އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދޭން އީރާނުން ތައްޔާރުވާން ފަށައިފި

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ރައްދު ހަމަލާތައް ދިނުމަށް އީރާނުން ތައްޔާރުވާން ފަށައިފިއެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ އަސްކަރީ މުޝީރު މުހްސިން ރިޒާއީ އެކްސްގައި ޕޯސްޓް ކުރެއްވި ކުރު މެސެޖެއްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް އުދުވާނު ހިންގާ ދުޝްމަނަށާއި، އޭގެ ބައިވެރިންނަށް ވޭންދެނިވި ބޮޑު އަދަބެއް ދެއްވާނޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާ ސިފައިން މިރޭ ވަނީ އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް، އީރާނުގެ އިތުރު ސިޓީތަކަށް ފުޅާކޮށްފައެވެ. ރޭގައި ހަމަލާދިނީ ބަންދަރު އައްބާސްއާއި، ކީޝް އައިލެންޑް، ބުޝެހްރް އަދި ސިރީކަށް ނަމަވެސް، އެ ސިޓީތަކުގެ އިތުރުން، މިރޭ ގެންދަނީ އީރާނުގެ އެތައް ޕޯޓެއް ހިމެނޭ ސިޓތަކަށްވެސް ހަމަލާތައް ދެމުންނެވެ.

އީރާނުގެ ދެކުނުއިރުމަތީގެ އެންމެ މުހިންމު ބަނދަރު ކަމަށްވާ ޝަބާހަރަށާއި، އަބޫ މޫސާ އައިލެންޑަށާއި، ނިއުކްލިއަރ ޕްރޮގްރާމްގެ ސައިޓެއް ކަމަށްވާ އިސްފަހާން އަދި އީރާންޝަހްރަށްވެސް ގެންދަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

އެމެރިކާ ސިފައިން އީރާނަށް ދެމުންގެންދާ ވަރުގަދަ ވައިގެ ހަމަލާތަކާއެކު، އީރާނުގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑުތައް އިވެމުންދާ ކަމަށް، އީރާނުގެ މީޑިއާއިން ބުނެއެވެ.

ބައެއް ސިޓީތަކުން ކަރަންޓު ކެނޑިފައިވާ ކަމަށްވެސް އީރާނު މީޑިއާއިން ބުނެއެވެ. އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން އިންޒާރުވެސް ކޮށްފައި ވެއެވެ.

އެމެރިކާއިން ދޭން ފެށި ހަމަލާތަކާއެކު އީރާނުގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ އެއަރ ޑިފެންސް ސިސްޓަމްތައްވެސް އެކްޓިވޭޓްކޮށް އެމެރިކާގެ އުދުވާނީ ހަމަލާތައް ހުއްޓުވަމުން ގެންދާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން ބުނަމުންދަނީ އީރާނަށް ވައިގެ ހަމަލާތައް ދެމުންގެންދަނީ، ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭތީ އެކަމުގެ ބަދަލު ހިފުމުގެގޮތުން ކަމަށެވެ. އެކަމަކު، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އެމެރިކާގެ ހަގީގީ ބޭނުމަކީ އީރާނުން ދައްކަމުންގެންދާ ދެކޮޅުވެރިކަން ހުއްޓުވައި، ހޮރްމޫޒުގެ ކޮންޓްރޯލް ނެގުން ކަމަށެވެ.

އީރާނުން ބުނަމުންދަނީ، އެމެރިކާއާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުންވެސް ހޮރްމޫޒު މެނޭޖްކުރުން އޮތީ އީރާނަށް ކަމަށާއި، ބޭރުގެ ބޭރަކަށް ހޮރްމޫޒުގެ ކޮންޓްރޯލް ނުނެގޭނޭ ކަމަށެވެ.

އެމެރިކާއިން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އީރާނުގެ އަސްކަރީ މަރުކަޒީ ކޮމާންޑުން ނެރެފައިވާ ވަރުގަދަ އިންޒާރުގައި ބުނެފައިވަނީ، އެމެރިކާ ސިފައިން ބާރުވެރިކަން “ފުނޑުފުނޑުކޮށްލާވަރުގެ” ރައްދު ހަމަލާތަކެއް އަންނާނޭ ކަމަށެވެ.

ޓްރަމްޕް ވައުދުވި ގޮތަށް އެމެރިކާ ސިފައިން އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމުން، ސަރަހައްދުގެ ގައުމުތަކަށް އީރާނުން ރައްދު ހަމަލާތައް ދިނުމުގައި ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށް ހަމަލާތައް އަމާޒުކުރާނެ ކަމަށް މިހާރު ބެލެވެން ފަށާފައި ވެއެވެ. އީރާނުން މިފަދައިން ކަންތައް ކޮށްފިނަމަ މައްސަލަ ކޮންޓްރޯލުން ނެއްޓި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައްވެސް ފަތުއަޑުކިޔާފައި މައްޗަށް އަރައިގެންދާނެއެވެ. މިއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ގޮތެވެ. މައްސަލަ ގޯސްކުރީ ޓްރަމްޕެވެ.

އެމެރިކާ ސިފައިން އީރާނަށް ދިން އުދުވާނީ ހަމަލާތަކުގެ ވީޑިއޯތަކާއި ފޮޓޯތައް، އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކޮށް ޓްރަމްޕް މިރޭވެސް ބުނެފައިވަނީ، އީރާނުން ރައްދު ހަމަލާ ދޭނަމަ އެމެރިކާގެ ހަމަލާތައް އިހުނަށް ވުރެންވެސް ވަރުގަދަ ކުރާނޭ ކަމަށެވެ.

މުހައްލިލުން ބުނަނީ، އެމެރިކާ ސިފައިން މިރޭ ދެމުންގެންދާ ހަމަލާތަކުގެ އަމާޒުތަކަކީ، އީރާނުގެ ގޭޝްމް އައިލެންޑް ނުވަތަ ޚާރްޖް އައިލެންޑް ހިފުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އީރާނުގެ ތެލުގެ ސިނާއަތުގެ އެންމެ މުހިންމު ރަށް ކަމަށްވާ ޚާރްޖް އައިލެންޑް ހިފަން ޖެހިދާނޭކަމަށް އެމެރިކާގެ ރައީސް، ތުރުކީގައި ހުރެ ވަނީ ބުނެފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕަށް “ތެލަށްމޮޔަވެފައިވާ” މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ