މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ޒަޔަނިސްޓުން ކުޑަވެސް ފުރުސަތެއް ނުދޭނެ: އީރާން

ޚަބަރު ފަހުގެ ދުނިޔެ

ޑިޕްލޮމެސީއަށް ނުވަތަ މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ހައްލުކުރުމަށް ކުޑަވެސް ފުރުސަތެއް ދޭން ޒަޔަނިސްޓުން ބޭނުން ނުވާނޭ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ރޭގައި ސޮއިކުރި އެމްއޯޔޫއާ ގުޅޭގޮތުން އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫއަށް ޒަޔަނިސްޓު ދައުލަތް ބޯލެންބެވުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުރިހާ ކަމަކާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކޮށް ވާހަކަ ދެއްކުމަށްފަހު އެންމެފަހުގެ އެމްއޯޔޫ ހެދި އަދި އެމެރިކާގެ ފަރާތުން އެމެރިކާގެ ރައީސް އަދި އީރާނުގެ ފަރާތުން އީރާނުގެ ރައީސް ސޮއިކުރެއްވުމުން އެމްއޯޔޫއަށް އަމަލުކުރަން ފެށުނީ ކަމަށާއި، އެއާ ގުޅޭގޮތުން ބަޔަކު އިތުރަށް ދައްކާނެ ވާހަކައެއް، ދައްކާނެ ބަހަނާއެއް ނޯންނާ ކަމަށް، އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

އެމްއޯޔޫގައި ސޮއިކުރުމާއެކު އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ކަނޑައަޅާފައި ވީނަމަވެސް، ރެއާއި އަދި މިއަދުވެސް ލުބުނާނުގެ ދެކުނަށް ވައިގެ ހަމަލާތައް ދެމުން އެބަގެންދެއެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އިސްތިއުމާރީ ސިފައިން ލުބުނާނަށް ހަމަލާ ދޭނަމަ އެކަން ބެލެވޭނީ އެމެރިކާއިން އެމްއޯޔޫއާ ޚިލާފްވުން ކަމަށެވެ. އިސްރާއީލު ހުއްޓުވަން ޖެހޭނީ އެމެރިކާއިން ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫ ގަބޫލުކުރަން އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫއާއި، އޭނާގެ ބައިވެރިން ގެންދަނީ ދެކޮޅު ހަދަމުންނެވެ. ނަތަންޔާހޫގެ މުޝީރު ބުނެފައިވަނީ، އެމްއޯޔޫގައި ހިމެނޭ ލުބުނާނުގެ ވާހަކައަކީ އިސްރާއީލާ ބެހޭކަމެއް ނޫން ކަމަށާއި، އެއީ އިސްރާއީލުން އަމަލުކުރަންޖެހޭ އެއްޗެއް ނޫން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޖުބޫރުކޮށްގެން ނަމަވެސް، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ޖެހުނު ނަމަވެސް، ލުބުނާނުގެ ދެކުނުގައި ތިބި ސިފައިން ނުބާލައި ބައިތިއްބަން އިސްރާއީލުން މިހާރު ގެންދަނީ އެމެރިކާއާއެކު ސިއްރުން ވާހަކަތަކެއް ދައްކަމުންނެވެ. ލުބުނާނުގެ ދެކުނުން ސިފައިން ބޭލުމަކީ އިސްތިއުމާރީ ދައުލަތުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަށާއި، ހިޒްބުﷲ އަތުން ހަތިޔާރު އަތުލެވެންދެން ނުވަތަ ހިޒްބުﷲއިން ހަތޔާރު ބަހައްޓައި ލުބުނާނުގެ ދެކުނުން ފައިބައިގެން ދަންދަން އިސްތިއުމާރީ ސިފައިން ބައިތިއްބަން މުޖުރިމު ނަތަންޔާހޫ ގެންދަނީ ޓްރަމްޕަށް ޕްރެޝަރ ކުރަމުންނެވެ.

އެކަމަކު، ލުބުނާނުގެ ދެކުނުން އިސްތިއުމާރީ ސިފައިން ބޭލުމަކީ އެމްއޯޔޫގައި ކަނޑައަޅާފައިވާ ކަމެކެވެ. އެކަން ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް 60 ދުވަހުގެ ތެރޭގައި އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތަކަށް ފަހުގައެވެ. އީރާނުން ލުބުނާނުގެ ރައްޔިތުންނަށް ޔަގީންކަން ދީފައިވަނީ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުން ބާލާނޭ ކަމަށެވެ.

އިސްތިއުމާރީ ސިފައިންނަށް ލުބުނާނުގެ ދެކުނުގައި ތިބެވޭނެ ހަމައެކަނި ގޮތަކީ އެމެރިކާއިން އީރާނާއެކު ހެދި އެއްބަސްވުން ރޫޅާލުމެވެ. އެކަން ކޮށްފިނަމަ އީރާނުގެ ކިބައިން އިސްރާއީލު ސަލާމަތް ނުވާނެކަން އެމެރިކާގެ ރައީސަށްވެސް އެނގެއެވެ. އަދި ޚުދު އެމެރިކާއަށްވެސް މިހާރު އީރާނާ ކުރިމަތިލުމަކީ ކެރިކުޅަދާނަވެގެންވާ ކަމެއް ނޫންކަން ޓްރަމްޕްގެ ވާހަކަތަކުންވެސް އެނގެއެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، ޚާއްސަކޮށް ވައުދުތަކާއި އަހުދުތަކަށް ތަބާނުވާ ބަޔާއެކު ބައިނަލްއަގްވާމީ އެއްބަސްވުންތައް ހަދައި ތަންފީޒުކުރުމަކީ ވަރަށް އުނދަގޫކަމެއް ކަމަށާއި، އެމްއޯޔޫ ތަންފީޒުކުރަން އީރާނުން ގަދައަޅައި މަސައްކަތް ކުރާނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ