އިރާގުގައި އެމެރިކާ ސިފައިން ގާއިމްވެތިބި އައިން އަލް އަސަދު އެއަރބޭހުން އެމެރިކާ ސިފައިން އެއްކޮށް ނުކުމެއްޖެއެވެ.
އެމެރިކާ ސިފައިން އަސްކަރީ އެއަރބޭހުން އެއްކޮށް ފައިބައިގެން ދިއުމާއެކު، އިރާގު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް އެތަންވަނީ ގެންގޮސްފައެވެ.
އަދި އިރާގުގެ އަސްކަރީ ފައުޖުތަކާ، އަސްކަރީ ބޭހުގެ ޒިންމާތައް ހަވާލުކުރުމުގެ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައި ވެއެވެ.
އިރާގުގެ ހުޅަނގުގެ އަމްބާރު ޕްރޮވިންސްގައި ގާއިމްކޮށްފައިވާ އައިން އަލް އަސަދް އެއަރބޭސް ހުސްކުރުމަށް އެމެރިކާއާއި އިރާގާ ދެމެދު އެއްބަސްވުމެއް ހެދުނީ 2024 ވަނަ އަހަރުއެވެ.
އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ އެ ބޭހުގައި ތިބޭ އެމެރިކާއާއި އެމެރިކާއާ އެކުވެރި އެހެން ގައުމުތަކުގެ ސިފައިން ފިޔަވަހި ތަކަކަށް ބަހާލައިގެން އެއްކޮށް ފައިބާ ނިންމުމަށެވެ.
އިރާގުގައި އެމެރިކާ ސިފައިން އަސްކަރީ ބޭސްތައް ހަދައިގެން ތިބެނީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުންނެވެ.
އިރާގު ސަރުކާރުގެ ޑިފެންސް މިނިސްޓްރީ ބުނެފައިވަނީ، އައިން އަލް އަސަދް އެއަރބޭސް އިރާގުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ނަމަވެސް، ލޮޖިސްޓިކް ބައެއް ކަންކަމުގައި އެހީތެރިވުމަށް އެމެރިކާ ސިފައިންގެ މަދުބަޔަކު ވަގުތީގޮތުން ތިބޭނޭ ކަމަށެވެ.
އައިން އަލް އަސަދު އެއަރބޭހަކީ، އިރާގުގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ ދެވަނައަށް އެންމެބޮޑު އެއަރބޭހެވެ.
އެމެރިކާ ސިފައިން އެ ބޭހުން ފައިބައިގެން މިދިޔައީ 23 އަހަރު ފަހުންނެވެ.
އެމެރިކާ ސިފައިން ހަމަލާދީ އީރާނު އަސްކަރިއްޔާގެ އިސް ބޭފުޅެއް ކަމުގައިވާ ސުލައިމާނީ އަވަހާރަ ކޮށްލުމުން އެކަމާ ރުޅިއައިސްގެން އީރާނުން 2020 ވަނަ އަހަރުގެ ތެރޭގައިވަނީ، އައިން އަލް އަސަދް އެއަރބޭސްއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި އެއަރބޭސްއަށް ބޮޑެތި ގެއްލުންތައް ލިބި އެމެރިކާ ސިފައިންގެ 120 މީހުން ޒަޚަމްވިއެވެ.
އީރާގުގެ ހަތިޔާރު އެޅި ގްރޫޕްތަކުންވެސް 2023 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް، އެ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގޮސްފައި ވެއެވެ.
އައިން އަލް އަސްކަރީ އެއަރބޭހުން އެމެރިކާ ސިފައިން ފައިބައިގެން ދިއުމުން ހުޅަނގުގެ މުހައްލިލުން ބުނަމުން ގެންދަނީ، އިރާގު ނުރައްކާތެރި ޒޯނެއްގެ ތެރެއަށް ވެއްޓިގެންދިޔައީ ކަމަށެވެ. އިރާގަށް އެގައުމުގެ ސަލަމާތީ ކަންކަން ނުބެލެހެއްޓޭނޭ ކަމަށެވެ.
ހަމަ އެއާއެކު، މިއީ އިރާގުގެ ސިޔާސީ، ސަލާތީ ކަންކަން، ބޯޑަރު އަދި އިރާގުގެ ތެޔޮ ކޮންޓްރޯލް ކުރުމަށް އީރާނަށް ހުޅުވިގެންދިޔަ ރަނުގެ ދޮރެއް ކަމަށްވެސް ބުނަމުން ގެންދެއެވެ.



