ޔުނައިޓެޑާއި އާސެނަލް ހަތަރުވަނަ ބުރަށް

ކުޅިވަރު ފަހުގެ

އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ދަތުރުކޮށްފިއެވެ.

ހަތަރުވަނަ ބުރުގެ ޖާގައެއް ޔުނައިޓެޑް ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުގައި ވަޓްފޯޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗަށް އެ ޓީމުން ނުކުތީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ.

އޭގެ ފަހުން މެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ނަތީޖާ އެއްވަރުކުރުމަށް ވަޓްފޯޑުން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލާފައިވަނީ އެ ޓީމުގެ އެޑަމް މެސީނާއެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފައެވެ. އަދި ދެވަނަ ހާފުގައި ޔުނައިޓެޑުގެ މޭސަން ގްރީންވުޑް ފޮނުވާލި ބާރު ހަމަލާއެއް ވަޓްފޯޑުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މީގެ އިތުރުން ހަތަރުވަނަ ބުރުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލުން ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ން މޮޅުވެގެންނެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މި މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން އެމީލް ސްމިތް ރޯވް އާސެނަލަށް ލީޑު ނަގައިދިންއިރު، އޭގެ އަށް މިނެޓު ފަހުން އާސެނަލަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް ޔުނައިޓެޑާއި އާސެނަލް ދަތުރުކުރިއިރު، މި މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އަނެއް މެޗުން އެވަޓަން ވަނީ 2-1 ން ދެވަނަ ޑިވިޝަނުގެ ރޮތަހަމް ޔުނައިޓެޑް ބަލިކޮށް ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި ލެސްޓާ ސިޓީ ވަނީ 4-0 ން ސްޓޯކް ސިޓީ ބަލިކޮށް ހަތަރުވަނަ ބުރަށް ދަތުރުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ