( 30 ޑިސެމްބަރ 2020 އާ ގުޅޭ)
ފޯނު ހުޅުވުމުން އެއަށް ބަލަހައްޓައިގެން އިޒާނީއަށް ހުރެވުނެވެ. މި ކުރެވެނީ ރަނގަޅު ކަމެއް ބާއޭ އޭނާ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް ޒަޔާންގެ ފޯނު ނުބަލާ ދެން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ހެނެއް ހިޔެއް ނުވެއެވެ. މިއަދު ހިދާޔާ ދެއްކި ވާހަކަތައް އަދިވެސް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދިޔައެވެ. އެހެންކަމުން ޒަޔާންގެ ފޯނު ހިފައިގެން އޭނާ ގޮސް އިށީނީ ކޮޓަރީގައި ހުރި ސޯފާގައެވެ. އެ ފޯނު ބަލާލި އިރު، ސޯޝަލް މީޑިއާގެ އެޕްތައް އިޒާނީއަށް ފެނުނެވެ. އެހިސާބުން އެކަން ހުއްޓާލުމަށް އިޒާނީގެ ހިތް ބުނަމުންދިޔައެވެ. ނަމަވެސް މިހާ ހިސާބަށް އައިސް ފަހަތަށް ޖެހެން އޭނާ ބޭނުމެއް ނުވިއެވެ.
އިޒާނީއަށް ފުރަތަމަވެސް ހުޅުވާލެވުނީ ވައިބާއެވެ. އޭގައި އެކި ނަންނަމުގެ ގްރޫޕުތައް އިޒާނީއަށް ފެނުނެވެ. އޭގެންވެސް އެންމެ ފާހަގަކޮށްލެވުނީ މޯލްޑިވިއަން ކެބިން ކްރޫޒް ނަމަކަށް ޖަހާފައި އިން ގްރޫޕެކެވެ. އެ ގްރޫޕުގައި ހުރި ފޮޓޯތަކާއި މެސެޖުތައް ފެނުމުން އިޒާނީގެ ދެލޯ ބޮޑުވިއެވެ. އަންހެން ކުދިންގެ ބަރަހަނާ ފޮޓޯއާއިއެކު އެކުދިންނާއެކު ވަގުތު ހޭދަކުރުމަށް ކަނޑައެޅިފައިވާ އަގުތައް އެ ގްރޫޕުގައި ފެންނަން ހުއްޓެވެ. އިޒާނީ އިތުރަށް ހައިރާންވި ކަމަކީ އޭގެން ގިނަ ކުދިންތަކަކަށް ޒަޔާން ވަކިން މެސެޖުކޮށް ވާހަކަ ދައްކާފައި ހުރިކަމެވެ.
ޒަޔާންގެ ފޯނު ބަލަމުން ދިޔަ ވަރަކަށް އިޒާނީއަށް ލިބެމުންދިޔަ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ގަބޫލުކުރަން ދަތި އެތަކެއް މަންޒަރުތަކަކާއި ވާހަކަތަކެއް އެހުރީ ޒަޔާންގެ ފޯނުން ފެންނާށެވެ. އެގޮތުން ދަންވަރު ފްލައިޓް އޮންނަ ރޭރޭ ޒަޔާން ކެބިން ކްރޫއިންގެ ކޮޓަރިއަށް ދާ ކަމަށް އޭނާ ކޮށްފައި ހުންނަ މެސެޖުތަކުން ހާމަވިއެވެ. އެ ހުރިހާ އެއްޗެއް ފެނުމުން، މިވީހާ ދުވަހު ޒަޔާންގެ ފޯނު ފޮރުވައިގެން އުޅުނު ސަބަބު އިޒާނީއަށް ވިސްނުނެވެ.
އިޒާނީ އޭނާގެ ފޯނު ހިފައިގެން އައިސް ޒަޔާންގެ ފޯނުން ފެނުނު މެސެޖުތަކާއި ފޮޓޯތަކުގެ ފޮޓޯ އޭނާގެ ފޯނުން ނެގިއެވެ. އަދި ޒަޔާންއާއި ކުރިމަތިލުމަށް އޭނާ ގަސްދުކުރިއެވެ. އިޒާނީގެ މައުސޫމު ކަމުގެ ފައިދާ ޒަޔާން ނަގާފައި އެވަނީ، އޭނާ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ނަމަވެސް ޒަޔާންއާއި ކުރިމަތި ލާނޭ ހިތްވަރު ނެރޭނީވެސް ކިހިނަކުން ހެއްޔެވެ؟ ޒަޔާންއަކީ އޭނާ އެންމެ ލޯބިވާ މީހާއެވެ. އޭނާއަށްޓަކާ އިޒާނީ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އުފަންކޮށް ބަލާ ބޮޑު ކުރި މައިންބަފައިންވެސް އޭނާ ދޫކޮށްލީ ޒަޔާންގެ ފަރާތުން މިފަދަ ކަމެއް ފެންނާނެ ކަމަށް ހީކޮށްގެނެއް ނޫނެވެ.
ސޯފާއިން ތެދުވެ ޒަޔާންގެ ފޯނު ކުރިން އޮތް ތަނުގައި ބޭއްވުމަށްފަހު އަނެއްކާވެސް އިޒާނީ ގޮސް އިށީނީ ސޯފާގައެވެ. އޭނާގެ ލޯ ކުރިމަތީ އޭނާގެ ހަޔާތް ބަރުބާދުވެ ވިއްސިވިހާލި ވާ ތަން ސިފަވެގެންދިޔައެވެ. އެހިނދު އިޒާނީ މޫނުގައި ދެއަތް އަޅާ ފޮރުވާލުމާއެކު ސޯފާ މައްޗައް ވެއްޓިގަތެވެ. އޭނާ ހަގީގަތާއި ކުރިމަތިލާން ބޭނުންނުވާ ކަހަލައެވެ. ޒަޔާންގެ ފޯނު ނުބެލުނު ނަމައޭ އޭނާ ހިތަށް އަރަމުންދިޔައެވެ. އެ ހިޔާލުތަކުގައި އޮއްވާ ނިދުނީ ކޮން އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް ހޭލެވުނީ ޒަޔާން ގޮވާ އަޑަށެވެ.
“އިޒޫ.. ބޭބީ..” އިޒާނީއަށް ލޯ ހުޅުވާލެވުނު އިރު ޒަޔާން ހުރީ އޭނާއާއި ދިމާލަށް ގުދުވެގެންނެވެ. އޭނާ ހުރީ ޑިއުޓީއަށް ދާން ތައްޔާރު ވެގެންނެވެ. “ކީއްވެ ސޯފާގަ ތި އޮތީ؟” އިޒާނީ ސޯފާގައި ނިދާފައި އޮތުމުން ޒަޔާންގެ ހިތުގައި ސުވާލު އުފެދުނެވެ.
“ކަމެއްނުވެ.. ކުޑަކޮށް ހޫނުވާތީ.” ހޭވިފައިވާ އިސްތަށިގަނޑު އެއްކޮށްލަމުން އިޒާނީ ތެދުވެ އިށީނދެލިއެވެ.
“ދެން އޭސީ ފިނި ގަދަ ކޮށްލި ނަމަ..” ޒަޔާން ބުނެލިއެވެ. “ފިނި ގަދަކޮށްލައިގެން ނިދާލަ. ޔާން މި ދަނީ ޑިއުޓީއަށް.” އެހެން ބުނެ އިޒާނީގެ ނިތްކުރީގައި ބޮސް ދެމުން ޒަޔާން ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. އެހިނދު ޒަޔާން ބޮސްދިން ތަނުގައި އިޒާނީގެ އަތުގެ އިނގިލިތައް ހާކާލެވުނީ ބޭއިހުތިޔާރުގައެވެ.
ސްކޫލުގައި ހޭދަކުރި ވަގުތުތަކުގައިވެސް އިޒާނީއަށް އެ ހިޔާލުތަކާއި ދުރަކަށް ނުދެވެއެވެ. ކޮންމެވެސް މީހަކާއި އެކަން ހިއްސާ ކުރުމުން ނޫނީ އޭނާގެ ސިކުނޑިއަށް ލުޔެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެވާހަކަތައް ހިއްސާކުރާނީވެސް ވަކީ ކާކު ކައިރީގައި ހެއްޔެވެ؟ ޒޯޔާއަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައި ވީ ނަމަވެސް، ޒަޔާންއަކީ ޒޯޔާގެ ބޭބެއެވެ. އެހެންކަމުން، ޒަޔާންގެ ގޯސް ވާހަކައެއް ޒޯޔާ ކައިރީ ދެއްކޭކަށް ނެތެވެ. ދެން ހުރީ ހިދާޔާއެވެ. އޭނާއަށް އިޒާނީގެ ހާލަތު ވިސްނޭނެކަމަށް އިޒާނީއަށް ގަބޫލުކުރެވުނެވެ. އެހެންކަމުން ސެޝަން ނިމޭ ވަގުތަކަށް އޭނާ އިންތިޒާރުކުރިއެވެ.
“ކިޔާދީބަލަ.. އައި ވޯންޓް ޖަޖް ޔޫ…” އިޒާނީއާއި ހިދާޔާ ތިބީ ކެފޭއެއްގެ މޭޒުދޮށުގައެވެ. ދެމީހުން ކުރިމަތީ ދެ ކޮފީ ޖޯޑު ހުއްޓެވެ. އިޒާނީ އެ އިންނަނީ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. އޭނާ ދެއަތް ދެއަތާ މޮޑެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އައި ވެންޓް ތްރޫ ހިޒް ފޯން..” އިސް ޖަހާލައިގެން އިނދެ، ޒަޔާންގެ ފޯނު ބެލި ވާހަކަ އިޒާނީ ބުނެލިއެވެ. އަދި އޭނާގެ ފޯނު ހިދާޔާ އަތަށް ދިއްކޮށްލިއެވެ. އޭގައި ހުރި ފޮޓޯތަކުން ޒަޔާންގެ މެސެޖުތަކާއި އޭނާގެ ފޯނުގައި ހުރި ފޮޓޯތައް ފެންނަން ހުއްޓެވެ. އިޒާނީގެ ފޯނު ބަލަމުން ދިޔައިރު ހިދާޔާގެ މޫނުމަތިން ހައިރާން ކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
“ދެން ކިހިނެއް ހަދާނީ؟ އައި ރިއަލީ ލަވް ހިމް.” އިޒާނީގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރުވާލުމަށް އޭނާ އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ.
“ދެން ކީކޭ ހިޑީ ބުނާނީ… ވާހަކަ ދައްކައިގެން ތިކަހަލަ ކަންކަން ހައްލު ކުރެވޭނީ. އިޒޫ ތިހާ ބޭނުން ވަންޏާ އިތުރު ޗާންސެއް ވެސް ދީ.. އޭގެ ފަހުން އެކަހަލަ ކަމެއް ފެނިއްޖެއްޔާ ދެން ކަންތައް ކުރާނެ ގޮތް ނިންމާނީ އިޒޫ.” ހިދާޔާ އޭނާގެ ހިޔާލު ހުށަހެޅިއެވެ.
“ދުވަހަކުވެސް ހިޔެއް ނުކުރަން އޭނަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް…” އިޒާނީ އަދިވެސް އިނީ ހަގީގަތާއި ކުރިމަތިލާން ބޭނުން ނުވެފައެވެ.
“ހީ ނުކުރާ ކިތަންމެ ކަމެއް ދިރިއުޅުމުގަ ދިމާވާނެ.. ޔޫ ހޭވް ޓު ބީ ވެރީ ސްޓްރޯންގް، ޑާރލިންގ. ކޮންމެފަދަ ކަމެއް ދިމާވިޔަސް ވަރަށް ހިތްވަރު ކޮށްލަންވާނެ.” ހިދާޔާ ނަސޭހަތްތެރިވިއެވެ. “އައި އެމް އޯލްވޭޒް ހިޔާ ފޯރ ޔޫ އިނގޭ.” އަދި އޭނާ އަބަދުވެސް އިޒާނީއާއެކު ހުންނާނެ ކަމަށް ބުނެލަމުން އިޒާނީގެ އަތުގައި ހިފާލިއެވެ.
ޕަނާޝް ގްރޫޕް އޮފް ކޮމްޕެނީސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފެންނަން އޮތީ ވަރަށް ހުސްކޮށެވެ. ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް އެބައެއްގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް ގޮސްފިއެވެ. ނަމަވެސް ނަތާޝާ އެ އިންނަނީ އާޒިމް ގެއަށް ނުދާތީ ނުދެވިފައެވެ. އަޒާން ގެއަށް ދިޔަ އިރުވެސް، އާޒިމް އަދި ނުނިމޭ ކަމަށް ބުނެ އަޒާން ފޮނުވާލީއެވެ.
“އާދެބަލަ ކެބިންއަށް.” މޭޒުމަތީގައި ހުރި ލޭންޑް ލައިނުން ނަތާޝާއަށް އާޒިމް ގުޅާލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަތާޝާ އައެވެ. އަދި އާޒިމް ގާތުގައި ހުއްޓުނެވެ.
“ވަރަށް ލަސް ވެއްޖެ ދޯ؟” ނަތާޝާގެ އަތުގައި ހިފާލަމުން އާޒިމް ބުނެލިއެވެ. ހަމަ ސިކުންތުގައި ނަތާޝާ އާޒިމްގެ އަތް ފޮޅުވާލިއެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް އޭނާ އެ އޮފީހަށް އައި މަގުސަދު ހަނދާންވުމުން ގަދަކަމުން ހިނިތުންވެލިއެވެ.
“ނޫނޭ، ލަހެއް ނުވޭ..” ނަތާޝާ ބުނެލިއެވެ. “އަދިވެސް ނުނިމެނީތަ؟ ކޮފީއެއް ގެނެސްދޭންވީތަ؟” ނަތާޝާ އާޒިމްއާއި ގާތަށް ފިޔަވަޅެއް އެޅިއެވެ. އަދި އޭނާ އިށީނދެގެން އިން ގޮނޑީގައި ހިފާލަމުން އާޒިމް ގާތަށް ޖެހެލިއެވެ. އަދި މޭޒުމަތީ ހުޅުވާލެވިފައި ހުރި ލެޕްޓޮޕަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ނަތާޝާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަދި މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލީ މޭ ނުބައިވެގެން އުޅޭ މީހެއް ފަދައިންނެވެ.
“ހިނގާބަލަ މިރޭ ސަފާރީއަށް ގޮސްލަން.. ހަމަ މިގޮތަށް ހަދާދޭނަން..” އާޒިމް ބުނެލި ޖުމްލައިން ނަތާޝާ ސިހުނެވެ. އާޒިމްގެ ހުރި ލަދު ކުޑަކަން ފެނި ނަތާޝާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އާޒިމްއަކީ ނަތާޝާގެ ބައްޕަގެ އުމުރުގެ މީހެކެވެ. މަސައްކަތް ކުރާ ތަނުގެ ވެރިޔާއެވެ. އެފަދަ ހިޔާލެއް އާޒިމްއަށް ކުރަން ކެރުނީތީވެސް ނަތާޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް އޭނާ މި ވަޒީފާއަށް ނިކުތީ މިހެން ވާނެކަން އެނގިހުރެ، ފަހަތަށް ނުޖެހެން އެއްބަސް ވެގެންނެވެ.
މަޑު ހިނގުމެއްގައި އިޒާނީ ގޮސް ލިފްޓަށް އެރިއެވެ. ހަތަރުވަނަ ފަންގިފިލާއަށް އެރުމާއެކު ލިފްޓުގެ ދޮރު ހުޅުވުނެވެ. އެޕާޓްމެންޓް ދޮރު ކައިރިއަށް އޭނާ ހުއްޓުނު އިރުވެސް އެ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. އޭނާ ފުން ނޭވާތަކެއް ލުމަށްފަހު އަތްދަބަހުން ތަޅުދަނޑި ނަގާ ދޮރު ހުޅުވާލިއެވެ. ގޭތެރެއަށް ވަން އިރު ސޯފާގައި ޒަޔާން ނިދާފައި އޮތެވެ. ހުޅުވާފައި ހުރި ޓީވީން ފިލްމެއް ފެންނަމުންދިޔައެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އިޒާނީ ގޮސް ކޮޓަރިއަށް ވަދެ އެެއްޗެހި ބަދަލު ކޮށްލިއެވެ. އަދި ބަދިގެއާއި ދިމާލަށް ދިޔައެވެ.
ކާ މޭޒުމަތީގައި ހުރި ތަށިތައް ފެނުމުން ޒަޔާން ކައިފިކަން އޭނާއަށް އެނގުނެވެ. އެތަށިތައް ހިފައިގެން ސިންކާއި ހަމައަށް ނުދެވެނީސް އަތުގައި އޮތް ބިއްލޫރި ތަށި ވެއްޓި ތެޅުނެވެ. އެ އަޑަށް ނިދާފައި އޮތް ޒަޔާންވެސް ފުންމައިގެން ތެދުވިއެވެ. އޭނާއަށް އާދެވުނު އިރު އިޒާނީ ފައިގެ އިނގިލިތައް ޖައްސައިގެން ހިނގާފައި ގޮސް ފިހިގަނޑު ނަގަނީއެވެ.
“އިޒޫ.. އޯކޭ ތަ؟” އިޒާނީއަށް ގޮވާލަމުން ޒަޔާން އަހާލިއެވެ. އިޒާނީ ވަކި އެއްޗެއް ނުބުނުމުން ޒަޔާން ގޮސް ގޭތެރޭގައި އަރާ ފައިވާނެއް އިޒާނީއަށް ގެނެސްދިނެވެ. އަދި އެއަށް އަރައިގެން ސާފުކުރުމަށް އެދުނެވެ.
“މިއަދު މާ ވަރުބަލި ދުވަހެއްތަ؟” ޒަޔާން އަހާލިއެވެ. އޭނާ ހުރީ އިޒާނީގެ ހަރަކާތްތަކަށް ބަލަން ދުރުގައި މަޑުކޮށްލައިގެންނެވެ. އިޒާނީ ހޫން އަޅުވާލުމުން ޒަޔާން ގޮސް އިޒާނީ އަތުން ފިހިގަނޑު އަތުލިއެވެ. އަދި މުޅި ބަދިގެ އެއްކޮށް ކުނި ކަހާ ސާފުކޮށްލިއެވެ. ޒަޔާން އުޅޭ ގޮތް ފެންނަ ކޮންމެ މީހަކުވެސް، އޭނާއަކީ ވަރަށް ރަނގަޅު ފިރިއެއްކަމަށް އެއްބަސް ވާނެކަން ޔަގީނެވެ. ނަމަވެސް ހަގީގަތުގައި އެހެން އުޅޭ ގިނަ މީހުންގެ އަޑި އޮންނަ ގޮތް އެނގޭނީ ހޯދާ ބެލީމައެވެ. މަދު ފަހަރަކު ނުނީ މަތިން ފެންނަ އެއްޗަކާއި އަޑީގައި އޮންނަ އެއްޗެއް ދިމައެއް ނުވާނެއެވެ.
“އިޒޫ ދެކެ ލޯބި ވަނީ ކިހާ ވަރަކަށްތަ؟” އިޒާނީ އަހާލިއެވެ. (ނުނިމޭ)