ޓްރަމްޕް ބޭނުންވަނީ ވާހަކަތައް ފެއިލްކޮށްލަން، ހަމަލާތައް ފަށަން އެމެރިކާއާއި އިސްރާއީލުގެ ސިއްރު ސައްލާތަކެއް

ޚަބަރު ފަހުގެ ދުނިޔެ

ސުލްހައިގެ އެއްބަސްވުމެއް ހެދުމަށްޓަކައި އެމެރިކާއާއި އީރާނުން ދެހަފްތާއަށް ހަނގުރާމަ މެދުކަނޑާލީ އޭޕްރީލް 8  ގައެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ފުރަތަމަ ބުރުގެ ވާހަކަތައް ނިމިގެންދިޔައީ އެއްވެސް އެއްބަސްވުމެއް ނުހެދިއެވެ. ވާހަކަތައް ނުވެސް ނިމެނީސް ނަތަންޔާހޫ އަމުރުކޮށްގެން އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް ކުއްލިއަކަށް ޕާކިސްތާނުން ފުރައިގެން ދިޔައީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނާއެކު ބާއްވާ ދެވަނަ ބުރުގެ ވާހަކަތަކަށް ހޯމަދުވަހު ޕާކިސްތާނަށް ވަފުދެއް ދާނޭ ކަމަށް ޓްރަމްޕް ބުނެފައި ވީނަމަވެސް، އީރާނުން ވަފުދެއް ދާނޭ ކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. އަމުދުން ޓްރަމްޕް ކަންތައް ކުރަމުންދާ ގޮތުން އީރާނުން ވާހަކަތަކަށް ދާނޭ ކަމަށް ނުވެސް ބެލެވެއެވެ.

ޓްރަމްޕް އަމުރުކޮށްގެން ދުނިޔޭގެ އެކި ހިސާބުތަކުން އީރާނަށް ދަތުރުކުރާ ހުރިހާ ތެޔޮ ޓޭންކަރުތަކާއި، ކޮންޓެއިނަރ ބޯޓުފަހަރާއި އަދި އީރާނުން ފުރައިގެންދާ ހުރިހާ އުޅަނދުފަހަރަށް ހުރަސްއަޅަން އެމެރިކާ ސިފައިން މަސައްކަތް ފެށީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަމުން ދަނިކޮށެވެ. އީރާނުން ހޮރްމޫޒު އެއްކޮށް ހުޅުވާލުމުންވެސް ޓްރަމްޕް އެންގީ އެމެރިކާ ސިފައިންގެ މަސައްކަތް ނުހުއްޓާނޭ ކަމަށެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވެ ފުރަތަމަ ބުރުގެ ވާހަކަތައް ބާއްވައި އަދި އޭގެފަހުންވެސް ޕާކިސްތާނު މެދުވެރިވެގެން އީރާނާއި އެމެރިކާއިން މެސެޖުގެ ޒަރީއާއިން ވާހަކަތައް ދައްކަމުން ގެންދާއިރުވެސް، ޓްރަމްޕް  ގެންދަނީ އަދިވެސް ސަރަހައްދަށް އެމެރިކާގެ ލަޝްކަރުތައް ޖަމާކުރަމުންނެވެ. އެގޮތުން، އެމެރިކާގެ އަސްކަރިއްޔާގައި ހިމެނޭ އިތުރު އެތައް މަނަވަރަކާއި، އެތައްހާސް ސިފައިން ފަހުންވެސް ވަނީ އަރަބި ކަނޑަށް ޖަމާކޮށްފައެވެ. އަދި އިތުރު އެތައް މަނަވަރަކާއި ސިފައިން މިހާރުވެސް ދަނީ، ސަރަހައްދަށް ދަތުރުކުރަމުންނެވެ.

ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނާ ވާހަކަ ދައްކަމުން، އެމެރިކާގެ ރައީސް ގެންދަނީ އީރާނަށް ބިރުވެސް ދައްކަމުންނެވެ. އިންޒާރުތައްވެސް ދެމުންނެވެ.

ޓްރަމްޕް އީރާނަށް އަންގަނީ އީރާނުން ފައްކާކޮށްފައި ހުރި ޔޫރޭނިއަމް އެމެރިކާއާ ހަވާލުކުރަން ޖެހޭނޭ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހުއްޓާލަން ޖެހޭނޭ ކަމަށެވެ. ހޮރްމޫޒު ކަނޑުއޮޅި އެއްވެސް ޝަރުތަކާ ނުލައި ހުޅުވާލަން ޖެހޭނޭ ކަމަށެވެ. މި ހުރިހާ ޝަރުތުތަކެއް އޭނާ ހުށަހަޅަނީ ސޯޝަލް މީޑިއާ މެދުވެރި ކޮށެވެ. ބޭނުމަކީ އީރާނަށް ޕްރެޝަރކޮށް ބިރު ދެއްކުމެވެ.

އެއްބަސްވުމެއް ނުހަދައިފިނަމަ އީރާނަށް އަލުން ބޮންތައް އަޅަން ފަށާނޭ ކަމަށް އިހަށްދުވަހު ބުނުމަށްފަހު، އިއްޔެ ބުނެފައިވަނީ، ޕާކިސްތާނުގައި ބާއްވާ ދެވަނަ ބުރުގެ ވާހަކަތަކަކީ އީރާނަށް ލިބޭނޭ ފަހު ފުރުސަތު ކަމަށާއި، އެމެރިކާ ބޭނުންވާ ގޮތަށް އެއްބަސްވުމެއް ނުހަދައިފިނަމަ މުޅި އީރާނު ގޮއްވާލާނޭ ކަމަށެވެ. މާނައަކީ އީރާނުގެ 94 މިލިއަން ރައްޔިތުންނާއެކު މުޅި އީރާނު ދުނިޔެއިން ނެތިކޮށްލާނެ ކަމެވެ. ޓްރަމްޕަށް އެކަން ކުރެވޭނީ އީރާނަށް އެޓޮމިކް ބޮން އަޅައިގެންނެވެ.

ހޯމަދުވަހުގެ ހަވީރު އެމެރިކާގެ ވަފުދެއް ޕާކިސްތާނަށް ދާނޭ ކަމަށް ބުނުމަށްފަހު އަރަބި ކަނޑުގެ އުތުރުން ދަތުރުކުރި އީރާނުގެ ބިޔަ ކޮންޓެއިނަރ ބޯޓެއްގެ އިންޖީރު ރޫމާއި، ބުރަފައްޗަށް ހަމަލާދީ ހަލާކުކޮށްލުމަށްފަހު ބޯޓަށް އަރައިގަނެ ބޯޓުވެސް މިވަނީ ކަނޑުފޭރިގެންފައެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކުންވެސް ސީދާ ޣައިރުގާނޫނީ ކަނޑުފޭރުމުގެ އަމަލެކެވެ. އަދި މިއީ، ޓްރަމްޕް ސީދާ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އަމަލެކެވެ.

އެމެރިކާ ސިފައިން ހިންގި ޖަރީމާތަކަށް ވަރުގަދަ ރައްދުތަކެއް ދޭނޭ ކަމަށް އީރާނުން އިންޒާރުކޮށްފައި ވުމާއި، އީރާނުގެ ފަރާތުން ރައްދު ހަމަލާތައް ދޭންފަށައިފިނަމަ އަނެއްކާވެސް ހަނގުރާމަ ފެށުނީއެވެ. އެއީ ޓްރަމްޕް ބޭނުންވެގެން އުޅޭ ކަމެވެ. ޓްރަމްޕް ބޭނުންވަނީ ޕާކިސްތާނުގައި ކުރިއަށްދާ ވާހަކަތައް ފެއިލްކޮށްލުމަށެވެ.

އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމަކީ އިސްތިއުމާރީ އިސްރާއީލުން އެއްގޮތަކަށްވެސް ބޭނުންވި  ކަމެއް ނޫނެވެ. ޓްރަމްޕް ހަނގުރާމަ ފެށީވެސް މުޖުރިމު ނަތަންޔާހޫ ބުނެގެންނެވެ.

އީރާނާ ދެކޮޅަށް ކުރަމުންދިޔަ ޣައިރުގާނޫނީ ހަނގުރާމަ ޓްރަމްޕް މެދުކަނޑާލީވެސް އެކަން ނުކުރާން ނަތަންޔާހޫ ނަސޭހަތް ދެމުންގެންދަނިކޮށެވެ.

އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށްޓަކައި އެމެރިކާއާއި އިސްތިއުމާރީ އަސްކަރިއްޔާއާ ދެމެދުގައި ސައްލާތައް ކުރިއަށްދާކަން އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. އަދި އަލުން ހަނގުރާމަ ފަށައި، އުދުވާނީ ހަމަލާތައް ދޭނޭ ތަންތަންވެސް މިހާރު ކަނޑައަޅާފައިވާ ކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ. އެމެރިކާއާއި އިސްރާއީލުން ދެން ފަށާ އުދުވާނުގައި ޓެރަރިސްޓު ހަމަލާތައް ދިނުމަށް ރާވާފައިވަނީ އީރާނުގެ އިންޖީނުގެތަކާއި، ބްރިޖްތަކާއި، އިންފްރާސްޓްރަކްޗަރ ހުރިހާ ތަންތަނަކަށެވެ.

އެމެރިކާގެ ރައީސްގެ ވާހަކަތަކުންނާއި، އަދި މުޖުރިމު ނަތަންޔާހޫވެސް އިހަށްދުވަހު ބުނެފައިވަނީ، އީރާނަށްދޭ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން އަދި އާންމުން މަރުވުމަކީ އެމީހުންނަށް މައްސަލައެއް ނޫން ކަމަށެވެ.

އަނެއްކޮޅުން، އީރާނުގެ އިންގިލާބީ ލަޝްކަރުންވެސް ގެންދަނީ ދުޝްމަނުންނަށް ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ. އަންގަނީ، ރައްދު ހަމަލާތައް ދިނުމަށް މިފަހަރު ބޭނުންކުރަން ފަށާނީ މިމަހު އުފައްދާފައިވާ މިސައިލްތައް ކަމަށެވެ. އީރާނުގެ ފުރިހަމަ އަދި ވަރުގަދަ ބާރު މިފަހަރު ދުޝްމަނުންނަށް ދައްކާލާނޭ ކަމަށްވެސް އަންގަމުން ގެންދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ