ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބާއްވަން ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓަކަށް ދާން ނިންމާފައިވާ އިރު، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސްޓޭންޑަކީ އެކަމަށް “އާނއެކޭ” ބުނުން ކަމަށާއި ހުރިހާ ރައްޔިތުން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ދިނުމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެދިވަޑައިގެންފި އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ފުރިހަމަ ތާއީދު ކަމަށެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާ ނުހަނު ބޮޑުކަން ކަމަށާއި މިކަމަކީ ބޮޑު ކެމްޕެއިނެއްގެ ގޮތުގައި ބައެއް ޕާޓީތަކުން ކުރިއަށް ގެންގޮސްފާނޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ އިންތިހާބީ ދައުރުގެ ތެރެއިން ރައްޔިތުންގެ ގާތަށް ނުދާން ވެސް ނޫން ކަމަށާއި، އަދި ރިޔާސީ ދައުރު ދަންމާލުމުގެ މަގުސަދެއް ވެސް ކޮންގްރެސް ޕާޓީން ނުގެންގުޅޭ ކަމަށެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން މިފަހަރު އަންނާނެ ބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް ދުވަސް އުނިވުން ކަމަށާއި، ދައުރު މަދުވާނީ މިހާރު އޮތް މަޖިލީހުގެ އެކަނި ކަމަށް ފަލާހު ވިދާޅުވި އެވެ.
އެހެންވެ މިއީ އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ބެލިޔަސް ގައުމަށް އަދި ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑު ގޮތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
“ދެ އިންތިހާބުގެ ރެފަރެންޑަމްގައި ޕީއެންސީގެ ސްޓޭންޑަކީ “އާނއެކޭ” އެެއީ އަޅުގަނޑުމެން ތާއީދުކުރާ ކަމެއް. އިންތިހާބުތައް މަދުވާ ވާހަކަ ދައްކާއިރު ރިޔާސީ ދައުރުގެ މެދުތެރެއިން އެބަ އާދޭ ލޯކަލް ކައުންސިލު އިންތިހާބު. ދައުރުގެ މެދު ތެރެއިން އެ އިންތިހާބު އޮއްވާ އިންތިހާބުތައް މަދުވާ ވާހަކަ ނުދެއްކޭނެ، އެންމެ ރަނގަޅު ދުވަސްތަކާ ދިމާކޮށް ބޮޑު އިންތިހާބެއް އެބަ ބޭއްވޭ.” ފަލާހް
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކު އަންނަ މަހުގެ 4 ގަ އެވެ.
މި ވޯޓްގެ މައްސަލަ އިދިކޮޅު އެމްޑީޕީން ހައި ކޯޓަށް ހުށަހަޅާ އިރު، އެވޯޓާ ދެކޮޅަށް އަޑު އުފުލަން މި މަހުގެ 21 ގައި ބޮޑު އެއްވުމެއް ވެސް ބާއްވަން އެ ޕާޓީން އޮތީ ނިންމައިފަ އެވެ.


