އީރާނުގެ ލަޝްކަރުތަކާއި ސަރުކާރަށް ތާއީދުކޮށް އާންމުން ތެހެރާނުގެ އާޒާދީ މައިދާނަށް ނުކުންނަތާ 89 ރޭ ވެއްޖެ

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާއާއި އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓު ސިފައިން ސާޅީސްދުވަސް ވަންދެން އީރާނުގެ އެކި ހިސާބުތަކަށް ވަރުގަދައަށް ބޮން އަޅަމުން ގެންދިޔައިރު، ދުޝްމަނުންނަށް ރައްދު ހަމަލާތައް ދިނުމަށް އީރާނުގެ ލަޝްކަރުތަކަށް އެންމެބޮޑު ހިތްވަރެއް ލިބިގެންދިޔައީ އީރާނުގެ އާންމު ރައްޔިތުންގެ ފަރާތުންނެވެ.

ދުޝްމަން ސިފައިން ވެރިރަށް ތެހެރާނުގެ އެކި ހިސާބުތަކަށް ބޮންއަޅައި ތަންތަން ގޮއްވަމުން ގެންދިޔައިރުވެސް، އީރާނުގެ އާންމު ރައްޔިތުން ގެންދިޔައީ މަގުތަކަށް ނުކުމެ، އީރާނު ސަރުކާރަށާއި، އީރާނުގެ ލަޝްކަރުތަކަށް ސާބަސްދީ ހިތްވަރުދީ އަޑުއުފުލަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތެހެރާނުގައި އާންމުން ޖަމާވާ މައިދާނަކީ ތެހެރާނުގެ އާޒާދީ މައިދާނެވެ. އެ މައިދާނަށް އީރާނުގެ އާންމު ރައްޔިތުން މިއަހަރުގެ މާޗްމަހުން ފެށިގެން ގެންދަނީ މެދުނުކެނޑި ކޮންމެ ރެއަކު ނުކުމެ އީރާނުގެ ލަޝްކަރުތަކަށް ހިތްވަރު ދެމުންނެވެ. އެގޮތަށް މައިދާނަށް އާންމުން ނުކުންނަތާ މިހާރު 89 ރޭ ވެއްޖެއެވެ.

ހަނގުރާމަ އެންމެ ހޫނުވެ މުޅި ތެހެރާނު ގޮއްވާލާނެހެން ހީވި ރޭތަކުގައިވެސް މަގުތަކަށް ނުކުތް މީހުންގެ އަދަދެއް މަދެއް ނުވެއެވެ. އެމެރިކާއާއި އިސްތިއުމާރީ ސިފައިން ވަރުގަދައަށް ބޮން އަޅައި އަދި އެކި ހިސާބުތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ އަނދަމުންދިޔަ ވަގުތުތަކުގައިވެސް އާންމުން ތިބީ މަގުތަކުގައެވެ.

އާޒާދީ މައިދާނުގެ ކައިރި ހިސާބުތަކަށް ބޮން އެޅިއިރުވެސް އެމީހުން ތިބީ މައިދާނުގައެވެ. އާންމުން ބުނަމުންދިޔައީ މަރާލަފާނެތީ އެމީހުން ބިރު ނުގަންނަ ކަމަށެވެ. އެއަށްވުރެ ގައުމުގެ މިނިވަންކަން އެމީހުންނަށް މުހިންމު ކަމަށެވެ. ގައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ލަޝްކަރުތަކަށް ހިތްވަރު ދިނުމުގައި ތިބެ މަރުވުމަކީވެސް ލިބޭނޭ އުފަލެއް ކަމަށް ގެންދިޔައީ ބުނަމުންނެވެ.

އެގޮތަށް މައިދާނަށް ނުކުމެ ތިބޭ އާންމުންނަށް ހިތްވަރު ދެއްވުމުގެގޮތުން އީރާނުގެ ވެރިންވެސް މައިދާނަށް ވަޑައިގެން އުޅުއްވާފައި ވެއެވެ. ހަނގުރާމައިގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އެތައް ރެއަކު މައިދާނަށް ވަޑައިގެންނެވިއެވެ. އަދި ތެހެރާނުގެ އެހެން ސަރަހައްދުތަކުގެ މާރުކޭޓުތަކަށްވެސް ވަޑައިގެން އާންމުންގެ ހާލުއަހުވާލު ބައްލަވައި އުޅުއްވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބަސް އަރަޣްޗީވެސް އާޒާދީ މައިދާނަށް އެތައް ރެއަކު ވަޑައިގެންނެވިއެވެ. އަދި އާންމު ރައްޔިތުން ސަރުކާރަށާއި، ލަޝްކަރުތަކަށް ހިތްވަރުދީ ދެމުންގެންދާ ތާއީދަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

ދުޝްމަނުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އީރާނުގެ ލަޝްކަރުތަކުގެ ފަރާތުން ފެނިގެންދިޔަ ވަރުގަދަ ހިތްވަރަކީ އީރާނު ރައްޔިތުން ދެމުންގެންދިޔަ ތާއީދުގެ ނަތީޖާކަމަށް އީރާނުގެ ވެރިން ވިދާޅުވެފައި ވެއެވެ.

އާޒާދީ މައިދާނަށް ކޮންމެ ރެއަކު ނުކުންނަ އާންމުންގެ އަދަދު، ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމުންވެސް މަދެއް ނުވެއެވެ. ހަމަ ކޮންމެ ރެއަކުހެން ކަހަލަ ގޮތަކަށް އާންމުން ގެންދަނީ މައިދާނަށް ނުކުމެ، ދުޝްމަނުންނާ ކުރިމަތިލައި އީރާނުގެ ލަޝްކަރުތަކުން ހޮރްމޫޒާއި، އީރާނުގެ ވަށައިގެންވާ ބޯޑަރު ސަރަހައްދުތަކުގައި ދައްކަމުންގެންދާ ސާބިތުކަމާއި ހިތްވަރަށް ތައުރީފްކުރަމުންނެވެ.

ހަނގުރާމަ ހުއްޓާލަން އީރާނުން އެމެރިކާއާއެކު އެއްބަސްވުމެއް ހެދުމުންވެސް އީރާނުގެ އާންމުން ތިބީ ނުރުހިފައެވެ. އެމީހުން ބުނަމުންދިޔައީ، އީރާނާ ދެކޮޅަށް އިސްވެ އުދުވާނު ފެށީ އެމެރިކާއާއި އިސްރާއީލުން ކަމަށާއި، ދުޝްމަނުން ބަލިކޮށްފައިނޫނީ އީރާނު ސިފައިން ހަމަލާތައް ހުއްޓާލައިގެން ނުވާނޭ ކަމަށެވެ.

ހަނގުރާމަ ދާއިމަށް ހުއްޓާލުމަށާއި، އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އީރާނުން އެމެރިކާއާ ވާހަކަ ދެއްކި ނަމަވެސް، އީރާނުން އެއްވެސް ވަރަކަށް އެމެރިކާއަށް ދޫދީގެން ނުވާނޭ ކަމަށް، އީރާނުގެ އާންމުން ބުނަމުން ގެންދެއެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އަމުދުން ދޫދީގެން ނުވާނޭ ކަމަށް ބުނެއެވެ.

އެމެރިކާ އަދި އިސްރާއީލާ ގުޅޭގޮތުން އީރާނު ސަރުކާރާއި، އީރާނު އަސްކަރިއްޔާ އަދި އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ލަޝްކަރުން ކުރާ އެކިއެކި މުއާމަލާތްތަކާ ގުޅޭގޮތުން އާޒާދީ މައިދާނަށް އެއްވާ މީހުން މިހާރުވެސް ޝުއުރުތައް ފާޅުކުރަމުން ގެންދެއެވެ. އީރާނުގެ ވައިގެ ސަރަހައްދަށް ވަންނަ ދުޝްމަނުންގެ އުޅަނދުތައް ވައްޓާލާ ކޮންމެ ފަހަރަކު މައިދާނަށް ނުކުމެ އުފާފާޅުކުރާ މީހުންގެ އަދަދުވެސް އިތުރުވެގެން ދެއެވެ. މިރޭވެސް އާޒާދީ މައިދާނުން އެ މަންޒަރު ތަކުރާރުވަމުން އެބަ ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ