ތުރުކީން ފުރިޔަނުދޭން އެދިފައިވޭ، ސުމުދް ފްލޮޓިލާ ޣައްޒާގެ ހިސާރު ފޫއަޅުވާލުމުގެ އައު ދަތުރަށް ތައްޔާރުވަނީ

ޚަބަރު ފަހުގެ ދުނިޔެ

ޣައްޒާގެ ހިސާރު ފޫއަޅުވާލުމުގެ މަސައްކަތަށް ގްލޯބަލް ސުމުދް ފްލޮޓިލާގެ އައު ފައުޖެއް އަނެއްކާވެސް ތައްޔާރުވާން ފަށައިފިއެވެ. ތުރުކީއަށް ރޭގައި ޖަމާވި ފައުޖުގައި ތިރީހަށްވުރެ ގިނަ ބޯޓުތައް ހިމެނެއެވެ.

ގްލޯބަލް ސުމުދް ފްލޮޓިލާގެ މި ފަހަރުގެ މިޝަންގައި ހިމެނޭ ބޯޓުތައް އައީ ސްޕެއިންގެ ބާސެލޯނާއާއި އިޓަލީން ފުރައިގެންނެވެ. އަދި ގްރީސްގައިވެސް މަޑުކުރުމަށް ފަހުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސުމުދް ފްލޮޓިލާގައި ހިމެނޭ މިބޯޓުތައް ރޭގައިވަނީ ތުރުކީގެ މަމާރިސް ބަނދަރަށް ފޯރާފައެވެ. ބޯޓުތައް މަމާރިސް ބަނދަރަށް ގާތްކުރުމާއެކު، އިންތިޒާރުގައި ތިބި ބޯޓުތަކާއި އަދި އެކްޓިވިސްޓުންވަނީ ސުމުދް ފްލޮޓިލާގެ ބޯޓުތަކަށް ވަރަށް ހޫނު މަރްހަބާއެއް ކިޔާފައެވެ.

ޣައްޒާއަށް ދިއުމަށް ދަތުރު ފެށުމުގެކުރިން ސުމުދް ފްލޮޓިލާގެ ބޯޓުތައް އެންމެ ފަހުގެ ތައްޔާރީތައް ވާނީ މަމާރިސްގައެވެ. އެގޮތުން، ދަތުރަށް ބޭނުންވާ ޓެކްނިކަލް އަދި ލޮޖިސްޓިކް ކަންކަން ފުރިހަމަ ކުރާނެއެވެ.

ސުމުދް ފްލޮޓިލާ ތުރުކީން ޣައްޒާއަށް ދިއުމުގެ ދަތުރަށް ފެށުމުގެކުރިން އިތުރު މީހުންނާއި ބޯޓުތައް ފްލޮޓިލާއާއި ގުޅޭނެއެވެ. މީގެއިތުރުން، ދަތުރާ ގުޅޭ މައުލޫމާތު ދުނިޔެއަށް ދިއުމުގެ މަސައްކަތްތައްވެސް ކުރާނެއެވެ. އަދި ދިމާވެދާނެ ގާނޫނީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ޣައްޒާއަށް މިފަހަރު ދަތުރުކުރާ ސުމުދް ފްލޮޓިލާގައި ހިމެނޭ މީހުން ދުނިޔޭގެ ފަންސާހަށްވުރެ ގިނަ ގައުމަށް ނިސްބަތްވެއެވެ. އަދި ގާފިލާގައި ބައިވެރިވާ ބޯޓުތަކުގެ އަދަދުވެސް 60 އަށް އަރާނެ ކަމަށް ވެއެވެ.

ސުމުދް ފްލޮޓިލާ ޣައްޒާއަށް ދަތުރުފެށުމަށް ތުރުކީއަށް ޖަމާވެފައިވާއިރު، އެ ގާފިލާ ހުއްޓުވަން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ތުރުކީގެ ވެރިންގެ ކިބައިން އެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މާކޯ ރޫބިއޯ އެކަމަށް އެދުނީ އިސްރާއީލުން އެދިގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުގެ އެދުމަށް ތުރުކީ ސަރުކާރުން ސުމުދް ފްލޮޓިލާ ހުއްޓުވާނެ ކަމެއް އަދި ސާފެއް ނުވެއެވެ.

ގްލޯބަލް ސުމުދް ފްލޮޓިލާއަކީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާ ހިސާރުކޮށް ވަށައިގެން ބަންދުކޮށް ޣައްޒާގެ އާންމުން ބަނޑަށް މަރަމުންގެންދާ މައްސަލާގައި ހިސާރު ފޫއަޅުވާލައި ޣައްޒާގެ އާންމު ރައްޔިތުންނަށް ކާބޯތަކެއްޗާއި، ބޯފެނާއި، ތުއްތު ކުދިންނަށް ބުއްދަޅާއި، ބޭސްފަދަ ޟަރޫރީ ސާމާނު ހިފައިގެން ދިއުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ.

އިސްތިއުމާރީ ބާރުން ހުރަސްއަޅައި، ބޯޓުތައް ހަލާކުކޮށް އަދި އެކްޓިވިސްޓުން ހައްޔަރު ކުރަމުންދިޔަ ނަމަވެސް، ސުމުދް ފްލޮޓިލާގެ ހަރަކާތްތައް ނުހުއްޓުވެއެވެ.

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އެންމެފަހުން ދަތުރުކުރި ފްލޮޓިލާގައި 69 ބޯޓު ހިމެނުނެވެ. އެ ބޯޓުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ތިންހާހަށްވުރެ ގިނަ މީހުން ހިމެނުނެވެ. އޭގެ ތެރޭގައި އެކްޓިވިސްޓުންނާއި، ގާނޫނީ ވަކީލުންނާއި، ޑޮކްޓަރުންނާއި، ޕާލަމެންޓްތަކުގެ މެމްބަރުންނާއި، ސިޔާސީ ލީޑަރުންވެސް ހިމެނުނެވެ.

ނަމަވެސް، ސުމުދް ފްލޮޓިލާ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އިސްތިއުމާރީ ސިފައިންވަނީ ފްލޮޓިލާގައި ހިމެނޭ ބޯޓުތަކަށް އަރައިގަނެ އެކްޓިވިސްޓުން ރަހީނުކޮށްފައެވެ. އެމީހުންގެ އަތުޖެހުނީ 22 ބޯޓެވެ. އެ ބޯޓުތަކުން 180 މީހުން ރަހީނުކުރިއެވެ. އަދި އަތު ޖެހުނު ހުރިހާ ބޯޓުތަކެއްވަނީ ފައްތާލާފައެވެ. އެމީހުންގެ އަތުނުޖެހި އެހެން ބޯޓުތައްވަނީ ގްރީސް ކަނޑުގެ ސަރަހައްދަށް ވަދެ ސަލާމަތް ހޯދާފައެވެ.

ސުމުދް ފްލޮޓިލާގެ ބޯޓުތައް ޣައްޒާއަށް ދަތުރުފަށަން ތައްޔާރުވާން ފަށާ ހިސާބުންވެސް ޒަޔަނިސްޓުން އެކި ގޮތްގޮތުން އެކްޓިވިސްޓުންނަށް ބިރު ދައްކައި ހުރަސްއެޅުމުގެ އަމަލުތައް ހިންގަން ފަށައެވެ. އެވަރުންވެސް ނުހުއްޓުވިގެން ކަނޑުމަތިން ޑްރޯން ބޭނުންކޮށްގެން ބިރުދައްކައެވެ. އަދި އަސްކަރީ ކުދި ބޯޓުތައް ފޮނުވައި ދުއްތުރާވެސް ކުރެއެވެ. ދެންވެސް ނުހުއްޓުވުނީމާ ބޯޓުތަކަށް ހަމަލާދީ އަރައިގަނެ މީހުން ރަހީނުކުރަނީއެވެ.

އިސްތިއުމާރީ ސިފައިން އދއާއި ދުނިޔޭގެ ގާނޫނުތައް މުގުރައި، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަނޑުފޭރޭ ގްރޫޕްތަކަށްވެގެން ސުލްހަވެރި ބޭނުމަށް ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދީ މީހުން ރަހީނު ކުރަމުންދާ އިރުވެސް އދއަކަށް އެކަން ނުހުއްޓުވެއެވެ. ޔޫރަޕްގެ އިއްތިހާދުންވެސް އެކަމާ ގުޅޭގޮތުން ޒަޔަނިސްޓު ދައުލަތަށް  ބަހެއްވެސް ނުބުނެއެވެ. އަދި ސުމުދް ފްލޮޓިލާގައި ދަތުރުކުރާ ގައުމުތަކުގެ ރައްޔިތުން ރަހީނުކުރުމުން އެކަމާ ގުޅޭގޮތުންވެސް ގިނަ ގައުމުތަކުން އެއްޗެއް ނުބުނެއެވެ.

މިދިޔަ އޭޕްރީލްމަހުގެ 30 ގައި ސުމުދް ފްލޮޓިލާއަށް އިސްރާއީލުން ހަމަލާ ދިނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް ކަމަށްކަން އެނގޭއިރުވެސް، ޒަޔަނިސްޓުން ހިންގި އެ ޖަރީމާއާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ