮށްޓެއްގަ ބަނދުވެވިފަ އިންނަހެން..” ހިދާޔާގެ ވާހަކަތައް ކުރިއަށް ގެންދަމުން ދިޔަ އިރު އިޒާނީގެ ހިތަށް ފުން އަސަރުތަކެއް ކުރަމުންދިޔައެވެ.

“ދެން ވީ ގޮތަކީ.. ހިޑީގެ ލެޕްޓޮޕް ހަލާކުވެގެން އޭނަގެ ލެޕްޓޮޕް ފޮނުވަން ބުނީ.. ދެން ކޯހުގަ އުޅޭތީ ވަރަށް ފަސޭހައިން ފޮނުވައިފި. އޭނައަށް އެންމެ މިސްޓޭކެއް ހެދިފަ އިނީ.. އަޅެ ގެސްކޮށްބަލަ؟” އިޒާނީއާ ދިމާލަށް ބަލާލަމުން ހިދާޔާ އަހާލިއެވެ. ނަމަވެސް އިޒާނީ އިނީ ބަހެއް ބުނެވޭފަދަ ހާލަކު ނޫނެވެ.

“ފޭސްބުކް ލޮގް އައުޓްވެފަ އެކަމަކު ޕާސްވޯޑް ސޭވްކޮށްފަ. ހީ ފޮގޮޓް ޓު ޗޭންޖް އިޓް އޯލްސޯ.. އޭނަގެ އައިޑީ ބަލާލި އިރު މިހުރީ ހުސް އަންހެން ކުދިންނާ ވާހަކަ ދައްކާފަ.. ގަޑި ކިޔާފަ. ނުވިތާކަށް ފާޑުފާޑުގެ ހަޑި ފޮޓޯވެސް ފޮނުވާފަ. އެހިސާބުން މި އެނގުނީ އޭނަ ފޯނު ނުދައްކާ އުޅުނު ސަބަބު. އެ ދުވަހު ހީވި ދެން މި ނިމުނީއޭ.” ހިދާޔާގެ ވާހަކަ އެހިސާބަށް ދިޔައިރު އިޒާނީގެ މޫނުމަތިން ހައިރާންކަން ފިޔަވާ އިތުރު އެއްޗެއް ފެންނާކަށް ނެތެވެ.

“ދެން ބުނީ ސެކަންޑް ޗާންސް ދޭށޭ.. އެކަންވެސް ކޮށްދިނިން. އެކަމަކު ސެކަންޑް ޗާންސް ދީފަ މަހެއް ނުވެ ހިޑީމެން ރަށު ކުއްޖަކު ގުޅާފަ ބުނަނީ އޭނަގެ ވާހަކަ. ގަބޫލެއްވެސް ނުކުރެވުނު.. އެކަމަކު އެ ކުއްޖާ ސްކްރީން ޝޮޓްތައް ދެއްކީމަ ކިތަންމެ ބޭނުން ނުވިޔަސް ގަބޫލުކުރަން ޖެހުނީ. އޭގެ ފަހުން ރީތިގޮތުގަ ޑައިވޯސް ކޮށްދޭށޭ ކިޔާ ކިޔާ ނުކޮށްދިން. މިހާރު ކޯޓަށް ފޯމް ލައިގެން މިއުޅެނީ.. އެހެންވެ އެވަރަކަށް އެ ގުޅަނީ. ދެން އެކަމަކު ފަސް އެނބުރި ބަލާވެސް ނުލާނަން.” ހިދާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އިޒާނީ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“އަސްލު ބުނަން. ހިޑީ ހާދަ ބޮޑު ސެކްރިފައިޒް ތަކެއް ކުރީމޭ އޭނައަށްޓަކާ.. ހުރިހާ ރައްޓެހިންވެސް ދޫކޮށްލަން ޖެހުނީ އޭނައާ ހެދި. އޭނައަށް ދުވަހަކުވެސް ހިޑީގެ ފަރާތުން ކަމެއް އުނިވެފައެއް ނޯންނާނެ. އަދި ދުވަހަކުވެސް ފިރިހެނަކާއެކު އެއްވެސް ކަހަލަ ގުޅުމެއް ނުބާއްވަން. އެކަހަލަ ކަމެއް ކުރަން ހިތަށްވެސް ނާރާ. އެކަމަކު އޭގެ ބަދަލުގަ އޭނަ އެހެން ކަންތައް ކުރީމަ ފޫހިވާނެ ދޯ.. އިޒޫ ނަމަވެސް ވާނީ އެހެން.” ހިދާޔާ އެހެން ބުނި ނަމަވެސް އެފަދަ ހާލަތެއްގައި އޭނާގެ އަމިއްލަ ނަފްސު، އިޒާނީއަކަށް ސިފައެއް ނުވެސް ކުރެވުނެވެ. އެފަދަ ދުވަހެއް އައިސްފި ނަމަ އޭނާ ހިތްދަތިވެގެން މަރުވެސް ވެދާނެއޭ އިޒާނީ ހިތަށް އެރިއެވެ. އޭނާ ޒަޔާންދެެކެ އެހާވެސް ލޯބިވެއެވެ.

“ހިޑީ ހާދަ ހިތްވަރު ގަދައޭ އެހެންވީމަ… އައި ކެނޮޓް އިމޭޖިން މައި ލައިފް ވިތްއައުޓް ހިމް..” ޒަޔާންއާއި ނުލާ ދިރިއުޅުން ހިތަށް ވެސް ނުގެނެވޭ ކަމަށް އިޒާނީ ބުނެލިއެވެ.

“ކުރިން ހިޑީވެސް ހަމަ ތިހެން ހިތަށް އެރި.. އެކަމު ކިއްކުރާނީ ދޯ.” ހިދާޔާ އެހެން ބުނުމާއެކު އިޒާނީގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ޒަޔާންއެވެ. އޭނާ އެގުޅަނީ އިޒާނީ ގެއަށް އައުން ލަސްވެގެންކަން އިޒާނީއަށް އެނގުމުން އޭނާ ވަގުތުން ފޯނު ނެގިއެވެ.

“މީނީ ބުރުޒު މަގުގަ އިން ކޮފީ ކޯނާރ ކިޔާ ކެފޭ އެއްގަ….. ހިދާޔާ މިސް އާ އެއްކޮށް.. އިރުކޮޅަކުން މި ނިމެނީ.” ފޯނު ނެގުމާއެކު އިޒާނީ ބުނެލިއެވެ. ހިދާޔާ އިނީ އިޒާނީ ދެއްކި ވާހަކަތައް ކަނުލާ އަޑު އަހާށެވެ.

ރޭގަނޑުގެ ހިތްގައިމު ފިނި ވައިރޯޅި ޖެހެމުންދިޔަ ވަގުތެވެ. މާލޭގެ އެންމެ ބޭރު މަގުގައި ސައިކަލު ދުއްވަމުން ދިޔަ އެތަކެއް ބަޔަކު އުޅުނެވެ. ގިނައީ ލޯބިވެރިންގެ ޖޯޑުތަކެވެ. އިޒާނީއާއި ޒަޔާން ވެސް އެ މާހައުލުން ހިތްހަމަޖެހުން ހޯދަމުން ދިޔައެވެ. ދެމީހުން ސައިކަލުގައި ތިބި އިރު އެ ދެމެދަށް ވައިރޯޅިއެއްވެސް ވަންނާނެ ޖާގައެއް ނެތެވެ. އިޒާނީގެ ދެއަތުން ޒަޔާންގެ އުނަގަނޑުގައި ހިފައިގެން އިން އިރު، ޒަޔާން އިރުއިރުކޮޅާ އިޒާނީގެ އެއް އަތުގައި ހިފާލައެވެ. މާލެ ވަށާ ދެތިން ބުރު ޖަހާލުމަށްފަހު ޒަޔާން މިސްރާބުޖެހީ ގެއާއި ދިމާލަށެވެ.

ގެއަށް ވަދެވުމާއެކު ޒަޔާން އިޒާނީ ނަގާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. އަދި އިޒާނީ ގޮވައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު އިޒާނީ އެނދުމަތީ ބާއްވާލިއެވެ. އަދި އިޒާނީގެ މޫނާއި މޫނު ކައިރިކޮށްލުމަށްފަހު އިޒާނީގެ މަޑު ތުންފަތުގައި ބޮސްދިނެވެ. އެއާއެކު ޒަޔާން ލައިގެން ހުރި ގަމީހުގެ ގޮށްތައް އިޒާނީ ނައްޓަން ފެށިއެވެ. އެ ދެ ހަށިގަނޑުގައި އެއް ވިންދެއް ޖަހަން ފަށާކަށް މާ ގިނަ އިރެއް ނުވިއެވެ.

ޒަޔާންގެ ނޭވާ ކަނުލާ އަޑު އަހަން އޮތް އިޒާނީއަށް އޭނާ ނިދިކަން ޔަގީންވުމާއެކު އެނދުން ތެދުވިއެވެ، އަދި ފާހާނާއަށް ވަދެ ފެންވަރާލުމަށްފަހު ނިދާ ހެނދުމެއް ގަޔަށް ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު، ޒަޔާން އޮތް ފަޅީގައި ހުރި ކުޑަ ކަބަޑުމަތީ ބާއްވާފައި އޮތް ޒަޔާންގެ ފޯނު ނެގިއެވެ. އެވަގުތު އިޒާނީގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ހީވަނީ މޭ ފަޅާ ނިކުންނަން އުޅޭ ހެންނެވެ. ތުުރުތުރު ލަމުންދިޔަ އަތަކާއެކު އޭނާ ޒަޔާންގެ ކަނާ އަތުގެ ބޮޑުވައި އިނގިލި އެ ފޯނުގެ ސްކްރީނުގައި ޖައްސާލިއެވެ. އެއާއެކު އެ ފޯނުގެ ތަޅު ހުޅުވުނެވެ.

ފޯނު ހުޅުވުމުން އެއަށް ބަލަހައްޓައިގެން އިޒާނީއަށް ހުރެވުނެވެ. މި ކުރެވެނީ ރަނގަޅު ކަމެއް ބާއޭ އޭނާ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް ޒަޔާންގެ ފޯނު ނުބަލާ ދެން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ހެނެއް ހިޔެއް ނުވެއެވެ. މިއަދު ހިދާޔާ ދެއްކި ވާހަކަތައް އަދިވެސް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދިޔައެވެ. އެހެންކަމުން ޒަޔާންގެ ފޯނު ހިފައިގެން އޭނާ ގޮސް އިށީނީ ކޮޓަރީގައި ހުރި ސޯފާގައެވެ. އެ ފޯނު ބަލާލި އިރު، ސޯޝަލް މީޑިއާގެ އެޕްތައް އިޒާނީއަށް ފެނުނެވެ. އެހިސާބުން އެކަން ހުއްޓާލުމަށް އިޒާނީގެ ހިތް ބުނަމުންދިޔައެވެ. ނަމަވެސް މިހާ ހިސާބަށް އައިސް ފަހަތަށް ޖެހެން އޭނާ ބޭނުމެއް ނުވިއެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ