ހަމަލާތައް ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ މިހާރު “ގާތްގަނޑަކަށް މާނައެއްނެތް” އެއްބަސްވުމެއް ކަމަށް އީރާނުންވަނީ ބުނެފައެވެ. އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.
ޕާކިސްތާނު މެދުވެރިވެގެން ދެފަރާތުގެ ދެމެދުގައި ނުސީދާކޮށް ވާހަކަތައް ފެށީ، މި އެއްބަސްވުން ހެދުމަށްފަހުގައެވެ.
އެހެން ނަމަވެސް، އެއްބަސްވުން ހެދުމަށްފަހުވެސް އެމެރިކާއިން ގެންދަނީ އީރާނުގެ އުޅަނދުފަހަރަށް ތަކުރާރުކޮށް ހުރަސްއަޅައި ހަމަލާތައް ދެމުންނެވެ. އީރާނާއެކު އެއްބަސްވުމެއް ހެދި ސޮއިކުރެވުނީމާ ނޫނީ، ބްލޮކޭޑް އުވާނުލާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ ބުނަމުންނެވެ.
ހޮރްމޫޒު ސަރަހައްދުގައި އެމެރިކާއިން ގެންދަނީ، އެމީހުންނަށް ކިޔަމަންނުވާ ހުރިހާ އުޅަނދަކަށް ހަމަލާދެމުންނެވެ. މިފަދަ ބައެއް ހަމަލާތަކުގައި އުޅަނދުފަހަރުން މީހުންވެސް މަރުވަމުން އެބަދެއެވެ.
އެމެރިކާއިން ބުނަނީ، އީރާނުގެ ރަށްތަކަށް ހަމަލާދެނީ، ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ބިރުދައްކައި ހުރަސްއަޅާތީއާއި އަދި ސަރަހައްދުގައި އޮތް އެމެރިކާ ސިފައިންގެ ލަޝްކަރުތަކަށް ނުރައްކާކުރާތީ “އަމިއްލަ ދިފާއުގައި” ކަމަށެވެ.
“އަމިއްލަ ދިފާއުގައި” ޓެގް އަޅުވައިގެން މިހާރު އީރާނަށް ބޮންއެޅުން އާންމު ކަމަކަށް ހަދާފައި ވެއެވެ.
އެމެރިކާގެ މަނަވަރުތަކަށް ހަމަލާދެނީ ކަމަށް ބުނެ އިހަށްދުވަހުވެސް އެމެރިކާ ސިފައިންވަނީ އީރާނުގެ ދެކުނުގެ އެތައް ރަށަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ހަމަލާތައް އަމާޒުކުރީ އީރާނު އަސްކަރިއްޔާގެ ތަންތަނަށް ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ނަމަވެސް، ބައެއް ހަމަލާތައްވަނީ ބައެއް ރަށްތަކުގެ ބޯފެނުގެ ނިޒާމުތަކަށްވެސް އަމާޒުވެފައެވެ. މިއީ، ބައިނަލްއަގްވާމީ ގާނޫނުތަކުން ހަނގުރާމައިގެ ހާލަތުގައިވެސް ނުކުރެވޭނޭ ކަންކަމެވެ. މިއީ ސީދާ ހަނގުރާމައިގެ ޖަރީމާތަކެވެ.
ރޭގައިވެސް އެމެރިކާ ސިފައިން މިވަނީ، އީރާނުގެ އުތުރާއި، ވެރިރަށް ތެހެރާނާއި އަދި އީރާނުގެ ދެކުނުގެ އެތައް ސިޓީއަށް މިސައިލާއި ބޮމުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް، މަރުވި މީހުންގެ ތަފްސީލެއް އީރާނުން އަދި ހާމައެއް ނުކުރެއެވެ.
އެމެރިކާ ސިފައިންގެ ހަމަލާތަކާއެކު އީރާނުންވެސް ގެންދަނީ ރައްދުގައި އެމެރިކާ ސިފައިންގެ ބޭސްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. މިއަދުވެސް، ބަހްރެއިންގައި އެމެރިކާ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓް ގާއިމްވެފައިވާ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއްދީ، އެމެރިކާއިން ހީނުކުރާވަރުގެ ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.
އުރުދުންގައި އެމެރިކާ ސިފައިންގެ ބޮންއަޅާ ޖެޓުތައް ބަހައްޓާ އަލް އަޒްރަގް އެއަރބޭހަށް 12 ބެލިސްޓިލް މިސައިލް ހަމަލާދީ، އެތައް ޖެޓަކާއި، ޖެޓުތައް ރައްކާކުރާ އެތައް ހޭންގަރެއްވެސް ހަލާކުކޮށްލާފައި ވެއެވެ.
ކުވައިތުގައި އެމެރިކާ ސިފައިން ގާއިމްވެތިދޭ ދެ ބޭހަކަށްވެސް އީރާނުން މިއަދު ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.
މި ތަންތަނަކީ، އީރާނަށް ވައިގެ ހަމަލާތައް ދިނުމަށް އެމެރިކާގެ ޖެޓުތައް އުދުހިގެންދާ އަދި ހަމަލާތައް ދިނުމުގެ ކޮމާންޑް ސެންޓަރުތައް ހުންނަ ބޭސްތަކެވެ.
އެއްބަސްވުމާ ޚިލާފްވެ އީރާނަށް ވައިގެ ހަމަލާތައް ދެމުންގެންދަނީ “އަމިއްލަ ދިފާއުގައި” ކަމަށް އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނާއިރު، އެމެރިކާގެ ވެރިން ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެފަހުންވެސް ބުނީ، އެމެރިކާ ސިފައިން އީރާނަށް ދެމުންގެންދަނީ “ނުބައި އަދި އަނިޔާވެރި” ހަމަލާތަކެއް ކަމަށާއި، އެއްބަސްވުމުގައި އީރާނުން ސޮއި ނުކުރާނަމަ އަދިވެސް އެފަދަ ހަމަލާތައް ދޭނޭ ކަމަށެވެ. މާނައަކީ، މިއީ އެއްގޮތަކަށްވެސް “އަމިއްލަ ދިފާއުގައި” ދޭ ހަމަލާތަކެއް ނޫންކަމެވެ. މިއީ، ސީދާ އީރާނު ނިކަމެތިކޮށްލަން ދެމުންގެންދާ ހަމަލާތަކެއް ކަމެވެ. ގަސްތުގައި ރާވައިގެން ދެމުންގެންދާ ހަމަލާތަކެއް ކަމެވެ.
ބައިނަލްއަގްވާމީ ބައެއް މީޑިއާ ވަސީލަތްތަކުން ބުނަނީ، ދެފަރާތުން ހަމަލާތައް ބަދަލުކުރި ނަމަވެސް، އެއްބަސްވުމެއް ހެދުމަށްޓަކައި ދެކެވޭ ވާހަކަތައް ހުއްޓާނުލާ ކަމަށެވެ. ވާހަކަތައް ކުރިއަށްދާ ކަމަށެވެ.
އެމެރިކާއިން އީރާނަށް ރޭގައިދިން އުދުވާނީ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް އީރާނުގެ ޚާރިޖިއްޔާއިން މިއަދު ބުނީ، ވާހަކަ ދެއްކިނަމަވެސް އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.



