ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް، ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ

ޚަބަރު ފަހުގެ

ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް، ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ އަވަހާރަވެއްޖެއެވެ.

އުމުރުން 60 އަހަރުގެ މުޖުތާޒް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށް، ހުން އަންނާތީ ކޮވިޑަށް ޓެސްޓުކުރުމުން މިމަހުގެ ތިންވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑަށް ޕޮޒިޓިވް ވުމުން މުޖުތާޒަށް ފުރަތަމަ ފަރުވާ ދިނީ ލ. ގަމު ކޮވިޑް ފެސިލިޓީގައެވެ. ނަމަވެސް އޭނާއަކީ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބޭފުޅަކަށްވާތީ އިތުރު ފަރުވާއަށް އިއްޔެ ހަވީރު މުޖުތާޒް މާލެ ގެނެސް، ފަރުވާދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

މުޖުތާޒް އަވަހާރަވެފައިވާކަން ކަށަވަރު ކޮށްދެއްވައި އޭނާގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތާޒް އަވަހާރަވީ ދަންވަރު 2:00 ގައި ކަމަށެވެ.

ޝަރުއީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ މުޖުތާޒް ވަނީ ސެޕްޓެމްބަރު 2008 އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ

ކޮވިޑް ބަލީގައި މުޖްތާޒް އަވަހާރަވުމާއެކު، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 49 އަށް އަރައިފައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ 42 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ