ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެ ހިމެނޭހެން ފުޓުބޯޅަ ސްޓްރަކްޗާއަށް ގެނައި ބަދަލާއެކު، މިހާރު ކުރިއަށް ރީޖަނަލް މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދަތުރު ހަރަދުގެ ގޮތުގައި ޖުމުލަ 120،000 ރުފިޔާ ދޭން ނިންމައިފިއެވެ.
އެފްއޭއެމްއިން އެކްސްކޯގެ 13 ވަނަ ބައްދަލުވުމުގައި މިއަދު ނިންމާފައި ވަނީ ރީޖަނަލް މުބާރާތްތައް ކަމަށްވާ ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަން ލީގުތަކުގައި ވާދަކުރާ ޓީމުތަކަށް ދަތުރު ހަރަދުގެ އެހީ އިތުރު ކުރުމަށެވެ. އެގޮތުން ކުރިން ފީފާގެ އެހީތެރިކަމާއެކު ކޮންމެ ޓީމެއްގެ ދަތުރު ހަރަދަށް ދޭން ނިންމާފައިވާ 90،000 ރުފިޔާގެ އިތުރުން 30،000 ރުފިޔާ ކޮންމެ ޓީމަކަށްވެސް ދޭން ނިންމާފައިވާ ކަމަށް އެފްއޭއެމްއިން ބުންޏެވެ.
ރީޖަނަލް ތިން މުބާރާތެއްގައި 12 ޓީމަކުން ވާދަކުރަމުންދާ އިރު، އެ ޓީމުތަކުގެ ދަތުރު ހަރަދަށް ޖުމުލަ 1.4 މިލިއަނެއްހާ ރުފިޔާ ދޭން އެފްއޭއެމްއިން ވަނީ ނިންމައިފައެވެ. އެފްއޭއެމްއިން ދަތުރަށް ދޭ އެހީތެރިކަން އިތުރުކުރީ ޓީމުތަކުގެ ދަތުރު އަގުބޮޑުވުމާ ގުޅިގެންނެވެ.
ރީޖަން ލީގުތަކަކީ އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތެރޭގެ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ހަމަޖެއްސުމާއި އެކު ފްރިމިއާ ލީގުގެ ޕްލޭ އޮފަށް ކޮލިފައިވާ ޓީމުތަކެއް ކަނޑައެޅުމަށް ބާއްވާ މުބާރާތެވެ. މިއީ މާލޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއެކު ޕްރިމިއާ ލީގުން ފުރުސަތު ދޭނެ ޓީމެއް ކަނޑައެޅުމަށް ކުރިޔަށް ގެންދާ މުބާރާތްތަކެކެވެ.


