ހަނގުރާމައަށް ހުސްއަތާ ނުކުތް އީރާނުގެ ޑިމާންޑްތަކަށް އެއްބަސްވެ ޓްރަމްޕް އަމާންދީފި

ޚަބަރު ފަހުގެ ދުނިޔެ

މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމުން، އަމިއްލަ ދިފާއުގައި އީރާނު ހަނގުރާމައަށް ނުކުތީ ހުސްއަތާއެވެ. އީރާނު ހަނގުރާމައަށް ނުކުތީ އަމިއްލަ ގައުމުގެ މިނިވަންކަމާއި، އިސްތިގްލާލު ހިމާޔަތް ކުރުމަށެވެ.

އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ފެށީ އީރާނުގެ ވެރިކަން ވައްޓާލައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމް ސުންނާފަތިކޮށް އީރާނު އިނދަޖައްސާލުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާއާއި އިސްރާއީލުން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތައް ދެމުންގެންދިޔައީ ހަމައެކަނި އީރާނުގެ ވެރިކަން ވައްޓާލައި، ނިއުކްލިއަރ ޕްރޮގްރާމާއި، މިސައިލް ޕްރޮގްރާމް ހުއްޓުވަން ނޫންކަން އެނގިގެންދިޔައީ، އާންމު ތަންތަނަށްވެސް އުދުވާނީ ހަމަލާތައް ދޭން ފެށުމުންނެވެ. އީރާނުގެ ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި، ހޮސްޕިޓަލްތަކާއި، ސަރުކާރުގެ އޮފީސް އިމާރާތްތަކާއި، ބްރިޖްތަކާއި، ފެން ޕްލާންޓްތަކާއި އަދި ބައެއް އިންޖީނުގެތަކަށްވެސް އުދުވާނީ ހަމަލާތައް ދީފައި ވެއެވެ. ދުޝްމަނުންގެ ހަމަލާތަކުގައި އެތައްސަތޭކަ ކުޑަކުދިންނާއި އާންމުން މެރުވެ، އެތައްހާސް ބަޔަކު ޒަޚަމްވެފައި ވެއެވެ.

އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ރައްދުގައި އީރާނުން ހަމަލާތައް ދޭންފެށީ ޒަޔަނިސްޓު އިސްރާއީލަށާއި، ގަލްފް ސަރަހައްދުގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި އަސްކަރީ ތަންތަނަށެވެ. އީރާނުން ރައްދު ހަމަލާތައް ދިނުމަށް ހައިޕަރސޮނިކް ބެލިސްޓިކް މިސައިލާއި، ބެލިސްޓިކް މިސައިލާއި، ކްލަސްޓަރ މިސައިލާއި، އެނޫންވެސް ޒަމާނީ މިސައިލްތަކުގެ އިތުރުން، ހަމަލާދޭ ޑްރޯން ބޭނުންކޮށްގެން އެމެރިކާއާއި އިސްރާއީލުގެ ތަންތަން މުޅީންހެން ކަހަލަ ގޮތަކަށް ސުންނާފަތި ކޮށްލިއެވެ. އެމެރިކާގެ އަސްކަރީ 13 ބޭހުގެ ތެރެއިން ކިރިޔާވެސް ބޭނުންކުރެވޭ ހާލަތުގައި އޮތީ ދެތިން ބޭހެކެވެ. އިސްރާއީލުގެ ހުރިހާ ސިޓީއެއްހެން ކަހަލަ ގޮތަކަށް ސުންނާފަތިކޮށްލިއެވެ.

ނުވިތާކަށް، އީރާނުގެ ހަމަލާތަކުގައި އެމެރިކާއާއި އިސްރާއީލުގެ އެތައް ސިފައިން މަރާލައި، އެތައްސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ. އެމެރިކާ ސިފައިން ސަރަހައްދުގައި ތިބި ތަންތަނުން ފައްސާލިއެވެ.

އެމެރިކާއާއި އިސްރާއީލުން ކުރަން ކަނޑައެޅި އެއްވެސް ކަމެއް ހާސިލްނުވެ އަދި އީރާނުގެ ފަރާތުން ލިބެމުންދިޔަ ގެއްލުންތައް ބޮޑުވެ ދެން ސަލާމަތް ނުވާ ހިސާބަށް ދިއުމުން އެމެރިކާގެ ރައީސް ދެން މަސައްކަތް ފެށީ އީރާނު ހުއްޓުވޭނޭ ގޮތެއް ހޯދުމަށެވެ. ނުވަތަ ހަނގުރާމައިން ސަލާމަތް ވެވޭނޭ ގޮތެއް ހޯދުމަށެވެ. އެއީ، ހަނގުރާމައިގެ ފުރިހަމަ ކޮންޓްރޯލް އީރާނުން ނެގުމުންނެވެ.

އެމެރިކާގެ ރައީސް އެތަކެއް ހުށަހެޅުން ހުށަހެޅުމުންވެސް އީރާނުން އެކަމަށް އެއްބަހެއް ނުވިއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އެންމެ ބޮޑަށް ޑިމާންޑް ކުރަމުންދިޔައީ ހޮރްމޫޒު ކަނޑޮއޮޅި ހުޅުވުމަށެވެ. އެކަމަށްވެސް އީރާނު އެއްބަހެއް ނުވިއެވެ. ޓްރަމްޕް ދެން ދިމާކުރީ އެމެރިކާ ސިފައިން ފޮނުވައި ބާރުގެ ބޭނުންކޮށްގެން އެ ކަނޑުއޮޅި ހުޅުވުމަށެވެ. ކަމެއްވެސް ނުވިއެވެ.

ޓްރަމްޕް ދެން މަސައްކަތް ކުރީ، އެމެރިކާ ސިފައިންގެ ޕައިލެޓެއް ހޯދުމުގެ ނަމުގައި އެތައްސަތޭކަ ސިފައިންނާއި، ހަނގުރާމައިގެ ޖެޓުތަކާއި، މަތިންދާ ބޯޓުތަކާއި، ހެލިކޮޕްޓަރުތައް ފޮނުވައިގެން އީރާނުގެ ނަޓާންޒް ނިއުކްލިއަރ ޕްލާންޓްގައި ހުރި ޔޫރޭނިއަމް ވަގަށް ނެގުމަށެވެ. ނަމަވެސް، އީރާނު ސިފައިން ދިން ކުއްލި ރައްދު ހަމަލާގެ ސަބަބުން އެމެރިކާ ސިފައިންގެ އަސްކަރީ އެތަކެއް އުޅަނދެއް ގޮއްވާލައި، އެމެރިކާ ސިފައިންގެ އެތަކެއް ބަޔަކު މަރުވުމުން ފަހަތަށްޖެހި ފިލީއެވެ.

އީރާނު ހުއްޓުވޭނެ ހުރިހާ ދޮރެއް ބަންދުވުމުން ޓްރަމްޕް ދެން އިންޒާރު ދިނީ، އީރާނުގެ މުޅި އިންސާނީ  ހަޟާރަތް ސުންނާފަތިކޮށް ދުނިޔެއިންވެސް ފޮހެލުމަށެވެ. ޓްރަމްޕަށް އެކަން ކުރެވޭނީ ހަމައެކަނި އީރާނަށް ނިއުކްލިއަރ ބޮންއަޅައިގެންކަން އެންމެނަށްވެސް އެނގެއެވެ. އަދި ޓްރަމްޕަށް ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނޭކަންވެސް އެނގެއެވެ.

ކަންވީވެސް އެހެންނެވެ. ޓްރަމްޕް އީރާނަށްދިން ސުންގަޑި ހަމަވާން ގަޑިއިރަކަށް ވެފައި ވަނިކޮށް، ޓްރަމްޕް މިވަނީ އީރާނާ ދެކޮޅަށް އޭނާ ފަށާފައިވާ ހަނގުރާމަ ދެ ހަފްތާއަށް ހުއްޓާލަން އެއްބަސްވެފައެވެ. އެއްބަސްވީ އީރާނުން ހުށަހެޅި 10 ނުކުތާގެ މައްޗަށް ވާހަކަ ދައްކަން ކަމަށް ބުނެފައި ވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ހަމަލާތައް ހުއްޓާލަން އެއްބަސްވީ ކަމަށް ޓްރަމްޕް ބުނި ނަމަވެސް، އެއީ ސީދާ ޓްރަމްޕް ބުނެގެން އެމެރިކާ ހަނގުރާމައިން ސަލާމަތްވާނެ ގޮތެއް ހޯދަން ޕާކިސްތާނުގެ ބޮޑުވަޒީރު ލައްވައި ކުރުވި ކަމެއްކަން އެނގިފައި ވެއެވެ.

ކޮންމެ ގޮތެއް ވިޔަސް، ހަނގުރާމައަށް ހުސްއަތާ ނުކުތް އީރާން މިއޮތީ ހަނގުރާމައިގައި ކުރީގައެވެ. އެމެރިކާއާއި އިސްރާއީލުގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެމެރިކާއަށް މިއަދު ޖެހުނީ އީރާނުން ހުށަހެޅި 10 ނުކުތާއަށް ވާހަކަ ދައްކާށެވެ. ޓްރަމްޕް ބުނެފައިވަނީ، އީރާނުން ހުށަހަޅާފައިވާ ކަންކަމަކީ ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އާދެވިދާނެ ކަންތައްތަކެއް ކަމަށެވެ.

އީރާނުން ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރޭގައި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އީރާނާ ދެކޮޅަށް ދެން ދުވަހަކުވެސް އުދުވާނުތައް ނުހިންގުމާއި، ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށް އެއްބަސްވުމާއި، ހޮރްމޫޒުގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް އޮތުމަށް އެއްބަސްވުމާއި، އީރާނު އަލުން ބިބާކުރަން ހޮރްމޫޒުން ނަގާ ފީ ބޭނުންކުރުމަށް އެއްބަސްވުންފަދަ މުހިންމު ނުކުތާތައް ހިމެނެއެވެ.

ވާހަކަތަކަށް މަގުފަހި ކުރުމުގެ ގޮތުން އީރާނުން މި ދެ ހަފްތާގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާނެއެވެ. ނަމަވެސް، އިސްލާމްއާބާދުގައި ހުކުރު ދުވަހު ފަށާ ވާހަކަތަކުގައި އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާއިން އެއްބަސްވެ އަދި ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ނުދެވިއްޖެނަމަ އަލުން ހަނގުރާމަ ފެށޭނެއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، އަސްކަރީގޮތުން ހޯދި ކާމިޔާބީތަކަށްފަހު ބާކީ ހުރި ކަންކަން ހާސިލް ކުރާނީ ސިޔާސީގޮތުން ވާހަކަ ދައްކައިގެން ކަމަށާއި، ދުޝްމަނުން ކިރިޔާ ކަތިފިޔަވަޅެއް އެޅިޔަސް، ފުރިހަމަ ބާރު ދައްކައި ސުންނާފަތިކޮށްލާނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ