ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަމުގެ މަޤާމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
އެލްޖީއޭގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ މޫސާ ޒަމީރުއެވެ. ޒަމީރުމާލީ ވަޒީރުގެެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މާލީ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަންކުރައްވައި، އެލްޖީއޭގެ ރައީސްގެ ޒިންމާވެސް އެމަނިކުފާނާ ހަވާލުކުރައްވާފައެވެ.
ޤާނޫނު އަސާސީގެ 140 ވަނަ މާއްދާއާއި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ރައީސުލްޖުމުހޫރިއްޔާ އެ އޮތޯރިޓީގެ ރައީސްކަމަށް ޢައްޔަންކުރައްވާ ވަޒީރެވެ. އެހެންކަމުން މީގެ ފަހުން އެލްޖީއޭގެ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ ވަޒީރު ޙަސަން ޒަރީރުއެވެ.
މާލީ ވަޒީރު ޙަސަން ޒަރީރަކީ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.


