ގަތަރާއެކު އަލުން ހާރިޖީ ގުޅުން ގާއިމްކުރަން ރާއްޖޭން ނިންމައިފި

ޚަބަރު ފަހުގެ

ގަތަރާއެކު އަލުން ހާރިޖީ ގުޅުންތައް ގާއިމްކުރަން ރާއްޖޭން ނިންމައި، އެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފި އެވެ.

ރާއްޖޭން ގަތަރާއެކު ގުޅުން ގާއިމްކުރީ މެއި 26، 1984 ގައެވެ. ނަމަވެސް ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެ ގުޅުން ރަސްމީކޮށް ކަނޑާލި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ނިންމުން އޭރު އައީ ގަލްފް ސަރަހައްދުގައި އުފެދުނު ދެބަސްވުންތަކަށް ފަހު ޔާމީންގެ ސަރުކާރާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ސައޫދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާއެކު އެވެ. ނަމަވެސް އޭރު ސަރުކާރުން ބުނަމުން އައީ ގަތަރާއެކު ސިޔާސީ ގުޅުން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒާ ހެދި ނޫން ކަމަށް ބުނެފަ އެވެ.

ގަތަރާއެކު އަލުން ގުޅުން ގާއިމްކުރިކަން އިއުލާންކޮށް މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސަމިޓުން ނިންމި ނިންމުންތަކަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. އަދި ގަތަރުގެ އޮޓޯރިޓީތަކާ ބޭއްވި މަޝްވަރާތަކަށްފަހު، ގަތަރާއެކު އަލުން ސިޔާސީ ގުޅުން ގާއިމްކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭން ގަތަރާއެކު ގުޅުން ގާއިމްކުރަން ނިންމި އިރު، ރާއްޖެ އާއި ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ސައުދީން ގަތަރާއެކު ގުޅުން ގާއިމްކޮށް، އެންމެ ފަހުން އެއްގަމާއި ކަނޑު އަދި ވައިގެ ބޯޑަރު ގަތަރަށް ހުޅުވާލުމަށް އެއްބަސްވެފަ އެވެ. އަދި ސައުދީއާއެކު އޭރު ގަތަރާ ގުޅުން ކަނޑާލި ގިނަ ގައުމުތަކުން މިހާރު ވަނީ ގަތަރާއެކު އަލުން ގުޅުން ގާއިމްކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި މިސްރު، ޔޫއޭއީ އަދި ބަހްރެއިން ފަދަ ގައުމުތައް ހިމެނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ