އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ. ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މި ތަކެތި ހަވާލުކޮށްދެއްވީ ޔޫއެސް އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރު މިހްޔަ އަލް ނިފެއިޑީއާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯ.ޑީސީ) ގެ ފަރާތުން އެންރިކޯ ބޮނިންގސެނާއެވެ.
މި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ، މިއަދު މި ހަވާލުކުރެވިގެންދިޔަ ޑްރަގް ޓެސްޓް ކިޓްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަހުގީގުތަކަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު މި ހަވާލުކުރެވިގެންދިޔަ 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެކެވެ. މީގެ ސަބަބުން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގުގެ މަރުހަލާތަކަށް އެހީއަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.


