ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތާއި، “ބިންވެރިޔާ” ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކަށް ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް އުފައްދައިފިއެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މި ސްކީމްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށްޓަކައި މި ކޮމިއުނިޓީތަކާ ގުޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މި އިސްނެގުމުގެ ދަށުން މިހާތަނަށް ޖުމްލަ 4 ވައިބަރ ކޮމިއުނިޓީއެއް ވަނީ އުފައްދާފައެވެ. އޭގެ ތެރޭގައި “ބިންވެރިޔާ” ސްކީމްގެ ދަށުން އެކި ސަރަހައްދުތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ހަދާފައިވާ 3 ކޮމިއުނިޓީއެއް ހިމެނެއެވެ. އެއީ:
-
“ބިންވެރިޔާ ހުޅުމާލެ” ވައިބަރ ކޮމިއުނިޓީ،
-
“ބިންވެރިޔާ ގުޅިފަޅު” ވައިބަރ ކޮމިއުނިޓީ
-
“ބިންވެރިޔާ ގިރާވަރުފަޅު” ވައިބަރ ކޮމިއުނިޓީ
މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޢާންމު ސިޔާސަތުތަކާއި އެންމެހައި މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް “ބޯހިޔާވަހިކަން އެންމެންނަށް” ނަމުގައިވެސް ޚާއްޞަ ވައިބަރ ކޮމިއުނިޓީއެއް ވަނީ ހުޅުވާލާފައެވެ. މި ކޮމިއުނިޓީތަކުގެ ސަބަބުން ބޯހިޔާވަހިކަމުގެ ފުރުޞަތުތަކަށް އިންތިޒާރުކުރާ އަދި ގޯތި ލިބިފައިވާ ރައްޔިތުންނަށް ސަރުކާރުގެ ރަސްމީ އިދާރާއިން ފޮނުވާ ސައްހަ މަޢުލޫމާތުތައް ވަގުތުން ވަގުތަށް ލިބުމަށް މަގުފަހިވެގެންދާނެއެވެ.


