ވެނެޒުއެލާގެ ރައީސް މަދޫރޯ ތުރުކީއަށްދާން އެމެރިކާއިން ހުށަހެޅި، ހައްޔަރުކުރަން ނެގީ 30 މިނެޓް

ޚަބަރު ފަހުގެ ދުނިޔެ

ވެރިކަން ދޫކޮށްލައްވާފައި ތުރުކީއަށް ވަޑައިގަތުމަށް އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއަށް ފުރުސަތު ދިން ކަމަށް، އެމެރިކާ ސަރުކާރުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނެފިއެވެ.

ނަމަވެސް، އެމެރިކާގެ ހުށަހެޅުމަށް މަދޫރޯ ކޯފާއިސްކުރައްވައި ދެކޮޅު ހެއްދެވީ ކަމަށްވެސް ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވެރިކަން ދޫކޮށްލައްވާފައި ތުރުކީއަށް ވަޑައިގަތުމަށް އެމެރިކާއިން މަދޫރޯއަށް ހުށަހެޅީ ޑިސެމްބަރު މަހުގެ ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ސިފައިން މަދޫރޯ ވެރިކަން ދުރުކުރުމުގެ އޮޕަރޭޝަން ފެށީ، އެމެރިކާގެ ހުށަހެޅުމަށް އެނާ ދެކޮޅު ހެއްދެވުމުންނެވެ.

ވެރިރަށް ކަރާކަސްއަށާއި، ވެނެޒުއެލާގެ އެހެން ސްޓޭޓްތަކަށް އެމެރިކާ ސިފައިން ދިން ވަރުގަދަ ހަމަލާތަކަށްފަހު ރައީސް މަދޫރޯއާއި އަނބިކަނބަލުން ސީލިއާ ހައްޔަރުކޮށްގެން އިއްޔެވަނީ އެމެރިކާއަށް ގެންގޮސްފައެވެ.

ވެނެޒުއެލާގެ އަސްކަރީ މަރުކަޒަކުން މަދޫރޯގެ ދެކަނބަލުން ހައްޔަރު ކުރުމަށް އެމެރިކާ ސިފައިން ނެގީ އެންމެ 30 ވަރަކަށް މިނެޓްކަމަށް ވެއެވެ.

މަދޫރޯ ރައްކާތެރި ކުރުމަށް ވެނެޒުއެލާ އަސްކަރިއްޔާއިން އެއްވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ވެއެވެ. ސަބަބަކީ، އެމެރިކާއިން ވެނެޒުއެލާގެ އަސްކަރިއްޔާގެ ލީޑަރޝިޕަށް އަމާޒުކޮށް ހަމަލާ ނުދޭތީ ކަމަށް ވެއެވެ.

އެމެރިކާ ސިފައިން މަދޫރޯ ހައްޔަރުކުރަން ވެނެޒުއެލާ އަސްކަރިއްޔާއިން ގަސްތުގައި ދޫކޮށްލީ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ޚާއްސަ ފައުޖުގެ ސިފައިންވެސް އެތަނުގައި ނެތެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ބުނީ، މަދޫރޯ ހައްޔަރު ކުރުމުގައި ސިފައިންނަށް މާބޮޑު ދެކޮޅުވެރިކަމަކާ ކުރިމަތި ނުވާ ކަމަށެވެ. އެމެރިކާ ސިފައިންގެ ބައެއް މީހުން ޒަޚަމްވި ނަމަވެސް، އެއްވެސް މީހަކު މަރުނުވާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

މާނައަކީ، ވެނެޒުއެލާގެ ރައީސް ހުންނެވި މަރުކަޒު ކައިރިއަށް ދިޔަ އެމެރިކާ ސިފައިން ހުއްޓުވަން، ރައީސް މަދޫރޯގެ ސަލާމަތީ ފާރަވެރިން މާބޮޑު މަސައްކަތްތަކެއް ނުކުރާ ކަމެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާއި، އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް ހައްޔަރު ކޮށްގެން އެމެރިކާއަށް ގެންދިޔަ ނަމަވެސް، ވެނެޒުއެލާގެ ވެރިކަމުގައި އަދިވެސް ތިބީ ރައީސް މަދޫރޯގެ ބައިވެރިންނެވެ.

ވެނެޒުއެލާގެ ވެރިކަން ހިންގުމުގައި އަދިވެސް އިސްކޮށް ހުންނެވީ މަދޫރޯގެ ނައިބް ރައީސް ޑެލްސީ ރޮޑްރިގޭޒްއެވެ.

ވެނެޒުއެލާގެ ވެރިކަމާއި އަދި އެގައުމުގެ ތެޔޮ ކޮންޓްރޯލް ކުރާނީ އެމެރިކާއިން ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނި ނަމަވެސް، އެކަމަށް އެމެރިކާއިން އަޅާނެ ފިޔަވަޅުތަކެއް އަދި ސާފެއް ނުވެއެވެ.

އެމެރިކާއިން ވެނެޒުއެލާގައި ގާއިމްކުރަން އުޅެނީ ގޮނޑިކޮއްކޮ ސަރުކާރެކެވެ. އެކަމަށް މީހަކުވެސް އެބަ ހުއްޓެވެ. އެކަމަކު، މިވަގުތަށް އެކަން ކުރަން އެމެރިކާއިން އުޅޭތީއެއް އަދި ނުފެނެއެވެ.

ހަމަ އެއާއެކު، ވެނެޒުއެލާގައި އޮތް ނިކޮލަސް މަދޫރޯގެ ސަރުކާރުން އެމެރިކާއަށް ދޫދޭނީ ކޮން ކަންކަމެއްގައިތޯ އަދި ދޫދޭނީ ކިހާވަރަކަށްތޯ އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ