“ހުދުދިދަ އުފުލައި” އީރާނުން އަމާންދޭން އިހަށްދުވަހު ގޮވުމަށްފަހު އެންމެފަހުން އީރާނަށް އަމާންދޭންޖެހުނީ ޓްރަމްޕް

ޚަބަރު ފަހުގެ ދުނިޔެ

އީރާނުން ހުދު ދިދަ އުފުލައި ވަގުތުން “އަމާންދޭން” އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލީ އިހަށްދުވަހުއެވެ. ހުދު ދިދަ އުފުލައި އަމާން ދީފިކަމަށް އީރާނުން އިއުލާންކުރަންޖެހޭ ކަމަށާއި، އީރާނުން އެކަން ކުރާނީ ކޮން އިރަކުންތޯވެސް، ޓްރަމްޕް ސުވާލު ކުރިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ގޮތަށް ވާހަކަ ދައްކާފައިވަނީ ކުޑަކުދިންތަކެއް ވައިޓް ހައުސްއަށް ގެންގޮސް އެކުދިން ކައިރީގައި ބައިތިއްބައިގެން މީޑިއާއާ ވާހަކަ ދައްކަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާގެ ރައީސްވަނީ، އީރާނާ ގުޅޭގޮތުން އޭނާ ދައްކަމުންގެންދާ ދޮގު އެތައް ވާހަކަތަކެއް ތަކުރާރުކޮށްފައެވެ. އެގޮތުން ބުނެފައިވަނީ، އީރާން އިގްތިސާދީގޮތުން އިނދަޖެހެމުންދާ ކަމަށާއި، އީރާނު އަސްކަރީގޮތުންވެސް ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށެވެ.

އެހެންވެ، އެމެރިކާއާއެކު ޑީލެއް ހަދަން އީރާން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެކަމަށް އާދޭސްކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ. އަދި އީރާނު ބޭނުންވާ ގޮތަށް އެއްވެސްކަމެއް ވާން ނެތް ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުގެ ނިކަމެތި ވާހަކަތާއެކު އެމެރިކާގެ ރައީސް ދެއްކީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ވާހަކަތަކެވެ. އެމެރިކާގެ ބާރުގަދަކަމުގެ ވާހަކަތަކެވެ. އެމެރިކާއިން ކަންކަން ކޮންޓްރޯލް ކުރަމުންދާ ކަމުގެ ވާހަކަތަކެވެ.

އީރާނު އަމާންދިނުމަށް ގޮވާލައި އީރާނާ ގުޅޭގޮތުން އެމެރިކާގެ ރައީސް ބޮޑާ ވާހަކަތަކެއް ދެއްކީ، އެމެރިކާގެ ސިފައިން ފޮނުވައިގެން ގަދަބާރުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން ޚާއްސަ އޮޕަރޭޝަނެއް ފަށާކަން އޭގެކުރިން އިއުލާން ކުރުމަށް ފަހުގައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕާއި، އޭނާގެ ސަރުކާރުގެ ވެރިންނާއި އަދި އަސްކަރިއްޔާގެ ވެރިން ފުރަތަމަ ބުނީ، “އޮޕަރޭޝަން ފްރީޑަމް” އަކީ ހޮރްމޫޒު ކަނޑުއޮޅި ހުރަސްނުކުރެވިފައި ތިބި ދެހާހަށްވުރެ ކަނޑުއުޅަނދުފަހަރު އެމެރިކާ ސިފައިންގެ ފުރިހަމަ އަސްކަރީ ހިމާޔަތުގައި ކަނޑުއޮޅި ހުރަސްކުރުމަށް އެހީވުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެކަމާ ދެކޮޅަށް އީރާނުގެ އެކިއެކި ވެރިން އިންޒާރުތައް ދެއްވައި “ބާރަށް ދެތިންއެތި” ބުނެލާއިރަށް އެމެރިކާގެ ބަސްމަގު ބަދަލުވެގެންދިޔަކަން ފާހަގަ ކުރެވުނެވެ. ފަހުން ބުނަންފެށީ، އެމެރިކާއިން ނިންމާފައިވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ހިމާޔަތް ދީގެން އުޅަނދުފަހަރު ހޮރްމޫޒު ހުރަސްކުރަން ނޫން ކަމަށެވެ.

އެމެރިކާ ސިފައިންނާއި މަނަވަރުތައް ތިބޭނީ ފާރައަށް ދުރުގައި ކަމަށާއި، އީރާނުގެ ފަރާތުން ނުރައްކަލެއް އަންނަ ނަމަ އެމީހުން ގާތްވާގޮތަށް ކަމަށް ބުންޏެވެ.

އެމެރިކާ ސިފައިން އެ އޮޕަރޭޝަން ފެށިތާ 3 ގަޑިއިރުވެސް ނުވަނީސް އީރާނު ކަނޑުގެ ސިފައިންވަނީ، އީރާނުން މަނާކޮށްފައި ވަނިކޮށް ހޮރްމޫޒު ހުރަސްކުރަން އުޅުނު އުޅަނދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އީރާނު ހުއްޓުވަން އުޅުނު އެމެރިކާގެ ދެ މަނަވަރަކަށްވެސް ހަމަލާ ދިނެވެ. އީރާނު ކަނޑުގެ ސިފައިންނަށް ހުރަސްއަޅަން ހޮރްމޫޒަށް ވަންނަ ދޮރާށްޓާ ދިމާއަށް ގާތްވާން އުޅުނު އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ ބިޔަ މަނަވަރަށް އީރާނު ސިފައިން ރޭޑިއޯ ސެޓުން އިންޒާރުގެ މެސެޖެއް ދިނުމުން، ރައްދުގައި ބަހެއްވެސް ނުބުނެ “ބަސްއަހައިގެން” ވަނީ މިސްރާބު ބަދަލުކޮށް އަނބުރާ ގޮސްފައެވެ.

އެމެރިކާގެ ރައީސްގެ ބަހަށް ހެއްލިގެން ހޮރްމޫޒު ހުރަސްކުރަން އުޅުނު އުޅަނދުފަހަރަށް އީރާނުން ހަމަލާ ދިނުމާއި، އީރާނަށް ހުރަސްއަޅަން އުޅުނު އެމެރިކާގެ މަނަވަރުތަކަށްވެސް ހަމަލާދިނުމާއި، އެމެރިކާއިން ފެށި އޮޕަރޭޝަންގައި އެންމެ ބޯޓަކަށްވެސް ކަނޑުއޮޅި ހުރަސް ނުކުރެވުމާއި، އެމެރިކާގެ ރައީސް ފެށި އޮޕަރޭޝަންގެ ސަބަބުން ދުނިޔޭގެ ބާޒާރާއި އަދި އެމެރިކާގައިވެސް ތެލުގެ އަގު އިންތިހާއަށް މައްޗަށް އަރައިގެންގޮސް، ޓްރަމްޕް ޕްރެޝަރަށް ވެއްޓިގެންދިޔައެވެ.

އެކަމާ ގުޅިގެން ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ކުއްލި ބްރީފިންއެއް ބާއްވައިފިއެވެ. ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާއި، ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތު މައިދާނުގެ ހާލަތު ބަޔާންކުރިއެވެ. އޮޕަރޭޝަން ފަހުން ކަންވީ ގޮތާއި، އެމެރިކާގެ އުޅަނދުތަކެއްގައި ދަތުރުކުރި އެމެރިކާގެ މަދަނީންގެ ބަޔަކު މަރުވި ވާހަކައާއި، ޒަޚަމްވި ވާހަކައާއި، ލިބުނު ގެއްލުންތަކުގެ ތަފްސީލް ދިނެވެ. އޭގެ ތިން ގަޑިއިރު ފަހެވެ. އޮޕަރޭޝަން “ޕްރޮޖެކްޓް ފްރީޑަމް” ހުއްޓާލިކަން އެމެރިކާގެ ރައީސް ޓްރަމްޕް އިއުލާންކުރިއެވެ. ބުނީ، ޕާކިސްތާނުން އެދިގެން މަޑުޖައްސާލީ ކަމަށާއި، ވާހަކަތަކުން ކުރިއެރުންތަކެއް ލިބެމުންދާތީ އެއްބަސްވުމެއް ހެދުމަށް އޮޕަރޭޝަން ހުއްޓާލީ ކަމަށެވެ.

ހަގީގަތަކީ، އީރާނުން ހުށަހަޅާފައިވާ 14 ނުކުތާއަށް އަދި އޭގައި ހުރި ތަރުތީބަށް އެމެރިކާގެ ރައީސް އެއްބަހެއް ނުވެއެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަތައް ފަސްކުރާކަށް ޓްރަމްޕް އެއްބަހެއް ނުވެއެވެ. ޕާކިސްތާނު މެދުވެރިކޮށް ހަމައެކަނި މެސެޖް ބަދަލުކުރެވެނީއެވެ. ވާހަކައެއް ނުދެކެވެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އުޅެނީ އީރާނާއެކު އެއްބަސްވުމެއް ހެދޭނެ މަގެއް ފަހިވޭތޯއެވެ. އީރާނު ވާހަކަތަކަށް ގެނެވޭނެ ގޮތެއް ހެދޭތޯ އުޅެނީއެވެ. އެކަމަށް މަސައްކަތް ކުރުމަށް މަގެއް ފަހިވޭތޯ އޮޕަރޭޝަންވެސް މެދުކަނޑާލީއެވެ.

އީރާނުން ހޮރްމޫޒު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ޚުދު އެމެރިކާއަށްވެސް ލިބެމުންދާ ގެއްލުންތައް ބޮޑުވެ އެތެރޭގެ ޕްރެޝަރު ވަރަށް ބޮޑެވެ. އެމެރިކާގެ ތެލުގެ ވިޔަފާރިވެރިން ތިބީ ރުޅިއައިސްފައެވެ. އެމެރިކާގެ އާންމު ރައްޔިތުން ޓްރަމްޕް ބޮލަށް އަރަނީއެވެ. ހަނގުރާމައިގެ ވަޒީރަށް އާންމު ތަނެއްގައި ހިނގާނުލެވެއެވެ. ނުވިތާކަށް، އެމެރިކާގެ އެކުވެރި ގައުމުތައް ތިބީ އިންތިހާއަށް ރުޅިގަދަވެފައެވެ. އެއީ، ހޮރްމޫޒު ބަންދުވީ އެމެރިކާގެ ސަބަބުން ކަމަށް ވާތީއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނީ ހަނގުރާމައެއް ފެށުމުގެކުރިން ހޮރްމޫޒު ކަނޑުއޮޅިއަކީ މިނިވަން ތަނެވެ. އީރާނުގެ އިހްތިސާސްގެ ތެރެއަށް އެ ކަނޑުއޮޅީގެ ބައެއް ވަން ނަމަވެސް އީރާނުން އެއްވެސް އުޅަނދަކަށް ހުރަހެއް ނާޅައެވެ. އެ ކަނޑުއޮޅީގައި މައިނެއްވެސް ނާޅައެވެ. އެއްވެސް ފީއެއްވެސް ނުނަގައެވެ. ދުނިޔޭގެ ކުންފުނިތަކުގެ ވިޔަފާރި އުޅަނދުފަހަރާއި އާންމު އުޅަނދުފަހަރު ހޮރްމޫޒު ހުރަސްކުރަމުންދިޔައީ މިނިވަން ކަމާ އެކުގައެވެ. އެއްވެސް ފީއެއް ދައްކަންނުޖެހިއެވެ. އެ ކަނޑުއޮޅި ހުރަސްކުރުމުގައި ހާލުގައި ޖެހޭ އުޅަނދުތަކަށް އީރާނުން ދިޔައީ އެހީތެރިވެސް ވަމުންނެވެ.

ހުރިހާ ކަމެއް ބަދަލުކޮށްލީ އެމެރިކާއިންނެވެ. ހޮރްމޫޒު ކަނޑުއޮޅި ބަންދުވީ އެމެރިކާގެ ސަބަބުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި، އޭނާގެ ސަރުކާރުގެ ވެރިން އީރާނާ ދެކޮޅަށް އެކި ނަންނަމުގައި އޮޕަރޭޝަންތައް ހިންގަނީ ހޮރްމޫޒު ނުހުޅުވައިގެން ކަމަށް ބުނެއެވެ. ލުބުނާނު އެއްބަސްވުން ހެދުމާއެކު އީރާނުން ހޮރްމޫޒު އެއްކޮށް ހުޅުވާވެސްލިއެވެ. އެކަމަކު، އެމެރިކާގެ ރައީސް ޓްރަމްޕްގެ ހަރުކަށި ވިސްނުމުގެ ތެރެއިން އީރާނުގެ ބްލޮކޭޑް އުވާލަން އޭނާ ދެކޮޅު ހެދުމުން 12 ގަޑިއިރުވެސް ނުވަނީސް އީރާނުން ހޮރްމޫޒު އަލުން ބަންދުކުރީއެވެ. މިކަމުގައިވެސް ޒިންމާ ނަގަންޖެހެނީ އެމެރިކާގެ ރައީސެވެ.

ބްލޮކޭޑް ނުހުއްޓިޔަސް، ހޮރްމޫޒް ހުޅުވަން އެމެރިކާގެ ރައީސް އަޅަމުންދާ ހުރިހާ ފިޔަވަޅެއް ދަނީ ނާކާމިޔާބު ވަމުންނެވެ. ބަދަލުގައި ގެއްލުން ލިބެމުންދަނީ އެމެރިކާ އަށާއި، ދުނިޔެއަށެވެ. އޭގެ ނަތީޖާއެއްގެގޮތުން އެންމެންގެ ނުރުހުން އަމާޒުވަމުންދަނީ އެމެރިކާއަށެވެ.

އެކި ދިމަދިމާއިން އަންނަ ޕްރެޝަރުތައް ބޮޑުވެ، ހަދާނެގޮތް ހުސްވެ އެމެރިކާގެ ރައީސް މިހާރު މިވަނީ ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒު ކަނޑުއޮޅި ފެށި އޮޕަރޭޝަން ހުއްޓާލާފައެވެ. ހުދު ދިދަ ހޫރައި އީރާނު ވަގުތުން އަމާންދިނުމަށް އިހަށްދުވަހު ގޮވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު މިވަނީ، ދުނިޔޭގައި ނެތްވަރުގެ އަސްކަރިއްޔާއެއް ކަމަށްބުނާ އެމެރިކާ އަސްކަރިއްޔާގެ 15،000 ސިފައިންގެ ލަޝްކަރަކާއި، އެތައް މަނަވަރެއް ފޮނުވައި އެއްވެސް ކަމެއް ހާސިލް ނުވުމުން އީރާނަށް “އަމާންދީފައެވެ”. އާޚިރުގައި ހުދު ދިދަ ހޫރަން މިޖެހުނީ ޓްރަމްޕަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ