އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ (ވ): އިސްރާއީލު ބުނާހާގޮތަކަށް ވާހަކަ ފަތުރައިދޭ މީހެއް

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެވުނު އެއްބަސްވުމާ ޚިލާފްވެ އިސްރާއީލުން ޣައްޒާއަށް ވައިގެ ހަމަލާތައް ދޭން ފެށުމުން، އަރަބީންގެ ތާއީދު ގެއްލިދާނެތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަސް އަވަހަށް އިސްރާއީލަށް އެންމެ ފުރަތަމަ ފޮނުވީ އޭނާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޮފާއި، އޭނާގެ ރިޔާސީ މުޝީރު އަދި ދަނބިދަރި ޖެރެޑް ކުޝްނަރއެވެ.

އެވަރުންވެސް އިސްރާއީލު މައިތިރި ނުކުރެވުމުން ޓްރަމްޕް އިސްރާއީލަށް ދެން ފޮނުވީ، ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއެވެ. އޭނާގެ ފަހަތުން ދިޔައީ ނައިބް ރައީސް ޖޭޑީ ވެންސްއެވެ. އޭގެފަހުން އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިވެރިން ކުއްލިއަކަށް އިސްރާއީލަށް ދިޔަ ސަބަބެއް ކަމަށް އެމެރިކާއިން އަޑުއެރުވީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ކަންކަން “ކުރިއަށްދާގޮތް” ބެލުމަށް ކަމަށެވެ.

މި އެންމެންވެސް ގޮސް، މުޖުރިމު ނަތަންޔާހޫއާއި އޭނާގެ ސަރުކާރުގެ ވެރިންނާ ދެއްކި ވާހަކަތަކެއް ދެއްކިއެވެ. އެ ވާހަކަތަކަށްފަހު ނަތަންޔާހޫއާއި އެނާގެ ކެބިނެޓު މެމްބަރުންގެ ބަސްމަގާއި ރާގު ހުރި ގޮތް އެންމެނަށްވެސް އެނގި ފެނިގެންދިޔައެވެ.

އެކެއް ނުވަތަ ދެކަމެއްގައިނޫނީ، އެންމެންގެވެސް ވާހަކަތައް ހުރީ އިސްރާއީލު ކޮޅަށެވެ. ނަތަންޔާހޫ ބޭނުންވާ ގޮތަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯގެ ވާހަކަތަކަށް އެކަނި ބަލާލަމާ ހިނގާށެވެ.

އޭނާ ބުނީ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި، ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ ޚާއްސަ އޭޖެންސީ، އަންރުވާއަށް އެއްވެސް ފުރުސަތެއް ނުލިބެނޭ ކަމަށެވެ. ނުވަތަ ނުދޭނޭ ކަމަށެވެ.

އޭނާ ތުހުމަތުކުރީ، އަންރުވާއަކީ “ހަމާސްގެ ސަބްސިޑަރީ” އެއް ކަމަށެވެ. މިއީ، އިސްރާއީލުން އަންރުވާ ލޭބަލްކޮށްފައިވާ ގޮތެވެ.

އިސްތިއުމާރީ އިސްރާއީލުން ފެށުނީއްސުރެ ބުނަމުންގެންދަނީ، އޮކްޓޫބަރު 7 ގައި އިސްރާއީލަށް ހަމަލާދިނުމުގައި ބައިވެރިވި ހަމާސްގެ މުޖާހިދުންގެ ތެރޭގައި އަންރުވާގެ މުވައްޒަފުން ހިމެނޭ ކަމަށެވެ.

އެކަމަކު، އދއާއި ބައިނަލްއަގްވާމީ އެކިއެކި އިދާރާތަކުން ހިންގި އެތައް ތަހްގީގަކަށްފަހު ބުނެފައިވަނީ، އެކަމުގައި އަންރުވާގެ އެއްވެސް މުވައްޒަކު ބައިވެރި ނުވާ ކަމަށާއި، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އދގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން އިހަށްދުވަހު ނެރުނު ގާނޫނީ ލަފާގައިވެސް ބުނެފައިވަނީ، އިސްރާއީލުން ކުރަނީ ހަގީގަތެއްނެތް ތުހުމަތުތަކެއް ކަމަށެވެ. ހަމާސްއާއި އަންރުވާއާ ގުޅުވޭނޭ ހެއްކެއް ނެތް ކަމަށެވެ.

މިހެން ކަންހުރި ނަމަވެސް، އިސްރާއީލުން ތަކުރާރުކޮށް ބުނަމުންގެންދަނީ، އަންރުވާގެ މުވައްޒަފުން ހަމާސްގެ މެމްބަރުންގެ ގޮތުގައި އުޅޭ ކަމަށާއި، އިސްރާއީލަށް ހަމަލާދޭންވެސް އެމީހުން ބައިވެރިވި ކަމަށެވެ.

މި ތުހުމަތުތައްކޮށް، އިސްރާއީލުން މިހާރުވަނީ އދގެ އޭޖެންސީ ޣައިރުގާނޫނީކޮށް، އެ އޭޖެންސީންގެ ހުރިހާ އޮޕަރޭޝަނެއް ޣައްޒާ އަދި ހުޅަނގު އައްސޭރީގައިވެސް ހުއްޓުވާފައެވެ.

މި ވާހަކަތައް، އިސްރާއީލު ބޭނުންވާގޮތަށް ބުނާހާ ގޮތަކަށް އެމެރިކާއިން ގެންދަނީ ފަތުރަމުންނެވެ.

އދއިން ބުނާއެއްޗެއް، ދުނިޔޭގެ އެހެން ބަޔަކު ބުނާއެއްޗެއް އަޑުއަހާކަށް އަދި އަޑު އިވޭ ކަމަކަށްވެސް އެމެރިކާ ނުހަދައެވެ.

މާރކޯ ރޫބީއޯ ނަތަންޔާހޫއާއެކު ދެއްކި ވާހަކައެއް ދެއްކުމަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ކުރިއަށްދާގޮތް މޮނިޓަރ ކުރުމަށް ޣައްޒާގައި ވަރަށް އަވަހަށް ބައިނަލްއަގްވާމީ ފައުޖެއް ގާއިމްކުރެވޭނޭ ކަމަށް އޭނާ އުންމީދުކުރާ ކަމަށެވެ.

އެކަމަކު، ރޫބިއޯ ބުނީ، ޣައްޒާގައި ގާއިމްކުރެވޭ ފައުޖުގައި ހިމެނޭނީ “އިސްރާއީލު ރުހޭ” ގައުމުތަކުގެ ސިފައިން ކަމަށެވެ.

އަދި އޭނާ ބުނީ، ޣައްޒާގެ ކަންކަމުގައި ފަލަސްތީނު ސަރުކާރުން އަދާކުރާނެ ދައުރަކާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމޭ ކަމަށެވެ.

ފަލަސްތީނު ސަރުކާރު ރޫޅާލައި، ޕަލެސްތައި އޮތޯރިޓީއަކީ ޓެރަރިސްޓު ޖަމާއަތަކަށް ހެދުމަށް ގަދައަޅައި އިސްރާއީލުން މިހާރުވެސް މަސައްކަތް ކުރަމުން ގެންދާތީ، ޣައްޒާގެ ކަމެއްގައި ފަލަސްތީނު ސަރުކާރުގެ ދައުރެއް އޮންނާކަށް އިސްރާއީލު ބޭނުން ނުވާނޭކަން ގައިމުވެއެވެ. އަދި އިސްރާއީލު ބޭނުންވާ ގޮތަށް އެމެރިކާއިންވެސް ކަންކުރާނޭކަން ގައިމެވެ.

އިސްރާއީލުގައި ހުރެ މާރކޯ ރޫބިއޯ، އިސްރާއީލުގެ ސިޔާސަތުތަކާ ދެކޮޅަށް ބުނީ އެންމެ ވާހަކައެކެވެ. އެއީ، ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމުގެ ފުރުސަތު އެމެރިކާއިން ނުދޭނޭ ވާހަކައެވެ.

އެކަމާހެދި، އިސްރާއީލުގެ ވެރިންނާއި، މީޑިއާ އަދި އާންމުން މިހާރުވެސް ގެންދަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ރޫބިއޯ “ރޮލާކަމުންނެވެ”.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ