ގޭބިސީތަކުގެ ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ކޮލަމް ފަހުގެ

ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޭޕްރީލް މަހަކީ ހަމައެކަނި އަވިގަދަ މަހެއް ނޫނެވެ. މިއީ އަހަރުގެ ތެރޭގައި އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. މީޓިއޮރޮލޮޖިކަލް ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 30 އަހަރުވެސް މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދެ މަހެވެ. އޭޕްރީލް މަހު އުޑުމަތި ސާފުވެ، ވައި މަޑުވުމުގެ ސަބަބުން ވައިގެ ތެތްކަން މަތިވެ، ހޫނުމިން އިހުސާސްކުރެވޭ މިންވަރު 42 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މައްޗަށް ދެއެވެ.

މި ހޫނުގެ ސަބަބުން ގޭބިސީތަކުގެ ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެއެވެ. 2023 ވަނަ އަހަރު ސްޓެލްކޯއިން ހާމަކުރި ގޮތުގައި މާލެ ސަރަހައްދުގެ %75 ގޭބިސީތަކުގެ ކަރަންޓު ބިލް އޭޕްރީލް މަހު ބޮޑުވެފައިވެއެވެ. އެވްރެޖްކޮށް ކޮންމެ ބިލަކަށް 32 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 493 ރުފިޔާ) އިތުރުވެފައިވެއެވެ. މާލޭގެ ކަރަންޓު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބޭނުންކުރާ މިންވަރު ވަނީ 100 އާއި 104 މެގަވޮޓާ ދެމެދުގެ ރެކޯޑް މިންވަރަކަށް މަތިވެފައެވެ.

ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ސަބަބުތައް:

ބޭރުގެ ހޫނުމިން މަތިވުމާއި ގޭބިސީގެ ކަރަންޓު ބިލާ ސީދާ ގުޅުން އޮވެއެވެ. ހޫނު ވާ ވަރަކަށް އެއާކޮންޑިޝަނަރުތަކާއި ފަންކާތަކާއި ފްރިޖްތައް މަސައްކަތްކުރަންޖެހޭ މިންވަރު އިތުރުވެއެވެ. ރާއްޖޭގައި ގޭބިސީތަކާއި އޮފީސްތަކުގެ ކަރަންޓު ބިލުގެ 60% އާއި 70 އިންސަންތަ އަކީ އެއާކޮންޑިޝަނަރުގެ ޚަރަދެވެ.

ހޫނު މޫސުމުގައި ކަރަންޓު ބިލް ބޮޑުވާ މައިގަނޑު ސަބަބުތަކަކީ:

އެއާކޮންޑިޝަނަރު: ބޭރުގެ ހޫނުމިން މަތިވުމުން، ކޮޓަރި ފިނިކުރުމަށްޓަކައި އޭސީގެ ކޮމްޕްރެސަރ މާގިނައިރު މަސައްކަތްކުރަން ޖެހުން.

ފްރިޖް އަދި ފްރީޒަރ: ހޫނު ގަދަވުމުން ފްރިޖްގެ އެތެރެ ފިނިކޮށް ބެހެއްޓުމަށް ކޮމްޕްރެސަރ މެދުނުކެނޑި ހިނގުން.

ފެން ޕަމްޕު: ފެންވަރާ މިންވަރު އިތުރުވުމާއި ފިނިވުމަށް ފެން ބޭނުންކުރާ މިންވަރު އިތުރުވުން.

ފަންކާ: ދުވާލާއި ރޭގަނޑު މެދުނުކެނޑި ފަންކާ ޖައްސާފައި ބެހެއްޓުން.

 

ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރެވިދާނެކަންތައްތައް

އެއާކޮންޑިޝަނަރު ބޭނުންކުރުން ހަރުދަނާކުރުން

އެންމެ ބޮޑު ބަދަލެއް ގެނެވޭނީ އޭސީ ބޭނުންކުރާ ގޮތަށެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ “25 ޑިގްރީއަކީ ހަމަ މިންވަރު” ކެމްޕޭނުން ދައްކާގޮތުގައި، ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވަނީ 25 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމެވެ. މިގޮތަށް ބަދަލުކުރުމުން އަހަރަކު ގާތްގަނޑަކަށް 18,000 ރުފިޔާ ސަލާމަތްކުރެވިދާނެއެވެ.

ސާވިސްކުރުން: ކޮންމެ މަހަކު 1 ފަހަރު މަދުވެގެން (ރަގަޅީ ދެހަފުތާއިން ކުރުން) އޭސީ ފިލްޓަރު ސާފުކޮށް، އަހަރަކު އެއްފަހަރު ޓެކްނީޝަނަކަށް ދައްކައިގެން ސާވިސްކުރުން.

އިންވާޓާ އޭސީ: އިންވާޓާ ޓެކްނޮލޮޖީ ބޭނުންކުރާ އޭސީތަކުން %30 އަށްވުރެ ގިނައިން ކަރަންޓު ސަލާމަތްކޮށްދެއެވެ.

ދޮރާއި ކުޑަދޮރު ބަންދުކުރުން: އޭސީ ޖައްސާފައި ހުންނައިރު ބޭރަށް ފިނި ނުދާނެހެން ރަނގަޅަށް ބަންދުކުރުން (ކޮޓަރިއަކީ ސީލްޑު ތަނަކަށްހެދުން).

ފަންކާގެ ބޭނުން ހިފުން

ފަންކާއަކީ އޭސީ އަށްވުރެ މާ މަދުން ކަރަންޓު ހިނގާ އެއްޗެކެވެ. އޭސީއަކުން 1,000-2,000 ވޮޓް ހިނގާއިރު، ފަންކާއަކުން ހިނގަނީ އެންމެ 30-50 ވޮޓެވެ. ފަންކާ ބޭނުންކުރާއިރު މީހަކު ނޫޅޭނަމަނިއްވާލަން އާދަކުރަންޖެހެއެވެ.

ގޭތެރެއަށް ހޫނުވުން ކުޑަކުރުން

ކުޑަދޮރުތައް ނިވާކުރުން: ހެނދުނު 10 އިން ހަވީރު 4 އާ ދެމެދު ކުޑަދޮރުތަކުގައި ދޮރު ފޮތިގަނޑު ނުވަތަ ބްލައިންޑްސް ބޭނުންކުރުން.

ވައި ދައުރުކުރުން: އިރުއޮއްސުމުންނާއި ހެނދުނު އަވިގަދަވުމުގެ ކުރިން ކުޑަދޮރުތައް ހުޅުވައި، ގޭތެރޭގެ ހޫނުވައި ބޭރުކުރުން.

ހަކަތަ މަދުންބޭނުންކުރަށްޖެހޭ އާލާތްތައް (ހަކަތަރި ރޭޓިން)

ތަކެތި ގަންނައިރު “ހަކަތަރި” ލޭބަލް ހުރި ތަކެތި ގަތުމަށް ސަމާލުކަން ދޭންޖެހެއެވެ. 5 ތަރީގެ ރޭޓިންގް ހުންނަ ތަކެއްޗަކީ އެންމެ މަދުން ކަރަންޓު ބޭނުންކުރާ ތަކެއްޗެވެ.

ދޮންނަ މެޝިން: އެއްފަހަރާ ގިނަ ހެދުން ދޮވުމާއި، ފިނި ފެނުން ދޮވުމަށް އާދަކުރުން.

އިސްތިރި: ހަފުތާއަކަށް ބޭނުންވާ ވަރަށް އެއްދުވަހު އިސްތިރިކުރުން.

ގަސްގަހާގެހީގެ މުހިންމުކަން

ގޯތިތެރޭގައި ގަސްއިންދުމަކީ ގެ ފިނިކޮށްދޭނެ ގުދުރަތީ ވަސީލަތެކެވެ. ރާއްޖޭގެ މާހައުލާ ގުޅޭ ބޯށިގަސް، މަގޫ، ކަނދު، އަދި ބަނބުކެޔޮ ފަދަ ގަސްގަހަކީ ހިޔާދީ ވައި ފިނިކޮށްދޭ ގަސްތަކެކެވެ. އެއާކޮންޑިޝަނަރުގެ ބޭރު ޔުނިޓު ހުންނަ ސަރަހައްދުގައި ހިޔާ ހުރުމުން އޭސީގެ ހިންގުން %10 ހަރުދަނާކޮށްދެއެވެ.

ކަރަންޓު ވޯލްޓޭޖަށްއަންނަ ބަދަލުތަކުން ރައްކާތެރިވުން

ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން، ވޯލްޓޭޖް ދަށްވުން (ވޯލްޓޭޖު) މެދުވެރިވެއެވެ.

މީގެ ސަބަބުން އާލާތްތަކުގެ އުމުރު ކުރުވުއެވެ.

 

ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން އެލެކްޓްރޯނިކް ސާމާނު އަވަހަށް ހަލާކުވުއެވެ.

މިކަމުން ސަލާމަތްވުމަށް ވޯލްޓޭޖު ސުޓެބުލައިޒަރ ނުވަތަ ސާޖު ޕުރޮޓެކްޓަރ ބޭނުންކުރުން މުހިންމެވެ.

އިތުރަށް ކިޔާލުމަށް: 

ގޭގައިގެންގުޅޭ ކަރަންޓު ސާމާނުތަކަކީ 220-240V އަށް ފަރުމާކޮށްފައިވާ ތަކެތި ކަމަށްވެފައި، އެ ތަކެއްޗަށް ލިބޭ ވޯލްޓޭޖް ދަށްވެއްޖެނަމަ، އެ ތަކެތި ރަނގަޅަށް މަސައްކަތެއް ނުކުރާނެއެވެ. އަދި މީގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ވޯލްޓޭޖު ދަށްވުމުން ކަރަންޓު ބޭނުންވާވަރު (އެމްޕު) އިތުރުވެއެވެ. ގިނަ ސާމާނުތަކަކީ އޭގެ ބާރުމިން (ދީފައިވާ ހަކަތަ) ހިފެހެއްޓުމަށް މަސައްކަތްކުރާ ތަކެއްޗެވެ. ވޯލްޓޭޖް ދަށްވުމުން، އެ އެއްޗެއްގެ ބާރު ހިފެހެއްޓުމަށްޓަކައި އިތުރަށް ކަރަންޓު ބޭނުންވެއެވެ. މީގެ ސަބަބުން އާލާތަކުގެ އެތެރޭގެ ނަރުތަކާއި ބައިތައް (އެލެކުޓުރޯނިކު ކޮމްޕޮނެންޓު) މާބޮޑަށް ހޫނުވެއެވެ. ކަރަންޓު ބޭކާރުވުން އިތުރުވެ، ސާމާނުތަކަށް މަޑުމަޑުން ގެއްލުންދެއެވެ.

ވޯލްޓެޖު ދަށްވުމުން މޯޓަރުތަކަށް ބާރުބޮޑުވެ ހޫނުވެ، މީގެ އަސަރު އެންމެ ބޮޑަށް އަސަރު ކުރާނީ އެއަރކޮންޑިޝަން، އައިސްއަލަމާރި، ދޮންނަ މެޝިން، ފެން ޕަންޕަށެވެ.

ވޯލްޓޭޖް ދަށްވުމުން މޯޓަރު ސްޓާޓްވާން އުނދަގޫވެއެވެ. ދުވެލި މަޑުވެ ނުވަތަ ހުއްޓޭގޮތްވެއެވެ. މާބޮޑަށް ހޫނުވެ، އަވަހަށް މައްސަލަޖެހެއެވެ. މިސާލަކަށް: އައިސްއަލަމާރީގެ ކޮމްޕްރެސަރ ސްޓާޓްވާން އުޅެއުޅެ ނުވެއްޖެނަމަ، އޭގެ މޯޓަރު އަނދާނެއެވެ.

ލެޑު ބޮކި ފަނޑުވުން ނުވަތަ ފްލިކަރ (ނިވި ދިއްލުން) ވެއެވެ. އާދައިގެ ބޮކި އަލި މަޑުވެ ފަޑުވެއެވެ. އިސްތިރި، ހީޓަރު ހޫނުވާލެއް ލަސްވެ، މީގެ ސަބަބުން ގިނައިރު ބޭނުންކުރަން ޖެހި، ކަރަންޓު ޚަރަދު ބޮޑުވެއެވެ.

އިލެކްޓްރޯނިކް ސާމާނު ކަމަށްވާ ޓީވީ، ކޮމްޕިއުޓަރު، އަދި ޗާޖަރު ފަދަ ތަކެތި ކުއްލިއަކަށް ނިވި، އެތެރޭގެ ސާކިޓްތައް ހަމަނުޖެހި، މަސައްކަތްކުރުމަށް ބުރޫއަރައެވެ. މިހެން ގިނަ ދުވަސްވާވަރަކަށް އޭގެ އުމުރު ކުރުވެއެވެ.

ވޯލްޓޭޖް ދަށްކޮށް ގިނައިރު ހުރުމުން ދިގުމުއްދަތުގައި ލިބޭ ގެއްލުން ތަކުގެ ތެރޭގައި

މޯޓަރުގެ ނަރުތައް (Windings) އެނދުން.

ކޮމްޕްރެސަރު ހަލާކުވުން (މިއީ މަރާމާތުކުރަން ވަރަށް ހަރަދުހިގާކަމެއް).

ސާމާނުތަކުގެ ފެންވަރު ދަށްވެ، އަވަހަށް ހަލާކުވުން.

ކަރަންޓު ބިލަށް ކުރާ އަސަރު (ވޯލްޓޭޖް ދަށްވުމުން ބިލް ބޮޑުވާ ސަބަބަކީ)

މަސައްކަތެއް ނިންމަން ސާމާނުތައް ގިނައިރު ހިންގަން ޖެހުން.

މޯޓަރުތަކުން ގިނައިން ކަރަންޓު ބޭނުންވުން.

އިތުރަށް އުފެދޭ ހޫނުގެ ސަބަބުން ކަރަންޓު ބޭކާރުވުން.

މިސާލަކަށް: އޭސީއެއް ފިނިކުރަން ގިނައިރު ހިނގަން ޖެހުމުން، ބޭނުންވާ ޔުނިޓްގެ އަދަދު އިތުރުވެއެވެ.

އިގްތިސާދީ އަދި ތިމާވެށީގެ ފައިދާ

ކަރަންޓު އިގްތިސާދު ކުރުމަކީ ހަމައެކަނި އަމިއްލަ ޖީބަށް އޮތް ލުޔެއް ނޫނެވެ. މިއީ ގައުމީ ފެންވަރުގައިވެސް ބޮޑު ފައިދާއެކެވެ. ތެޔޮ އެތެރެކުރުމަށް ހޭދަކުރާ ފައިސާގެ %1 ސަލާމަތް ކުރެވުނަސް، އެއީ ގާތްގަނޑަކަށް 5 މިލިއަން ޑޮލަރެވެ. މިއީ 75 ޢާއިލާއަށް ގެދޮރު އެޅޭނެ މިންވަރުގެ ފައިސާއެވެ. އަދި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުވެ، ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ ބޮޑު ފިޔަވަޅެކެވެ.

އޭޕްރީލް މަހުގެ ހޫނުން ސަލާމަތްވުމަށްޓަކައި، ކަރަންޓު ބޭނުންކުރާ ގޮތަށް ބަދަލު ގެނައުމަކީ ކޮންމެހެންކުރަންޖެހޭ ކަމެކެވެ. އޭސީ 25 ޑިގްރީގައި ބެހެއްޓުމާއި، ހަކަތަރި ލޭބަލް ހުރި ސާމާނު ބޭނުންކުރުމާއި، ގޭތެރެއަށް ހޫނު ވަންނަ މިންވަރު ކުޑަކުރުމަކީ ފަރުދީ ޒިންމާއެކެވެ. މިކަމުގެ ސަބަބުން އާއިލާގެ ޚަރަދު ކުޑަވެ، ގައުމުގެ މުސްތަގުބަލަށް އުޖާލާކަން ލިބިގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ