އެމެރިކާ ސިފައިން ރޭގައިވެސް އުޅުނީ އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރަށް ގޮންޖަހައި، އެމެރިކާގެ ހަތަރު ތެޔޮ ޓޭންކަރު ހޮރްމޫޒު ކަނޑުއޮޅި ހުރަސްކޮށް ގެންދިއުމަށެވެ. އެމެރިކާ ސިފައިންގެ ފުރިހަމަ ހިމާޔަތުގައެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން އެ ތެޔޮ ޓޭންކަރުތަކަށް ފުރަތަމަ ދިނީ އިންޒާރެވެ. އިންޒާރަށް ކިޔަމަން ނުވުމުން އެތަނުން އެއް ޓޭންކަރަށް މިސައިލް ހަމަލާދިނުމުން އަނެއް ތިން ޓޭންކަރު އަނބުރާލާފައި އައިކޮޅަށް ދިޔައީއެވެ. ހަމަލާ އަމާޒުވި ތެޔޮ ޓޭންކަރު އީރާނު ކަނޑުގެ ސިފައިން ހިފީއެވެ.
އީރާނުގެ ގޭޝްމް އައިލެންޑާއި، ސިރީ ޕޯޓްގެ ކޮމިއުނިކޭޝަން ޓަވަރުތަކަށް އެމެރިކާ ސިފައިން ބޮންއެޅީ ޓޭންކަރުތައް ހުއްޓުވުމުން އެކަމުގެ ރުޅީގައެވެ. ފުރަތަމަ ހަމަލާދީ ވައްޓާލީ ހޮރްމޫޒުގައި އުދުހުނު އީރާނުގެ 4 ޑްރޯންއަކަށެވެ. ޓަވަރުތަކަށް ހަމަލާދިނީ އޭގެފަހުންނެވެ.
ރައްދުގައި އީރާނުންވަނީ، އީރާނަށް ހަމަލާދޭން ބޭނުންކުރި ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ ދެ އަސްކަރީ ބޭހަކަށާއި، ބަހްރެއިންގައި އެމެރިކާ ކަނޑުގެ ސިފައިންގެ ލަޝްކަރު ގާއިމްވެފައި އޮންނަ ބޭހަށްވެސް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިފައެވެ. އީރާނުން ހަމަލާދިނީ ކުވައިތުގެ އަލީ އަލް ސާލިމް އެއަރބޭހަށާއި، އާރިފްޖާން ބޭހަށެވެ. ކުވައިތުގެ ދެ ބޭހަށާއި، ބަހްރެއިންގެ ބޭހަށް އީރާނުން 8 ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށް ވެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އޭގެތެރެއިން 7 މިސައިލް އެމެރިކާ ސިފައިން ވައްޓާލި ކަމަށެވެ.
އެކަމަކު، އީރާނުގެ ހަމަލާތައް އަމާޒުވެ އެމެރިކާގެ ބޭސްތަކުން ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި، ހަމަލާތައް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
އުމާން ކަނޑުން ދަތުރުކުރި އީރާނުގެ ކޮންޓެއިނަރ ބޯޓަކަށް އެމެރިކާ ސިފައިން އިއްޔެ ހަމަލާދިނުމުންވެސް، އީރާނުންވަނީ އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާ ދީފައެވެ. އީރާނުގެ ހަމަލާގެ ސަބަބުން އެމެރިކާގެ ތިން މަނަވަރަކަށް ޖެހުނީ ސަލާމަތް ހޯދައިގެން އިންޑިއާ ކަނޑަށް ނުކުންނާށެވެ.
އޭގެކުރިން މިދިޔަ ހަފްތާގެ އަންގާރަ ދުވަހުވެސް، އެމެރިކާއާއި އީރާނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގާފައި ވެއެވެ.
އެދުވަހު ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި އީރާނަށް ނިސްބަތްވާ ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން ހަމަލާދިނުމުން އީރާނު ކަނޑުގެ ސިފައިން ކުރިކަމަކީ އެމެރިކާއާއި އިސްރާއީލަށް ނިސްބަތްވާ “އެމްސީއެސް ޕަނާޔާ” ނަމަކަށްކިޔާ ވިޔަފާރި އުޅަނދަކަށް ހަމަލާދިނީއެވެ.
އެކަމާ ގުޅިގެން “އަމިއްލަ ނަފުސުގެ ދިފާއުގައި” ކަމަށް ބުނެ އެމެރިކާ ސިފައިން ގޭޝްމް އައިލެންޑްގެ އަސްކަރީ ކޮމިއުނިކޭޝަން ޓަވަރަކަށް މިސައިލް ހަމަލާ ދިނެވެ.
އެމެރިކާ ސިފައިން ގޭޝްމް އައިލެންޑަށް ދިން ހަމަލާގެ ރައްދުގައި އީރާނުންވަނީ، އެ ރަށަށް ހަމަލާދިނުމަށް ބޭނުންކުރި ކުވައިތާއި، ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އެދުވަހު އީރާނުން 10 ބެލިސްޓިކް މިސައިލާއި އެތައް ޑްރޯންއެއް ފޮނުވާލިއެވެ.
އީރާނުން ފޮނުވާލި މިސައިލާއި ޑްރޯންތައް އެއަރ ޑިފެންސް ސިސްޓަމްތަކުން ވައްޓާލި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ނަމަވެސް، އީރާނުން ހަމަލާތައް އެމެރިކާގެ ބޭސްތަކަށް އަމާޒުވިކަން ފަހުންވަނީ ހާމަވެފައެވެ.
އެދުވަހުވެސް އީރާނުން ހަމަލާދިނީ، ކުވައިތުގައި އެމެރިކާ ސިފައިން އަލީ އައް ސާލިމް އެއަރބޭހަށާއި، ތިބޭ ކޭމްޕް އާރިފްޖާންއަށެވެ. ބަހްރެއިނަށް ދިން ހަމަލާތައް އަމާޒުކުރީ އެމެރިކާ ކަނޑުގެ ސިފައިންގެ ބޭހަށެވެ.
ކުރިމަތިލުންތައް ކޮންމެ ފަހަރަކު ފެށެނީ، އީރާނުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް އެމެރިކާގެ ތެޔޮ ޓޭންކަރުތައް ހޮރްމޫޒު ހުރަސްކުރަން އުޅުމުންނެވެ. އީރާނުން އަންގަނީ އީރާނުގެ ކަނޑުގެ ސިފައިންނާ ކޯޑިނޭޓް ކޮށްގެން ނޫން ގޮތަކަށް ހޮރްމޫޒު ހުރަސް ނުކުރެވޭނޭ ކަމަށެވެ.
އެމެރިކާ ސިފައިން އީރާނުގެ ބަނދަރުތައް ބްލޮކް ކުރަމުންދިޔަ ނަމަވެސް، ހޮރްމޫޒުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނަށްކަން އީރާނުން ގެންދަނީ ސާބިތު ކުރަމުންނެވެ. އެމެރިކާއިން ކިތަންމެ މަސައްކަތެއް ކުރިޔަސް، އީރާނުގެ އަތުން ހޮރްމޫޒުގެ ކޮންޓްރޯލް ނުނެގޭނޭ ކަމާއި، ހޮރްމޫޒު ނުވެސް ހުޅުވޭނޭކަން އީރާނުން ގެންދަނީ ސާބިތުކޮށްދެމުންނެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. އެކަމަކު، ހޮރްމޫޒް ތެރޭގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ދެފަރާތުން ދޭތެރެ ދޭތެރެއިން ގެންދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.
އެމެރިކާ ސިފައިން އީރާނުގެ ތަނަކަށް ވައިގެ ހަމަލާ ދީފިނަމަ އީރާނުގެ ފަރާތުން ވަރުގަދަ ރައްދުތަކެއް އަންނާނެކަން އީރާނުން ގެންދަނީ އެމެރިކާއަށް ދައްކަމުންނެވެ. އީރާނުގެ ބާރު ދައްކަމުންނެވެ.
ކުވައިތާއި ބަހްރެއިނަށް އީރާނުން ހަމަލާދެނީ އާންމު ތަންތާކަށްނޫނެވެ. ހަމަލާތައް އަމާޒުކުރަނީ އީރާނަށް ހަމަލާދޭން ބޭނުންކުރާ ތަންތަނަށެވެ. އީރާނަށް ހަމަލާދޭން އެމެރިކާ ސިފައިންނަށް ކުވައިތާއި ބަހްރެއިން ބޭނުން ކުރެވެނީ އެ ގައުމުތަކުން އެކަމަށް ހުއްދަ ދީގެންނެވެ.
އީރާނުގެ ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން އުޅޭ ތެޔޮ ޓޭންކަރުތަކާއި، އުޅަނދުފަހަރަށް އީރާނުން ހުރަސްއަޅައި ހުއްޓުވުމާއި، އެމެރިކާއިން ދޭ ހަމަލާތަކުގެ ރައްދު ވަގުތުން ދެމުން ގެންދިއުމުން އީރާނުން އެމެރިކާއަށް ދޭ މެސެޖަކީ އީރާނަށް ހަމަލާދީގެން ސަލާމަތް ވެވޭން ނެތް ކަމެވެ.
އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ލަޝްކަރުން މިދިޔަ ހަފްތާގައި ބުނީ، އީރާނުގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައްޖެނަމަ ރައްދު ހަމަލާދީ ދުޝްމަނުން ފުނޑުފުނޑުކޮށްލާނޭ ކަމަށެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން މިއަދު ނެރުނު ބަޔާނުގައި އިންޒާރު ކޮށްފައިވަނީ، އެމެރިކާ ސިފައިން ހިންގާ އުދުވާނު ތަކުރާރު ކުރާނަމަ ހޮރްމޫޒު ކަނޑުއޮޅި އެއްކޮށް ބަންދުކޮށްލަން ޖެހިދާނެ ކަމަށެވެ. ތެލާއި ގޭސް އެކްސްޕޯޓްކުރުމަށް ހޮރްމޫޒު ކަނޑުއޮޅި އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭގޮތް ހެދުމުން އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށްވެސް ބުނެފައި ވެއެވެ.


