( 3 ޖެނުއަރީ 2021 އާ ގުޅޭ)
“އިޒޫ ދެކެ ލޯބި ވަނީ ކިހާ ވަރަކަށްތަ؟” އިޒާނީ އަހާލިއެވެ.
“ވަރަށް ބޮޑަށް.. ބުނެދޭންވެސް ނޭނގޭ ވަރަށް ލޯބިވޭ. ޔޫ އާރ މައި ލައިފް.” އިޒާނީ ކުރިމަތީ ދެކަކޫ ޖަހާ ޒަޔާން އިށީނެވެ. އަދި އިޒާނީގެ ދެ އަތުގައި ހިފާލިއެވެ. “ކީއްވެ މިއަދު ތި ސުވާލު ތި ކުރީ؟ ލޯބި ނުވާހެން ހީވަނީތަ؟” ޒަޔާން އަހާލިއެވެ.
ޒަޔާން ބުނި ކޮންމެ ބަހެއް އިޒާނީގެ ހިތަށް ހެރެމުން ދިޔަ ތީރުތަކެކޭ އެއްގޮތެވެ. ލޯބި ނުވާ އިރު، ލޯބިވެޔޭ ބުނުމަކީ ދެވޭ ހާދަ ބޮޑު އަނިޔާއެކެވެ. އެފަދަ އަނިޔާއިން ލިބޭ ވޭނާ ކެކުޅުންވެސް މާ ބޮޑެވެ. ހިތަށް ކުރަމުންދިޔަ ފުން އަސަރާއެކު އިޒާނީއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނާ ލޮލުގައި ހިފަހައްޓަމުންދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހޮރިގެން ދާކަށް މާ ގިނަ އިރެއް ނުނެގިއެވެ.
“ހޭއި.. އިޒޫ ރޮނީތަ؟” އިޒާނީ އަތުގައި ހިފަހައްޓައިގެން ހުރި ޒަޔާންގެ އަތް ތެމުނުކަން އިހުސާސް ކުރެވުނެވެ. އަދި އިސް ޖަހާލައިގެން ހުރި އިޒާނީގެ މޫނުގައި ދެއަތުން ހިފާ އުފުލާލިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ޒަޔާންއަށް ދެނެގަންނަން އުނދަގޫވިއެވެ. އެ ދެލޮލުގައި ނުރުހުމުގެ އަސަރާއި ހިތާމައިގެ އަސަރު އެކުވެފައި ވާކަހަލައެވެ. އޭނާ އިޒާނީ ގެނެސް މޭގައި ފޮރުވާލިއެވެ. ތަކުރާރުކޮށް އެހުމުންވެސް ވީގޮތެއް އިޒާނީ ނުބުންޏެވެ. އެހެންކަމުން ޒަޔާން ހިސާބަކަށް ކަންބޮޑު ވެސްް ވިއެވެ.
“ދެން ބުނެބަލަ. ކިހިނެއް ވީތަ މާ ވަރަކަށް ތި ރޮވުނީ؟” އިިޒާނީ ހަމައަކަށް އެޅުމުން ޒަޔާން އޭނާ ދުރުކޮށްލިއެވެ. އެއާއެކު އިޒާނީ ޒަޔާންއާއި ދުރަށް ޖެހެލިއެވެ.
“ޒަޔާން ދުވަހަކުވެސް އިޒޫއަށް ޗީޓް ކުރިންތަ؟ އޮޅުވާލާ ދޮގު ހެދިންތަ؟” އިޒާނީ ކުރި ސުވާލުތަކުން ޒަޔާންގެ ތަބީއަތަށް ބަދަލު އައެވެ. އޭނާ ދެލޯ ކުޑަކޮށްލީ އިޒާނީ ބުނި އެއްޗެއް ގަބޫލުކުރަން ދަތިވެފައިވާ ކަހަލަ ގޮތަކަށެވެ.
“ނޫން.. މީހަކު އެއްޗެކޭ ބުނީތަ؟ ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟” ޒަޔާންއަށް ވިސްނުނީ އިޒާނީ ގާތު މީހަކު ކޮންމެވެސް ވާހަކައެއް ދެއްކީ ކަމަށެވެ. އެހެން ނޫން ނަމަ އިޒާނީ ދުވަހަކުވެސް އެފަދައިން ސުވާލެއް ނުކުރާނެއެވެ. އަދި ޝައްކެއްވެސް ނުކުރާނެއެވެ. އިޒާނީގެ ސިކުނޑިއަށް ކޮންމެވެސް މީހަކު ގޯސް ހިޔާލުތަކެއް ވެއްދީ ކަމަށް ޒަޔާންއަށް ޔަގީން ކުރެވުނެވެ.
“ބުނެބަލަ. ކޮންމެވެސް މީހަކު ކޮންމެވެސް އެއްޗެއް ކިޔައިގެން ތިއުޅެނީ..” ޒަޔާން ތަކުރާރުކޮށް އެހިއެވެ.
“މީހަކު އެއްޗެއް ނުބުނެ. އަމިއްލަ ލޮލަށް ފެނިގެން މި އެހީ..” ލޮލުން ފައިބަމުން ދިޔަ ކަރުންތައް ފޮހެލަމުން އިޒާނީ ބުނެލިއެވެ. އޭނާ ބާރު ހިނގުމެއްގައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ފަހަތުން ޒަޔާންވެސް ދިޔައެވެ. އިޒާނީ ގޮސް އެނދުމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނު ނަގާ އޭގައި ހުރި ފޮޓޯތައް ހުޅުވާލުމަށްފަހު ޒަޔާން އަތަށް ފޯނު ދިއްކޮށްލިއެވެ. އެހިނދު ޒަޔާންގެ ދެބުމަ ގޮށް ޖަހާލިއެވެ. އަދި އޭނާގެ ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔަތަން އިޒާނީއަށް ފެނުނެވެ. އެތަން ފެނުމުން އިޒާނީ ހިސާބަކަށް ޖެހިލުންވިއެވެ. ނަމަވެސް މިއަދު އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހޭކަށް އޭނާ ބޭނުމެއް ނުވިއެވެ.
“ކޮން އިރަކު ކޮށްފަ އޮތް ކަމެއް މީ؟” ޒަޔާންގެ އަޑުގައި ހަރުކަށިކަން އެކުލެވިގެންވިއެވެ. “މަ އަބަދުވެސް ބުނަން ދޯ މަގޭ ފޯނުގަ އަތްލައިގެން ނުވާނެއޭ. މަ ބުނާ ގޮތަށް ކަންތައް ނުކުރެވެނީ ކީއްވެތަ؟” ޒަޔާން އިތުރަށް ރުޅި ގަދަވަމުން ދިޔައެވެ.
“ޒަޔާން ސިއްރުން ކުރާ ކަންކަން ފަޅާއަރާފާނެތީ ބިރުންނެއްނު ފޯނު ފޮރުވައިގެން ތިއުޅެނީ..” އިޒާނީ ބުނެލިއެވެ. އެއާއެކު ޒަޔާން އެއް އަތުން އިޒާނީގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ވީ ތަދުން އިޒާނީގެ އަނގައިން އާހެއް ބޭރުވެގެން ދިޔައެވެ. އޭނާ ދެލޯ މަރާ ފިއްތާލީ ޒަޔާންގެ ރުޅިވެރި މޫނު ބަލަން ބޭނުން ނުވެގެންނެވެ.
“މަގޭ އަންހެނުންގެ މަގާމުގަ ހުރެވޭނީ މަ ބުނާ ގޮތެއް ހަދައިގެން. އެހެންވީމަ ނުކުރާށޭ ބުނާ ކަންކަން ނުކޮށް ހުންނާނީ.” ޒަޔާން ބުނެލިއެވެ. “ފޯނު ބަލައިގެން މޮޅުތަކެއް ވެއްޖެއެއްނު..” ޒަޔާން ކޮށްލީ މަލާމާތެކެވެ. އެއާއެކު އިޒާނީގެ ލޭ ކެކިގެންދިޔައެވެ. އޭނާއަކީ ދުވަހަކުވެސް މީހެއްގެ ދަށުވެގެން އުޅެން ބޭނުންވާ މީހެއް ނޫނެވެ. އަމުދުން، މީހަކު ހެދިހާ ގޮތެއް ހެދިގެން ހުންނާކަށް އޭނާއަށް ދަސްވެފައެއް ނެތެވެ.
“ފޯނު ބެލީމަ އެނގިއްޖެ ތީ ކިހާ މަކަރުވެރި މީހެއްކަން… ޔޫ ޗީޓާ.. ޔޫ ލަޔާރ.. އައި ހޭޓް ޔޫ.” އިޒާނީގެ ރުޅިގަނޑު ގަދަވެގެން ދިޔަ ވަރަކަށް އޭނާގެ އަޑުވެސް ބާރުވިއެވެ. އެހިނދު ޒަޔާންގެ އަތުގެ ހޫނު ހަމަލާއެއް އިޒާނީގެ ކޯތާފަތަށް އަމާޒުވިއެވެ. ވީ ތަދުން އޭނާގެ ލޮލުން ކަރުނަ ހިލިގެންދިޔައެވެ. ކޮލުގައި އަތުން ފިރުމާލަމުން އޭނާ ބަލާލީ ޒަޔާންއާއި ދިމާލަށެވެ.
“މަ ކޮންމެ ގޮތަކަށް އުޅުނަސް އިޒާނީއަށް ޖެހޭނީ މަށާއެކު އުޅެން.. ނޫނީ ގޮސް އެ އަނިޔާވެރި ބައްޕަ ކައިރީ އުޅެން. އިތުރަށް ނުހުންނާނެ ގޮސް ވަންނާނެ ތަނެއް. އެހެންވީމަ މަ ބުނި ގޮތެއް ހަދައިގެން ހުރެވޭތޯ ބަލާ.” އެހެން ބުނެ ޒަޔާން ފަސް އެނބުރި ހިނގައިގަތެވެ. ޒަޔާން ދިޔުމުން އިޒާނީ ހުރި ތަނަށް ތިރިވީ ދެން ހަދާނެ ގޮތެއް ނުވިސްނުމުންނެވެ. އާއިލާ ދޫކޮށްލުމަކީ އޭނާއަށް ކުރެވުނު މޮޔަ ކަމެކޭ އިޒާނީ ހިތަށް އެރިއެވެ. އޭނާގެ މަންމަމެން ގާތަށް ކިތަންމެ ދާން ބޭނުންވިޔަސް، ދެން އެމީހުންނާއި ކުރިމަތިލާނޭ ހިތްވަރެއް އިޒާނީ ގަޔަކު ނެތެވެ. އެމީހުންނާއިމެދު އެގޮތަށް ކަންތައް ކުރެވުނީތީ މިއަދު އިޒާނީ ލަދުގަނެއްޖެއެވެ. އެކަމާ އިންތިހާއަށް ދެރަވެސް ވެއްޖެއެވެ.
ނަތާޝާ މަޑުކޮށްލައިިގެން ހުރީ އޭނާ އުޅޭ ގޭގެ ދޮރު ކައިރީގައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަގުމައްޗަށެވެ. އެހެން ހުރި އިރު އޭނާއަށް މަގުމަތިން ދާ މީހުންގެ ލޯތައް އަމާޒުވަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާ ލައިގެން ހުރި އަތް ދިގު ހެދުން ހުރީ ކަކުލަށްވުރެ މަތީގައެވެ. އެހެންކަމުން އޭނާގެ ފައިގެ ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. ހަށިގަނޑު ހެނދުމުން ފޮރުވިފައި ހުއްޓަސް، ގައިގެ ވަނާތައް ފާޅުކޮށް ފެންނަން ހުއްޓެވެ. އޭނާ އަރައިގެން ހުރި އުސް ފައިވާނާއި އެއްކުލައިން ކޮނޑުގައި ކުޑަ ދަބަހެއް އަޅުވާފައި އޮތެވެ. ޓެކްސީއަކަށް އަތް ނެގުމާއެކު ޓެކްސީއެއް އައިސް އޭނާ ހުރި ތަނަށް ކައިރިކުރިއެވެ. ފަހަތު ސީޓަށް އަރާ ހަމަޖެހިލުމާއެކު އޭނާ ފޯނު ނަގާ އާޒިމްއަށް ގުޅާލުމަށްފަހު، މި ދަނީއޭ ބުނެލިއެވެ. އެ ކޯލު ނިންމާލުމަށްފަހު އޭނާ އިތުރު ކޯލެއް ކުރިއެވެ.
“މި ދަނީ ދާން… ޔެސް… ބޭގް ގަ ސްޕައި ކެމެރާ ހަރު ކުރީ. ނުފެންނަ ގޮތަކަށް ބައިންދާނަން. ޑޯންޓް ވޮރީ… މަ އަންނަން ވާ އިރަށް ޕޭމެންޓް ޜެޑީގަ ބައިންދާތި.. ފިފްޓީ ކޭ.” ނަތާޝާ ފޯނުން ވާހަކަ ދެއްކީ އޭނާގެ ރަހުމަތްތެރިޔަކާއެވެ. ނަތާޝާ އާޒިމްގެ އޮފީހަށް ފޮނުވީވެސް އޭނާއެވެ.
ހުޅުމާލޭ ބަނދަރަށް ޓެކްސީ މަޑުކޮށްލުމާއެކު ނަތާޝާ ފޭބިއެވެ. އަދި އާޒިމް ބުނި ލޯންޗަށް އެރިއެވެ. އެ ލޯންޗު އޭނާ ގޮވައިގެން ގޮސް ކައިރިކޮށްލީ އާޒިމްގެ ސަފާރީއަށެވެ. އޭރު އޭނާގެ އިންތިޒާރުގައި އާޒިމް ހުރިތަން ނަތާޝާއަށް ފެނުނެވެ. ނަތާޝާ ސަފާރީއަށް އެރުމާއެކު އާޒިމް އައިސް އޭނާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ.
“ޔޫ ލުކް ސްޓަނިންގ.” ނަތާޝާގެ ރީތިކަމަށް އާޒިމް ތައުރީފުކޮށްލިއެވެ. “މަތީގަ ޕާޓީ އޮތީ.” އަދި އުނަގަނޑަށް ވުރެ ތިރިއަށް އޭނާގެ އަތް ގެންދިޔައެވެ. އެކަން ނަތާޝާއަށް އިހުސާސްވި ނަމަވެސް އޭނާ އާޒިމް ހުއްޓުވާކަށް ނޫޅުނެވެ. އާޒިމް އޭނާ ގޮވައިގެން ގޮސް މަތީ ޑެކަށް އެރިއެވެ. އޭރު މަތީ ޑެކުގައި ގަދަޔަށް ލަވަ ޖަހާފައި ހުއްޓެވެ. އެތަނުގައި ބިދޭސީ ދެތިން އަންހެން ކުދިން ހަރަކާތްތެރިވަމުން ދިޔައެވެ. އާޒިމްގެ ދެ ރަހުމަތްތެރިންވެސް އެތަނުގައި ތިއްބެވެ. ނަތާޝާ ވަރަށް ހުށިޔާރުކަމާއެކު އޭނާގެ ކޮނޑުގައި އޮތް ދަބަސް ނަގާ އެތަނުގައި ހުރި ކަބަޑެއް މަތީ ބައިންދާލިއެވެ. އަދި އާޒިމްއާއި އެކު އޭނާ ގޮސް ސޯފާގައި އިށީނެވެ.
“ޑްރިންކެއް ބޯލަންވާނެ އެއްނު..” ކުރިމަތީގައި އިން ކުޑަ މޭޒުމަތީ ހުރި އައިސް ބަކެޓް ތެރެއިން ޝެމްޕެއިން ފުޅިއެއް ނަގަމުން އާޒިމް ބުނެލިއެވެ. އަދި ނިކަން ފަރިތަ ކަމާއެކު އެ ފުޅި އޭނާ ކަނޑާލިއެވެ. ތަށިތައްޓަށް އެފުޅިން ޝެމްޕެއިން އެޅުމާއެކު އޭނާ ފުރަތަމަވެސް ތަށި ދިއްކޮށްލީ ނަތާޝާއަށެވެ. އެތަށީގައި ހިފަމުން އޭނާ ހިނިތުންވެލިއެވެ.
“ދޭބަލަ ޑާންސް ކޮށްލަން..” ނަތާޝާގެ ކަންފަތްދޮށުގައި އާޒިމް ބުނެލިއެވެ. އެއާއެކު ފޮނި ގޮތަކަށް ސޯފާއިން ތެދުވެ މިޔުޒިކާއި އެއްވަރަށް ނަތާޝާ ހަރަކާތްކުރަންފެށިއެވެ. އޭނާގެ ހަށިގަނޑުން ލައްވަމުންދިޔަ ބަނޑިތައް ފެނި އާޒިމް ފޯރި އަރައިގެން އިންތަނުން ތެދުވެ ނަތާޝާ ކައިރިއަށް ދިޔައެވެ. އަދި އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި އެދުންވެރިކަމާއެކު އާޒިމްގެ އަތް ހާކަން ފެށިއެވެ. އެކަމުގައި ނަތާޝާވެސް ބައިވެރިވިއެވެ.