އިސްރާއީލާއި ނަތަންޔާހޫއަށް ދުނިޔެ ނަފްރަތުކުރާކަން ޓްރަމްޕް އިއުތިރާފްވުން: “އަހަންނާހެދި ނޫންނަމަ ކަލޭ މިހާރު އޮންނާނީ ޖަލުގައި”

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯމަދުވަހު އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫއަށް ފޯނުން ގުޅައި ދެއްކި ބައެއް ވާހަކަތައް އެމެރިކާގެ ބައެއް މީޑިއާ ވަސީލަތްތަކުން ހާމަކުރަމުން އެބަ ގެންދެއެވެ.

މި ވާހަކަތައް ފަތުރަމުންގެންދަނީ، އެމެރިކާގެ އިތުބާރުހުރި ބައެއް މީޑިއާ ވަސީލަތްތަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޓްރަމްޕް، ނަތަންޔާހޫއަށް ފޯނުން ގުޅައި ވާހަކަ ދެއްކި ވަގުތު އެ އަޑުތައް އިވުނު އަދި އެތަނުގައި ތިބި ބައެއް މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނަނީ، އެއީ ވަރަށް ހޫނުވެގެންދިޔަ ފޯނުކޯލެއް ކަމަށެވެ.

ހޫނުވެގެންދިޔައީ، ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްތިއުމާރީ ސިފައިން ލައްވައި ހަމަލާދޭން ނަތަންޔާހޫ ތައްޔާރުވަމުންދާތީ އެކަން ހުއްޓާލުމަށް ޓްރަމްޕް އެންގުމުންނެވެ. ޓްރަމްޕް އެދުމަށް ނަތަންޔާހޫ ބުނީ ނޫނެކޭއެވެ. ބެއިރޫތަށް ދޭން އުޅޭ ހަމަލާތައް ނުހުއްޓާނޭ ކަމަށާއި، ޕްލޭން ކޮށްފައިވާ ގޮތަށް އެކަން ކުރިއަށްދާނޭ ކަމަށެވެ.

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހަމަލާދޭން ރޭވީ ހިޒްބުﷲގެ ތަންތަނަށް ކަމަށް ބުނެއެވެ. ހަމަލާދޭން ރޭވީ ބެއިރޫތުގެ ދަހިއްޔާއަށެވެ. ދަހިއްޔާއަކީ ހިޒްބުﷲ ޖަމާއަތުގެ ބާރު، އެންމެ ވަރުގަދައަށް އޮންނަ ރަށް ކަމަށް ވެއެވެ. އެ ރަށުގައި ހިޒްބުﷲގެ ވެރިންނާއި، ކޮމާންޑަރުންނާއި، ހަތިޔާރު ގުދަންތައްވެސް ހުންނަ ކަމަށް، އިސްރާއީލުން ތުހުމަތު ކުރެއެވެ.

އެމެރިކާގެ މިނިވަން ނޫހަކުން ކުރި ރިޕޯޓެއްގައި ބުނީ، އިސްރާއީލުން ދަހިއްޔާއަށް ހަމަލާދޭން އުޅެނީ އެމެރިކާއާ ކޯޑިނޭޓްކޮށްގެން އެމެރިކާ ސިފައިންގެ ބައިވެރިވުމާ އެކުގައި ކަމަށެވެ. އެމެރިކާގެ ނޫހުން، އިސްރާއީލާއި އެމެރިކާ ގުޅިގެން ހިންގަން އުޅުނު ޖަރީމާ ފަޅާއަރުވާލީއެވެ.

މައްސަލަ ގޯސްވީ، ބެއިރޫތަށް ދޭން އުޅުނު ހަމަލާގެ ތެރެއަށް އީރާނު ވަނުމުންނެވެ. އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަކީ އެމެރިކާއާއެކު ހަދާ އެއްބަސްވުމުގައި ހިމެނުނަށް އީރާނުން ކުރިންވެސް ޝަތުރު ކުރަމުން ގޮސްފައިވާ ކަމެކެވެ.

އެކަމަކު، މިފަހަރު ބެއިރޫތަށް ހަމަލާދޭން އިސްތިއުމާރީ ސިފައިން އުޅެގަތުމުން އީރާނުން ކުޅެލީ އެމެރިކާއާއެވެ. އީރާނުން އެންގީ ބެއިރޫތަށް ހަމަލާދޭނަމަ އެމެރިކާއާއި އީރާނާ ދެމެދު ދެން އެއްވެސް ވާހަކައެއް ކުރިއަށް ނުދާނޭ ކަމަށާއި، އީރާނު ވާހަކަތަކުން ވަކީވީ ކަމަށެވެ. އީރާނު ވާހަކަތަކުން ވަކިވުމުގެ މާނައަކީ، އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ގެއްލިގެން ދިއުމެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާމެދު ގޮތެއް ނުނިމި، ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވި، އެމެރިކާ ހުސްއަތާ ދާންޖެހުމެވެ. އީރާނަށް ބޮންއަޅައިގެން އެކަންކަން ވާން ނެތްކަން ޚުދު ޓްރަމްޕަށްވެސް އެނގެއެވެ.

އީރާނު ވާހަކަތަކަށް ނަޔަސް ހެޔޮ ކަމަށާއި، އެކަމުން ގެއްލުންވާނީ އީރާނަށް ކަމަށް ބުނުމަށްފަހު އެމެރިކާގެ ރައީސް ދެން ގުޅީ ހިޒްބުﷲއަށް ނިސްބަތްވާ ހައްސާސް ބޭފުޅަކަށެވެ. ނަމެއް ހާމަކޮށްފައެއް ނުވެއެވެ. ޓްރަމްޕް އެދުނީ ހިޒްބުﷲއިން އިސްރާއީލަށް ހަމަލާދިނުން ހުއްޓާލަދިނުމަށެވެ. ހިޒްބުﷲއިން ހުށަހެޅީ ކޮން ގޮތެއް ކަމެއް ސާފެއް ނުވެއެވެ. އެކަމަކު، ހިޒްބުﷲގެ ފަރާތުން ފަހުން ހާމަކުރި ބަޔާންތަކުން އެނގުނީ، ލުބުނާނަށް ދެމުންގެންދާ ހުރިހާ ހަމަލާތައް ހުއްޓާލައި އަދި ލުބުނާނުގެ ބިމުންވެސް އިސްތިއުމާރީ ސިފައިން އެއްކޮށް ފައިބައިގެން ދިއުމުން މެނުވީ ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެން ގުޅީ މުޖުރިމު ނަތަންޔާހޫއަށެވެ. އަދި ލުބުނާނުގެ ވެރިރަށަށް ހަމަލާދީގެން ނުވާނޭ ކަމަށް ޓްރަމްޕް އެންގުމުން ނަތަންޔާހޫ ދެކޮޅުހެދީއެވެ.

އެމެރިކާގެ ރައީސް ގާތަށް އައި ރުޅީގައި “ކަލޭތީ މޮޔައެއް” ކަމަށް ނަތަންޔާހޫއާ ދިމާއަށް ބުންޏެވެ. އަދި އެންމެން “ކަލެއަށް” ނަފްރަތު ކުރާ ކަމަށާއި، ދުނިޔޭގެ މީހުންނަށް ދެން ކެތެއް ނުކުރެވޭނެ ކަމަށްވެސް ޓްރަމްޕް ބުނި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ސަރަހައްދުގައި ނަތަންޔާހޫ ހިންގަމުންގެންދާ ގޯސްތަކުގެ ސަބަބުން އެންމެންވެސް އިސްރާއީލަށް ނަފްރަތު ކުރާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އަދި އެމެރިކާގެ ރައީސް ޓްރަމްޕްވަނީ “އަހަންނާހެދި ނޫންނަމަ ކަލޭ މިހާރު އޮންނާނީ ޖަލުގައި. ކަލޭ ސަލާމަތް ކޮށްދެނީ އަހަރެން” ކަމަށްވެސް ނަތަންޔާހޫއާ ދިމާއަށް ބުނެފައެވެ.

މިއީ، ތާރީޚްގައިވެސް ދުނިޔޭގެ އެންމެން ނަތަންޔާހޫއާއި އިސްރާއީލަށް ނަފްރަތު ކުރާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އިއުތިރާފްވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު ކުރެވުނު ސިއްރު ފޯނުކޯލެއްގައި ދެކެވުނު ވާހަކަތައް މިގޮތަށް ލީކްވުމާ ގުޅިގެން، ޓްރަމްޕާއި ނަތަންޔާހޫއާ ގާތް ގުޅުން އޮންނަ ފަރާތަކުންވަނީ މިމައްސަލަ ތަހްގީގު ކޮށްދިނުމަށް އެފްބީއައިއަށްވެސް ގޮވާލާފައެވެ. އޭނާ ބުނީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. ބުނެވޭގޮތުގައި ޓްރަމްޕްގެ ޑައިލޮގް ހުރިގޮތުން ހުރިހާވެސް ފައިދާއެއް ކުރާނީ އީރާނަށެވެ.

މިއާ އިދިކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ، މިއީ ޑްރާމާއެއް ކަމަށާއި، މިއީ ހަނގުރާމަ ހުއްޓުވަން ޓްރަމްޕް ނުކުޅެދިފައިވުމުން އެމެރިކާ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަގްބޫލުކަން ކުޑަވެފައިވުމުން އެކަން ރަނގަޅުކުރަން ކޮށްލި ކަމެއް ކަމަށެވެ. ނަތަންޔާހޫގެ މައްޗަށް ޓްރަމްޕަށް ނުފޫޒު ނުފޯރުވޭނޭކަން އެންމެނަށް އެނގޭ ކަމަށްވެސް، ޚިޔާލުފާޅުކުރާ ފަރާތްތަކުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ