ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތް %20 އިން %5 އަށް ކުޑަކޮށްފި އެވެ.
މި ލުއި ދިނުމަށް ބޭންކުން ނިންމާފައިވަނީ 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފަސޭހަކަމާއެކު އާންމުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ބޭންކުން ގެނައި މުހިންމު ބަދަލެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، އިކުއިޓީ %5 އަށް ކުޑަކުރުމަކީ ގެދޮރު އިމާރާތްކުރުމުގައި ދިވެހި އާއިލާތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވޭނެ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން އެމްޑީ ފާހަގަކުރެއްވީ، 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވި ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު ފައިނޭންސް ލިބޭނެ ކަމަށެވެ. މިއީ އަމިއްލަ ގެދޮރު ބިނާކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް ފަހިވެގެންދާނެ ބަދަލެކެވެ.
މި ބަދަލާއެކުވެސް، 3 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއުތަކަށް ފައިނޭންސިންގ ދޫކުރާނީ ކުރިއެކޭ އެއްގޮތަށް %20 އިކުއިޓީއާއެކުގަ އެވެ.
ބީއެމްއެލްއަކީ މިހާރުވެސް %9 ގެ ރޭޓާއެކު ރާއްޖޭގައި އެންމެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިންގ ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް ބޭންކުން ވަނީ %5 އަށް ކުޑަކޮށްފަ އެވެ.
ގައުމީ ބޭންކުގެ އަމާޒަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މާލީ އެހީތެރިކަން ވީހާވެސް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.


