އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އީރާނުން ހަމަލާދީ މަރާލާނެ އިސްރާއީލު އެންމެ އިސް 7 ވެރިއެއްގެ ލިސްޓް އީރާނުން އާންމުކުރުމާ ގުޅިގެން އިސްރާއީލު ހާސްވެ ބިރުން ތެޅިފޮޅޭން ފަށައިފިއެވެ.
އީރާނުން ހަމަލާދީ މަރާލާނެ އިސްރާއީލު 7 ވެރިއްގެ ފޮޓޯއާއި، އެމީހުން މަރާލަން ހަމަލާދޭނޭ ތަންތަނުގެ ލިސްޓް އާންމު ކޮށްފައިވަނީ އީރާނު ސަރުކާރުގެ ޓީވީންނެވެ.
މިލިސްޓުގައި ހިމެނެނީ އިސްރާއީލުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫއާއި، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ވެރިޔާ ޑޭވިޑް ބާރނިއާއާއި، އަސްކަރިއްޔާގެ އެހެން އިސް ވެރިންނެވެ.
ލިސްޓު އާންމުކުރަމުން އީރާނު ސަރުކާރުގެ ޓީވީންވަނީ، މަރުގެ ވަގުތު ކަނޑައެޅުމަށާއި، އަބާބީލް ޑްރޯންތަކަށް އިންތިޒާރު ކުރުމަށް އެމީހުންނަށް އިންޒާރު ކޮށްފައެވެ.
އީރާނުގެ ޓީވީތަކުން މީގެކުރިންވަނީ، އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާތައް އަމާޒުކުރާނެ އިސްރާއީލުގެ ރަށްތަކާއި ތަންތަންވެސް އާންމުކޮށްފައެވެ.
އެއްފަހަރާ އެތައްސަތޭކަ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލާއި، ޑްރޯން ފޮނުވައިގެން މުޅި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާނޭ ކަމަށް އީރާނުން އިންޒާރު ކުރަމުން ގެންދެއެވެ.
މިގޮތަށް، އެއްފަހަރާ އެތައްސަތޭކަ ހަމަލާ ފޮނުވުމުގެ މާނައަކީ، އެމެރިކާއިން އިސްރާއީލަށް ދީފައިވާ މިސައިލުން ދިފާއުވާ އައްޑަނަތަކަށްވެސް މިސައިލްތަކާއި ޑްރޯންތައް ހުއްޓުވަން ނުކުޅެދުމެވެ.
މިދިޔަ އަހަރުގެ ޖޫންމަހު އީރާނާއި އިސްރާއީލާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގައިވެސް އީރާނުންވަނީ އެކަން ސާބިތު ކޮށްދީފައެވެ. އެހެންވެ، އެމެރިކާއިން މިހާރު ވަނީ އިސްރާއީލަށް އިތުރު އައްޑަނަތައްވެސް ދީފައެވެ.
އަދި އިސްރާއީލާ ދިމާއަށް އަންނަ މިސައިލްތަކާއި ޑްރޯންތައް ވައްޓާލަން، ކަނޑުމަގުންވެސް އިސްރާއީލު ކައިރިއަށް އައްޑަނަތައް ގާއިމްކޮށްފައިވާ މަނަވަރުތައް ފޮނުވާފައި ވެއެވެ.
އީރާނުން ބުނަނީ، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދީފިނަމަ އިސްރާއީލަކީ ހަމަލާތަކުގެ ބައިވެރިއެއް ކަމަށް އޮޓޮމެޓިކުން ކަނޑައެޅޭނެ ކަމަށާއި، އިސްރާއީލުގެ އެއްވެސް ތަނެއް ސަލާމަތް ނުވާނޭ ކަމަށެވެ.
މިދިޔަ އަހަރާ ޚިލާފަށް، އީރާނު އަސްކަރިއްޔާގެ ކަނޑުގެ ސިފައިންނާއި، އެއްގަމު ސިފައިންނާއި އަދި ވައިގެ ސިފައިންވެސް މިހާރުވަނީ އިތުރަށް ހަތިޔާރު ހޯދައި ތަމްރީނުތައް ބާއްވައި ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
ހަނގުރާމަ ފަށައިފިނަމަ ސީދާ ނަތަންޔާހޫ މަރާލަން ހަމަލާ ދޭނޭ ކަމަށް އީރާނުން އިންޒާރު މިދިނީ، އިސްރާއީލުން އީރާނަށް ހަމަލާ ދޭއިރު އެންމެ އިސްކަންދީގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލަން ހަމަލާދޭން އިސްރާއީލު އަސްކަރީ ވެރިން ރާވައިފި ކަމުގެ ރިޕޯޓްތަކެއް ފެތުރިފައި ވަނިކޮށެވެ.
އެގޮތަށް އެމީހުން ރޭވީ، އީރާނު ބަލިކޮށް އިސްރާއީލު ބޭނުންވާގޮތަށް އީރާނު އަނބުރާލެވޭނީ އީރާނުގެ ކަންކަމުގައި އެންމެ ފަހުބަސް ބުނާ ޚާމަނާއީއާއި، އަދި އިސްލާމީ އިންގިލާބުގެ ވެރިން “ނައްތާލައިގެން” ކަމަށް މިހާރު ގަބޫލު ކުރާތީ ކަމަށްވެސް ޚަބަރުތައް ފެތުރިފައި ވެއެވެ.
އެމެރިކާގެ ސީބީއެސްއިން ބުނެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތައް ނާކާމިޔާބު ވެއްޖެނަމަ އިސްރާއީލުން އީރާނުގެ މިސައިލް ޕްރޮގްރާމްގެ ތަންތަނަށް ހަމަލާދިނުމަށް އޭނާ ރުހުން ދޭނޭކަމަށް ނަތަންޔާހޫ އިހަށްދުވަހު ވޮޝިންޓަނަށް ކުރި ދަތުރުގައި ޓްރަމްޕް ޕްރައިވެޓްކޮށް ބުނެފައިވާ ކަމަށެވެ.
އެކަމަކު، އީރާނު ސިފައިން އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ތިބެ ބެލިސްޓިކް މިސައިލާއި ޑްރޯން ފޮނުވައިގެން މިދިޔަ އަހަރު އިސްރާއީލުގެ ރަށްތަކަށް ހަދާލިގޮތުންނާއި، އަދި އީރާނު މިހާރު ތައްޔާރުވެފައިވާ ގޮތުން އީރާނުން ދެމުންގެންދާ އިންޒާރުތަކަކީ ސީރިއަސް އިސްޒާރުތަކެއްކަން އިސްރާއީލުގެ ވެރިންވެސް ތިބީ ދަނެގެންނެވެ.
އީރާނުން ލިސްޓް އާންމުކުރުމުން ނަތަންޔާހޫއާއި އިސްރާއީލުގެ ވެރިން ޕެނިކްވެގެން އުޅެނީ އެހެންވެގެންނެވެ.



