ހޮރްމޫޒު ކަނޑުއޮޅި އީރާނުން “ބަންދުކޮށްގެން” އުޅޭ މައްސަލާގައި އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވަން ބާރުއަޅައި ގަލްފްގެ ގައުމުތަކުން އދގެ ސަލާމަތީ މަޖިލީހަށް މީގެކުރިން ދެފަހަރެއްގެމަތިން ގަރާރުތައް ހުށަހަޅާފައި ވެއެވެ. ގަރާރުތަކުގައި އީރާނުގެ އަމަލު ކުށްވެރިކޮށް އެއްވެސް ޝަރުތަކާ ނުލައި ހޮރްމޫޒު ހުޅުވަން ގޮވާލައި އަދި އީރާނުން އެކަން ނުކޮށްފިނަމަ ބާރުގެ ބޭނުން ކޮށްގެންވެސް ހޮރްމޫޒު ހުޅުވަންޖެހޭ ގޮތަށް އިބާރާތް ކޮށްފައި ވެއެވެ.
ކުރިން ހުށަހެޅި ގަރާރުތައް ޗައިނާއާއި ރަޝިޔާއިން ވީޓޯ ކުރުމުގެ ސަބަބުން ފެއިލްވީއެވެ. ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒު ހުޅުވަން ގަރާރުތައް ހުށަހަޅައިގެން އުޅުނީ އީރާނުގެ ރައްދު ހަމަލާތައް އަމާޒުވި ގަލްފްގެ ގައުމުތަކުންނެވެ.
ކުރިން ދެފަހަރުވެސް އެކަން ނުކުރެވުނީމާ އެމެރިކާއާއި ބަހްރެއިނުން މިހާރު އުޅެނީ ސަލާމަތީ މަޖިލީހަށް އައު ގަރާރެއް ވައްދައިގެންނެވެ. އެ ގަރާރުގައި ކަނޑައަޅާފައިވަނީ، ހޮރްމޫޒު ކަނޑޮއޮޅިއާއި އަދި ޕާޝިއަން ގަލްފްގައި އެމެރިކާއިން ހިންގަމުންގެންދާ ޖަރީމާތަކަކީ ޝަރުއީގޮތުން ހައްގު ޖަރީމާތަކަކަށް ހެދުމަށެވެ. އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަމެއް ނޫން ކަމަށް ކަނޑައަޅާ ގޮތަށް އިބާރާތް ކޮށްފައި ވެއެވެ.
މި ގަރާރު ސަލާމަތީ މަޖިލީހަށް ވައްދައިގެން އުޅެނީ އެމެރިކާއާއި ބަހްރެއިނުންނެވެ. މި ގަރާރު، ގަލްފްގެ އަރަބި ގައުމުތައް ހިމެނޭ ޖީސީސީން ކޯ ސްޕޮންސަރ ކޮށްފައިވާއިރު، އޭގެތެރޭގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވައިތު އަދި ގަތަރު ހިމެނެއެވެ.
އެމެރިކާގެ ހުށަހެޅުމުގެ މަގްސަދެއް ކަމަށް ބުނަނީ ހޮރްމޫޒުގެ ދަތުރުފަތުރު މުޅިން ހުޅުވާލުމެވެ. އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އޮތް ނުރައްކާ ނެތިކޮށްލުމެވެ. އެ ގަރާރުގައި، ހޮރްމޫޒުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުން އީރާނަށް މަނާކޮށް އަދި ހޮރްމޫޒްގައި މައިން އެޅުމާއި އަދި ހޮރްމޫޒުން އެއްވެސް ކަހަލަ ފީއެއް ނެގުންވެސް އީރާނަށް މަނާކޮށްފައި ވެއެވެ.
އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އާމިރް ސައީދު އިރަވާނީ ވިދާޅުވީ، އެމެރިކާއާއި ބަހްރެއިންގެ ހުށަހެޅުމުގެ ފަހަތުގައިވަނީ ނުބައި މަގްސަދުތަކެއް ކަމަށާއި، މިއީ އެއްގޮތަކަށްވެސް ހޮރްމޫޒާ ގުޅޭ ކަމެއް ނޫން ކަމަށެވެ.
ގަރާރުގެ ބޭނުމަކީ އެމެރިކާއިން ސަރަހައްދުގައި ހިންގާ ޖަރީމާތައް އެއީ ސައްހަ ޖަރީމާތަކެއްގެގޮތުގައި އދގެ ތެރެއިން ކަނޑައެޅުން ކަމަށާއި، އެމެރިކާގެ ބްލޮކޭޑަކީ އދއިން ހުއްދަދީގެން ކުރާ ކަމެއްގެގޮތުގައި ކަނޑައެޅުން ކަމަށްވެސް އިރަވާނީ ވިދާޅުވިއެވެ.
އަދި އެމެރިކާގެ މަގްސަދަކީ ސަރަހައްދުގެ ހަމަޖެހުން އިތުރަށް ނަގާލުން ކަމަށާއި، އެމެރިކާއިން ހުށަހަޅައިގެން އުޅޭ ގަރާރަކީ ސިޔާސީ މަގްސަދެއް ފުރިހަމަ ކުރުމާއި، ސަރަހައްދުގެ ކަންކަމަށް އަތްގަދަކުރުމަށް ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށްވެސް އީރާނުގެ ދާއިމީ މަންދޫބު ވިދާޅުވިއެވެ. މިކަން ހާސިލްކުރުމަށާއި، އދގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން އީރާނާ ބެހޭގޮތުން އެމެރިކާއާއި އެމެރިކާގެ ބައިވެރިން ފަތުރަމުންގެންދަނީ އެއްވެސް ހަގީގަތެއްނެތް، ސާބިތުނުހިފޭ ރޯބުހުތާނު ދޮގު ވާހަކަތައް ކަމަށްވެސް އީރާނު މަންދޫބު ވިދާޅުވިއެވެ.
ސަލާމަތީ މަޖިލީހަށް ވައްދާފައިވާ ގަރާރުގައި މައްސަލަ އުފެދުނު ގޮތުގެ އެއްވެސް ވާހަކައެއް ނެތުމުން، މިގަރާރަކީ ވަކި ފަރާތަކަށް ޖެހިފައިވާ ގަރާރެއް ކަމަށް، އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވިއެވެ. ގަރާރު ސަލާމަތީ މަޖިލީހުން ފާސްކޮށްފިނަމަ އދގެ ސަލާމަތީ މަޖިލީހުގެ މުސްތަގިއްލުކަންވެސް ނެތިގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ދާއިމީ މެމްބަރު 5 ގައުމާއި، ދާއިމީ ނޫން 10 މެމްބަރު ގައުމު ހިމެނޭއިރު، އެމެރިކާއާއި ބަހްރެއިންގެ ގަރާރަށް ގިނަ ގައުމުތަކުން ތާއީދުކުރާ ކަމަށް ޚަބަރުތައް ބުނެއެވެ. އެކަމަކު، ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ލިބިފައިވާ ޗައިނާއާއި ރަޝިޔާއިން މިފަހަރުވެސް ގަރާރު ވީޓޯ ކުރާނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޗައިނާއާއި ރަޝިޔާއިންވަނީ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުކަށް، ގަރާރުގެ ދެލިކޮޕީން ދެކަމެއް ފާހަގަވާކަން އަންގާފައެވެ. އެއްކަމަކީ، އީރާނާ ދެކޮޅަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނޭކަން ދޭހަވާފަދަ އިބާރާތްތަކެއް ހުރުމެވެ. ދެވަނަ ކަމަކީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި އެމެރިކާއާއި އިސްރާއީލުގެ ވާހަކަ ގަރާރުގައި ބަޔާންކޮށްފައި ނެތުމެވެ. އެ ސަބަބުތަކަށްޓަކައި ގަރާރު ވީޓޯކުރާނޭކަން ޗައިނާއާއި ރަޝިޔާއިން އަންގާފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ. ވީޓޯގެ މާނައަކީ ގަރާރު ފެއިލްވުމެވެ.



