އީރާނުގެ އިންގިލާބީ ލަޝްކަރުން އިސްތިއުމާރީ އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދިނުމުން އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފިއެވެ.
އީރާނު ސިފައިން، އީރާނުގެ ކަރްމަންޝާހުން އިސްރާއީލަށް އަމާޒުކޮށް އުދުއްސާލި މިސައިލްތައް ދަތުރުކޮށްފައިވަނީ ވެރިރަށް ތެހެރާނުގެ ވައިގެ ސަރަހައްދުންނެވެ. މިސައިލްތައް ދަތުރުކުރާ މަންޒަރު ރޭގަނޑުގެ ވަގުތުގައި ރީތިކޮށް ފެނެއެވެ.
އެއާއެކު، ތެހެރާނުގެ މަގުތަކަށް އާންމުން ނުކުމެ ތަކުބީރުކިޔައި، އުފާފާޅުކޮށް އަޑުއުފުލައި އަދި އެކަމަށްޓަކައި އީރާނު އަސްކަރިއްޔާއަށް ތަރްހީބުދީ ހިތްވަރުދެމުން އެބަ ގެންދެއެވެ.
އެންމެ ގިނަމީހުން އެއްވެފައިވަނީ ތެހެރާނުގެ އިންގިލާބީ މައިދާނަށެވެ. އީރާނުން އިސްރާއީލަށް މިސައިލް ހަމަލާދޭން ނިންމައި އެކަން ވަނީ އިންގިލާބީ މައިދާނުގައިވެސް އިއުލާން ކޮށްފައެވެ. އެހެންވެ، ގިނަބަޔަކު މަންޒަރު ބަލަން ޖަމާވީވެސް އެ މައިދާނަށެވެ. އެމީހުން ތިބީ އީރާނުގެ ގައުމީ ދިދަ ހިފައިގެންނެވެ.
އެމެރިކާއާއެކު ހެދި އެއްބަސްވުމުގެ ދަށުން އިސްތިއުމާރީ ބާރަށް ހަމަލާދިނުން އީރާނުން ހުއްޓާލުމުން، އީރާނުގެ އާންމުން ތިބީވެސް ހިތްހަމަ ނުޖެހިފައެވެ. އެމީހުން ބުނަމުންދިޔައީ އިސްތިއުމާރީ ދައުލަތް ކުޑަކަކޫމައްޗަށް ތިރިކޮށްފައި ނޫނީ ހުއްޓާލައިގެން ނުވާނޭ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާއާއި، ހުޅަނގު އައްސޭރިއާއި، ލުބުނާނާއި ސޫރިޔާއަށް ހަމަލާދީ، އާންމުން މަރައި ތަންތަން ސުންނާފަތި ކުރަމުންދާ އިސްތިއުމާރީ ދައުލަތުގެ ބާރު މުޅިން ކަނޑުވާލަން ޖެހޭ ކަމަށް އީރާނު ރައްޔިތުން ގަބޫލު ކުރެއެވެ. އަދި އީރާނު އަސްކަރިއްޔާއަށް ގޮވާލަމުން ގެންދަނީ އެކަން ކުރުމަށެވެ.
ހަމަ އެއާއެކު، އީރާނުން އިސްތިއުމާރީ ބާރަށް ދޭ ހަމަލާތައް މަދުވެގެންވެސް އާންމުން އެކަމުގެ ޝަކުވާ އުފުލައެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން ސާޅީސްދުވަސް ވަންދެން މެދުނުކެނޑި އީރާނުގެ ރަށްތަކަށް ބޮންއަޅަމުންދިޔައިރު އަދި އިސްރާއީލަށާއި، އަދި ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ބޭސްތަކަށް އީރާނުން ވަރުގަދަ ހަމަލާތައް ދެމުން ގެންދިޔައިރު އީރާނުގެ އާންމުން ގެންދިޔައީ މެދުނުކެނޑި މަގުތަކަށް ނުކުމެ އަސްކަރިއްޔާއަށް ހިތްވަރުދީ އަޑު އުފުލަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން ތެހެރާނުގެ އެކި ހިސާބުތަކަށް ބޮންއަޅައި އާންމުންގެ ބޯމަތިން މިސައިލްތައް އުދުހެމުން ދިޔައިރުވެސް އެތަކެއްހާސް އާންމުން ކޮންމެ ރެއަކު އިންގިލާބީ މައިދާނަށް ނުކުމެ ތިބެއެވެ. މަރާލަފާނެތީ އެއްވެސް ބިރެއް ނެތިއެވެ. ހަނގުރާމަ ހުއްޓާލިފަހުންވެސް އެމީހުން ގެންދިޔައީ ކޮންމެ ރެއަކުވެސް މައިދާނަށް ނުކުމެ އީރާނު ސިފައިންނަށާއި، އީރާނު ސަރުކާރަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.
އީރާނު ސިފައިން އިސްތިއުމާރީ އިސްރާއީލުގެ އުތުރަށް މިރޭ ވަރުގަދަ މިސައިލް ހަމަލާތަކެއް ދިނުމުން އީރާނުގެ ރައްޔިތުންގެ ހިތްތަކަށް ވަނީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެން ގޮސްފައެވެ. އެމީހުންގެ ޝުއޫރުތަކުން އެކަން އެނގެއެވެ.
އީރާނުން މިރޭ އިސްރާއީލަށް 11 ވަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާލިއެވެ. އީރާނުގެ މިސައިލްތައް އޭގެ އަމާޒަށް އެއްވެސް ހުރަހެއްނެތި އަމާޒުވިކަން ވީޑިއޯތަކުން އެނގެއެވެ. މިސައިލްތައް އަމާޒުވާ މަންޒަރާއި، ބާރުގަދަ ގޮވުންތައް ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.
އީރާނުން މައިގަނޑުގޮތެއްގައި ހަމަލާތައް ދީފައިވަނީ، އިސްތިއުމާރީ ސިފައިން ލުބުނާނަށް ބޮންއަޅަން ބޭނުންކުރާ އެއަރބޭހަށެވެ. އޭގެ އިތުރުންވެސް، އިސްރާއީލުގެ އުތުރުގެ އެހެން ހިސާބުތަކަށްވެސް ހަމަލާތައް ދީފައި ވެއެވެ.
އީރާނުން ބުނެފައިވަނީ، ލުބުނާނާ ދެކޮޅަށް ހިންގާ އުދުވާނު ތަކުރާރުކޮށްފިނަމަ ދެން އަންނަ ހަމަލާތަކުގެ ވަރުގަދަކަން އިސްތިއުމާރީ ބާރަށް އަންދާޒާވެސް ކޮށްލަން ނޭނގޭނޭ ކަމަށެވެ.



