އީރާނާއި އެމެރިކާއާ ދެމެދު ހަދާ ކޮންމެ އެއްބަސްވުމަކަށް އިސްތިއުމާރީ އިސްރާއީލުން ހުރަސްއަޅާނޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އިއްޔެވެސް ވިދާޅުވެފައި ވެއެވެ. އެއްބަސްވުން ފެއިލްކޮށްލަން ކުރެވުނުހާ ކަމެއް އިސްތިއުމާރީ ދައުލަތުން ކުރާނޭ ކަމަށްވެސް ވިދާޅުވިއެވެ.
އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓު ޑިފެންސް މިނިސްޓަރު ޔިސްރައިލް ކާޒްވެސް ބުނީ، އީރާނާއި އެމެރިކާއާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުން ލުބުނާނުގެ ދެކުނުގައި ތިބި އިސްރާއީލު ސިފައިން ލުބުނާނުން ނުބާލާނޭ ކަމަށާއި، ނުވެސް ބޭލޭނޭ ކަމަށެވެ. މާނައަކީ، އީރާނާއި އެމެރިކާއާ ދެމެދު ހަދާ އެއްބަސްވުމަކަށް އިސްރާއީލުން އަމަލު ނުކުރާނޭ ކަމެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، އެއްބަސްވުމެއް ހެދުމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ދެކެވެމުންދާ ވާހަކަތަކުގައި މިހާތަނަށް އެއްބަސްވެވިފައިވާ ނުކުތާތަކުގެ ތެރޭގައި، ލުބުނާނާއި ޣައްޒާ ހިމެނޭހެން، އިސްތިއުމާރީ ދައުލަތުން ސަރަހައްދުގައި ކުރަމުންދާ ހުރިހާ ހަނގުރާމައެއް އަދި ސަރަހައްދުގެ ގައުމުތަކަށް ދެމުންގެންދާ ހުރިހާ ހަމަލާތައް ހުއްޓުވުން ހިމެނޭ ކަމަށެވެ.
އިސްރާއީލާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް އަދި އިސްރާއީލުގެ ބަހެއްވެސް ނުހޯދައި، ޓްރަމްޕް އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދަން އުޅޭތީ އިސްތިއުމާރީ ދައުލަތާއި، މުޖުރިމު ނަތަންޔާހޫ ރުޅިއައިސްގެން އުޅޭ ކަމަށް އަޑު އަރުވައިގެން އުޅެއެވެ. ޓްރަމްޕް ކަންތައް ކުރަމުންދާގޮތުން އެމީހުންވެސް ހައިރާންވާ ކަމަށް ބުނެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިއަދު އެކްސްގައި ޕޯސްޓްކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި އެއްބަސްވުން ފައިނަލް ކުރެވޭނޭ ކަމަށް ބެލެވޭ ކަމަށެވެ. އެއްބަސްވުން ފައިނަލް ކުރެވުމާއެކު ވަގުތުން އިލެކްޓްރޯކް ސޮއި ކުރެވޭނޭ ކަމަށާއި، އެއްބަސްވުމާ ގުޅިގެން ބާއްވާ ޓެކްނިކަލް ވާހަކަތައް އަންނަ ހަފްތާގައި ފެށޭނޭ ކަމަށެވެ.
އެކަމަކު، އެއްބަސްވުމަކާ ހަމައަށް ދިޔަ ނުދިނުމަށް އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ނަތަންޔާހޫ އޭނާގެ ސިފައިންނަށް އަމުރުކޮށްގެން މުޅި ލުބުނާނުގެ ދެކުނު ސުންނާފަތިކުރަމުން އެބަ ގެންދެއެވެ. މިއީ، އީރާނު ރުޅިއަރުވަން ނަތަންޔާހޫ ގަސްތުގައި ކުރަމުންދާ ކަމެކެވެ.
ލުބުނާނުގެ ދެކުނުގެ 20 އަވަށަކުން އާންމުން ނުކުންނަން މިއަދު އަމުރުކޮށް ދިހަ ވަރަކަށް މިނެޓްތެރޭގައި ލުބުނާނުގެ ދެކުނަށް ސަތޭކަ އެއްތައް ވައިގެ ހަމަލާ ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކުގައި ލުބުނާނުގެ އާންމުންނާއި ސިފައިންވެސް މަރުވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ގެތަކާއި، އިމާރާތްތަކަށް ވަރުގަދައަށް ބޮންއަޅަމުންދާ ކަމަށްވެސް ލުބުނާނު މީޑިއާއިން ބުނެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުންގެ ޖެޓުތަކުން ބޮންއަޅަމުން ގެންދާއިރު، ޑްރޯން ހަމަލާތައްވެސް ގެންދަނީ ދެމުންނެވެ.
ލުބުނާނުގެ ދެކުނުގައި ހަމަ އެންމެ ގެއެއްވެސް ނުބަހައްޓައި ބޮންއަޅައި ސުންނާފަތި ކުރަމުންދާ ކަމަށާއި، ހަމަލާދެނީ ހިޒްބުﷲ މީހުންގެ ތަންތަނަށް ކަމަށް ޒަޔަނިސްޓުން ބުނި ނަމަވެސް، މިއީ ކަނޑައެޅިގެން ދޮގު ކަމަށާއި، އެމީހުންގެ ބޭނުމަކީ ލުބުނާނުގެ މުޅި ދެކުނު ބިމާހަމަކޮށްލުން ކަމަށް، ތަޖުރިބާކާރުން ބުނެއެވެ.
ލުބުނާނު ސަރުކާރާއި އިސްރާއީލާ ދެމެދު ވޮޝިންޓަންގައި ހެދި އެއްބަސްވުމުގެ ދަށުން ލުބުނާނު ސިފައިން ދިޔަ އެތައް ސަރަހައްދެއްވެސް އިސްތިއުމާރީ ސިފައިން ޓޭންކާއެކު ވަދެ ހިފާފައިވާ ކަމަށާއި، ހަމަލާތައް ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ދިއުމުގެ ވިސްނުން އިސްތިއުމާރީ ދައުލަތުގައި އެއްވެސް ވަރަކަށް ނެތްކަމަށް މުހައްލިލުން ބުނެއެވެ.
އިސްތިއުމާރީ ޓެރަރިސްޓު ދައުލަތުން ލުބުނާނުގެ އާންމުން މަރައިހުސްކޮށް، މުޅި ދެކުނު ސުންނާފަތި ކުރަމުންދާއިރު، އެމެރިކާއިން ގެންދަނީ މުޖުރިމު ނަތަންޔާހޫ ހިމާޔަތްކުރަމުންނެވެ. ލުބުނާނުގެ އާންމުންގެ ބޮލަށް އަޅަން ހުސްނުވާވަރަށް ބޮންފޮނުވައި، ހަމަލާދޭން ހަތިޔާރުވެސް ފޮނުވަމުންނެވެ.
އީރާނާއެކު ހަދާ އެއްބަސްވުން ފެއިލްކޮށްލަން އިސްތިއުމާރީ ދައުލަތުން މަސައްކަތް ކުރަނީ ސީދާ އެމެރިކާ އަޑީގައި އޮވެގެންނެވެ. ލުބުނާނުގެ ދުވަސް ދުއްވާލާއިރުވެސް އެމެރިކާގެ ރައީސް ޓްރަމްޕް ޗުއްޕުވެސް ނުބުނެއެވެ.



