ޑޮލަރު ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދެނީ

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެ ކަމަށް ބުނެފިއެވެ.

ބޭންކަށް ލިބޭ ޑޮލަރަށްވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމުގައި ބީއެމްއެލް އިން ވަނީ ހިފެހެއްޓުންތަކެއް ގެންގުޅެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ލިމިޓްތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އެކަމުގެ ފައިދާ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1،000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެ އެވެ. މީގެ އިތުރުން، އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3،000 ޑޮލަރުގެ ލިމިޓެއް ލިބެ އެވެ. ބޭންކުން ބުނި ގޮތުގައި މި ލިމިޓްތަކަށް މިއަދަދަށް ބޮޑުކުރިފަހުން ބަދަލެއް ގެނެސްފައި ނުވާނެއެވެ. އަދި، ބޭސްފަރުވާ ނުވަތަ ތައުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ ގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، އޭގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކަށް ކަމަށް ބެންކުން ބުނެއެވެ.

އެ މުއްދަތުގައި ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބެންކުން ބުނެއެވެ. އެގޮތުން އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެއްކަން ބީއެމްއެލްއިން ފާހަގަކުރިއެވެ.

ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ވެސް އެ ބެންކުން ދެ އެވެ.

ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅައިބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެމުންދަނީ ބީއެމްއެލްއިންކަން ވެސް އެ ބެންކުން ވަނީ ފާހަގަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ