އީރާނާއެކު އެއްބަސްވުމެއް ނުހެދިއްޖެނަމަ އީރާނަށް ބޮންއަޅަން ފަށަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލަށް ފެނި ސިގްނަލް ދީފައިވާ ކަމަށް ކުރިން ވާހަކަތައް ފެތުރިފައި ވެއެވެ.
އެއްބަސްވުމެއް ހެދުމަށް އީރާނުން ހުށަހެޅި ހުރިހާ ކަމަކަށް ޓްރަމްޕް ގެންދަނީ ދެކޮޅު ހަދަމުންނެވެ. އެންމެފަހުން ހުށަހެޅި ނުކުތާތަކަށްވެސް ޓްރަމްޕް ބުނެފައިވަނީ، އެއީ އެއްގޮތަކަށްވެސް އޭނާ ގަބޫލުކުރާ ކަންކަން ނޫން ކަމަށެވެ. ރައްދުގައި އީރާނުން ބުނެފައިވަނީ، އީރާނުން ހުށަހަޅަންޖެހެނީ ޓްރަމްޕް ގަބޫލުކުރާ ކަންކަމަށް ވާކަށް ނުޖެހޭ ކަމަށެވެ. އެމެރިކާގެ ރައީސްގެ ވާހަކަތަކާއި އަމަލުތައް ހުރިގޮތުން ބޮޑަށް ގަބޫލުކުރެވެނީ އޭނާ ހުރީ އީރާނުން ހުށަހަޅާ އެއްވެސްކަމެއް ގަބޫލުކުރަން ތައްޔާރަށް ނޫން ކަމެވެ.
ޕާކިސްތާނު މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު މެސެޖްގެ ޒަރީއާއިން މިހާރުވެސް ގެންދަނީ ވާހަކަތައް ދެކެވެމުންނެވެ. ދެ ގައުމުންވެސް މަސައްކަތް ކުރަމުންގެންދަނީ ސީދާ ވާހަކަތައް ބޭއްވުމުގެކުރިން، ވާހަކަދައްކާނެ އޮނިގަނޑަކަށް އެއްބަސްވެވޭތޯއެވެ.
އެއްބަސްވުމެއް ނުހެދިއްޖެނަމަ އީރާނަށް ހަމަލާދޭން ފެށުމަށް ނަތަންޔާހޫ ފެހި ސިގްނަލް ދީފައިވާ ކަމަށް ފެތުރިފައިވާ ވާހަކަތަކާއި، ޓްރަމްޕްގެ އަމަލުތަކާ ދިމާވެއެވެ.
ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމުގެ ފަހުން އެމެރިކާއިންވަނީ ކަނޑުމަގުންނާއި، ވައިގެމަގުން އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރާއި ގޮވާތަކެތި އިސްރާއީލަށް ފޮނުވާފައެވެ. ހަތިޔާރުގެ އެތައްސަތޭކަ ކޮންޓެއިނަރއެއް އިސްރާއީލަށް ޖަމާކޮށްފައި ވާއިރު، ހަނގުރާމައިގެ ތެރޭގައި ވައިގެތެރޭގައި ޖެޓުތަކަށް ބޮންއަޅާ އެތަކެއް މަތިންދާ ބޯޓުތަކަށް ބެންގޫރިއަން އެއަރޕޯޓުގައި އަތުރާފައި އެބަހުއްޓެވެ. މިހާރުވެސް ގެންދަނީ އެމެރިކާގެ ހަތިޔާރުތައް އިސްރާއީލަށް ޖަމާކުރަމުންނެވެ.
މި މަންޒަރުތައް ފެންނަ ކަމުގެ ތަޖުރިބާކާރުން ބުނަނީ، އެމެރިކާއިން ތައްޔާރުވަމުންދަނީ އިސްރާއީލު ލައްވައި އީރާނާ ދެކޮޅަށް ދިގުލައިގެންދާ ހަނގުރާމައެއް ކުރުވަން ކަމަށެވެ.
މުޖުރިމު ނަތަންޔާހޫ މިފަހުން ދައްކާފައިވާ ވާހަކަތަކުންވެސް، އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމަ، އެމެރިކާއާއި އިސްރާއީލުން ތިބީ ނިންމާލައިގެން ނޫންކަން އެނގެއެވެ. އިސްރާއީލުން އީރާނަށް ހަމަލާދިން މަގްސަދު އަދި ހާސިލް ނުވާ ކަމަށާއި، އެކަން އަދި ކުރިއަށް އޮތީ ކަމަށް ނަތަންޔާހޫ ބުނަމުންދެއެވެ. އެމެރިކާއިން އެހީ ނުވެއްޖެނަމަ އިސްރާއީލު އެކަނިވެސް އެކަން ކުރާނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
އިސްރާއީލަށް ހަތިޔާރު ޖަމާކުރަމުން، އެމެރިކާ ސިފައިންވެސް އަނެއްކާވެސް އީރާނާ ދެކޮޅަށް އަސްކަރީ އުދުވާނުތަކެއް ހިންގުމަށް ތައްޔާރީތައް ވަމުންދާ ކަމުގެ ރިޕޯޓްތައް ދަނީ ފެތުރެމުންނެވެ. މެދިއިރުމަތީގައި އޮންނަ އެމެރިކާގެ ލަޝްކަރުގެ ހަރަކާތްތަކާއި، ޔޫރަޕްގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގެ ހަރަކާތްތަކުން މިކަން ދޭހަވެއެވެ. ނުވިތާކަށް، އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ގެންގުޅޭ ނިއުކްލިއަރ ސަބްމެރިންގެ ހަރަކާތްތަކުންވެސް ބޮޑުކަމެއް ހިންގާން އުޅޭކަން އެނގޭ ކަމަށް، ތަޖުރިބާކާރުން ބުނެއެވެ. އެމެރިކާއިން ތައްޔާރުވަމުންދަނީ، ކުރިން އީރާނަށް ދިން އުދުވާނީ ހަމަލާތަކަށްވުރެ އެތައްގުނަ ވަރުގަދަ އަދި ގެއްލުންބޮޑު ހަމަލާތަކެއް ދިނުމަށް ކަމަށްވެސް ބުނެއެވެ.
އެމެރިކާއާއި އިސްތިއުމާރީ އަސްކަރިއްޔާގެ އަމަލުތައް ހުރިގޮތުންނާއި، އަދި އީރާނުން އެއްކުރަ ޖާސޫސީ މައުލޫމާތުތަކަށް ބިނާކޮށް އީރާނުވެސް އޮތީ ފުރިހަމަ ތައްޔާރީގައެވެ. އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީ ނިއާ މިއަދު ވިދާޅުވީ، އީރާނު އަސްކަރިއްޔާގެ ހުރިހާ ވިންގެއް މިހާރުވެސް އޮތީ އެންމެމަތީ ލެވެލްގެ ތައްޔާރީ ހާލަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ، އީރާނު އަސްކަރިއްޔާއަކީ ދުޝްމަނުގެ ކުރިމަތީގައި ފަހަތަށްޖެހޭނޭ ބައެއް ނޫން ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާގެ ގާބިލްކަމަށް ތައުރީފް ކުރައްވަމުން ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީ ނިއާނ ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި އީރާނު އަސްކަރިއްޔާގެ ފަރާތުން ފެނިގެންދިޔައީ ދުޝްމަނުން އެއްގޮތަކަށްވެސް އުންމީދުކުރި ކަންކަމެއް ނޫން ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ފަރާތުން ފެންނަމުންދާ ހަރަކާތްތަކަކީ ސައިކޮލޮޖީގޮތުން އީރާނު ބިރުގަންނަވައި ބަލިކަށިކޮށްލަން ގަސްތުގައި ރާވައިގެން ކުރާ ކަމަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް، ހަގީގީ މާނައިގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިޔަސް އީރާނު ބަލި ނުކުރެވޭނޭކަން އީރާނުންވަނީ ސާބިތުކޮށް ދީފައެވެ.
އީރާނުގެ ކަނޑުގެ ލަޝްކަރާއި، ވައިގެ ލަޝްކަރު އެކަށް ހަލާކުކޮށްލެވި އަދި އެއްގަމު ލަޝްކަރުގެ ހަތިޔާރުގެ 70 އިންސައްތަ ނެތިކޮށްލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އެތައް ފަހަރަކު ބުނެފައިވަނިކޮށް އީރާނުން މިވަނީ ޓްރަމްޕް ދައްކާ ވާހަކަތަކަކީ ދޮގުކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ. އީރާނުގެ އިންގިލާބީ ލަޝްކަރާއި އީރާނުގެ އެއްގަމާއި، ކަނޑާއި، ވައިގެ ސިފައިންގެ ލަޝްކަރުތައް ފުރިހަމަ ބާރުގައި އޮތްކަން ދުނިޔެއަށް ހާމަކޮށްދީފައެވެ. މިސައިލާއި ޑްރޯން ފައުޖުތައް ކުރިއަށް ވުރެންވެސް ބާރުގަދައެވެ.
ނުވިތާކަށް، ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން އެމެރިކާ ސިފައިން ކުރި އެއްކަމެއްވެސް ކާމިޔާބެއް ނުވިއެވެ. ހޮރްމޫޒަށް ވަންނަން ދިމާކުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދިނެވެ. ޓްރަމްޕް ވައުދުވި ގޮތަށް އެމެރިކާގެ މަންވަރުތަކުން ހިމާޔަތް ދީގެން އެންމެ އުޅަނދަކަށްވެސް ހޮރްމޫޒު ހުރަސް ނުކުރެވުނެވެ. ހޮރްމޫޒުގައި މިހާރުވެސް އޮތީ އީރާނުގެ ފުރިހަމަ ކޮންޓްރޯލެވެ.
އެމެރިކާ ސިފައިންގެ މީހަކު ސަލާމަތްކުރަން ކަމަށްބުނެ އީރާނުގެ ނަޓާންޒް ނިއުކްލިއަރ ފެސިލިޓީގައި ހުރި ޔޫރޭނިއަމް ވަގަށްނަގަން އީރާނަށް އެއްގަމުމަގުން ވަދެގަތް އެމެރިކާ ސިފައިންގެ ލަޝްކަރު އީރާނުން ބަލިކޮށްލީ ވަރަށް ނިކަމެތިކޮށެވެ.



