ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޕެންޝަން ފައިސާ ނެގޭގޮތަށް ބިލް ފާސްކޮށްފި

ޚަބަރު ފަހުގެ

ބޮޑެތި ބަލިތައް ނުވަތަ ‘ޓާމިނަލް އިލްނަސް’ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެނައި އިސްލާހުތަކާއެކުގައެވެ. މި ބިލު ފާސްކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން 61 މެންބަރުން ވަނީ ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އިސްލާހުގެ ދަށުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތްތަކުގައި (ޓާމިނަލް އިލްނަސް)، އެ މީހަކު ކަނޑައަޅާ އަދަދެއްގެ ފައިސާ ނުވަތަ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެއްފަހާރާ ނުވަތަ އެކި ފަހަރުމަތިން ނެގޭނެ އިންތިޒާމެވެ.

މީގެ އިތުރުން މި ބިލުގައި ހިމެނޭ އެހެނިހެން މުހިންމު ކަންތައްތަކުގެ ތެރޭގައި ޙައްޖަށް ދިއުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމާއި، ގެދޮރު ގަތުމަށް، އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށް ބޭންކުތަކާއި މާލީ މުއައްސަސާތަކުން ނަގާ ލޯނުތަކުގެ ޑައުންޕޭމަންޓަށް ޕެންޝަން ފައިސާ ‘ކޮލެޓަރަލައިޒް’ ކުރެވޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

ހަމައެއާއެކު އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އަސާސީ ޕެންޝަން ނުލިބޭނެ ގޮތަށް ކަނޑައެޅުމާއި، އިންތިޚާބީ މަގާމެއްގައި ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާގައި ހުރިނަމަވެސް މި ޕެންޝަން ނުލިބޭނެ ކަމަށް ނިންމާފައިވެއެވެ.

މި ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކުގެ ތެރޭގައި ޕެންޝަން އޮފީހުގެ ބޯޑު އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ބޯޑުގައި ތިއްބަވާނީ ޖުމްލަ 9 މެންބަރުންނެވެ. އޭގެ ތެރޭގައި ޗެއަރޕާސަންގެ އިތުރުން، މާލީ ވުޒާރާ، ސޯޝަލް ސެކިއުރިޓީ އަދި ވަޒީފާއާ ބެހޭ ވުޒާރާގެ ސިވިލް ސަރވިސްގެ ތިން މުވައްޒަފުންނާއި، ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ 5 މެންބަރުން ހިމެނޭނެއެވެ.

ޕެންޝަން އޮފީހުގެ ބޯޑުން، މާލީ ވުޒާރާގެ މަޝްވަރާއާއެކު އަސާސީ ޕެންޝަން ހައްގުވާ ފަރާތްތައް ކަނޑައެޅުމުގެ އުސޫލުތައް އެކުލަވައިލަން ޖެހޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މި އިސްލާހުތަކުގެ ސަބަބުން ޕެންޝަން ފަންޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ